Uzbekistan
ފުލްބެކުންނަކީ ހަމައެކަނި ޑިފެންސް ކުރާ ބައެއް ނޫން ކަމުގެ ހެއްކަކަކަށް ޕޯޗުގަލްގެ ނޫނޯ މެންޑޭޒް ފުދެ އެވެ. ޑިފެންސިވް ޑިސިޕްލިން ހިފަހައްޓައިގެން އޭނާގެ ކުޅަދާނަކަމާ އެކު އެޓޭކް ތަކުގައި ވެސް މުހިއްމު ދައުރެއް ޕީއެސްޖީގައި އޭނާ އަންނަނީ އަދާ ކުރަމުންނެވެ.
ޕޯޗުގަލްގައި ވެސް އޭނާ އަންނަނީ އޭނާގެ މުހިއްމުކަން ދައްކަމުންނެވެ. އަނިޔާގެ ސަބަބުން އޭނާއަށް ކުރިމަތިވި ގޮންޖެހުންތަކާ އެކު ވެސް ވަނީ އެނބުރި އައިސް، ޕޯޗުގަލް އަށް ޔުއެފާ ނޭޝަންސް ލީގު ކާމިޔާބު ކޮށްދެން މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ. ނޭޝަނަސް ލީގު ފައިނަލްސް އަށް ގެންގޮސް ދޭން ޓީމުން ޖެހި ގޯލުތަކުގައި ހިއްސާވެ، ފައިނަލް މެޗުގައި ގޯލެއް ވެސް ކާމިޔާބު ކުރި އެވެ.
އުމުރުން 23 އަހަރުގައި ފުރަތަމަ ވޯލްޑް ކަޕާ ކުރިމަތި ލާއިރު އޭނާ ދަނޑުމަތީގައި ފެންނަމުން ދަނީ ޓީމުގެ އިތުރު އެޓޭކަރެއްގެ ގޮތުގަ އެވެ. މުބާރާތަށް ކުރިމަތި ލާއިރު، އޭނާ އަކީ އުންމީދީ ކުލުންތެރިއެއްގެ ބަދަލުގައި އޭނާގެ ނަން ފާހަގަ ވެގެން ދާނީ އެންމެ މަތީ ފަންތީގެ ކުޅުންތެރިންގެ ލިސްޓުގަ އެވެ. ދަނޑުމަތީގެ މަގާމު ތަފާތު ވިއަސް ގިނަ ބަޔަކު ދެކޭ ގޮތުގައި އޭނާ އަކީ ރޮނާލްޑީނިއޯއާ އެއްފަދަ ހުނަރެއް ލިބިފައިވާ ކުޅުންތެރިއެކެވެ. އަދި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ރިކާޑޯ ކޮރެސްމާ އަށް ފަހު ޕޯޗުގަލްގެ ސްޕޯޓިން އިން އުފެއްދި އެންމެ ހުނަރުވެރި ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު އޭނާ ސިފަ ކުރެ އެވެ.
ޕީއެސްޖީގެ ތަރިން ގިނަ ސްކޮޑުން ޖާގަ ހޯދަން ޕޯޗުގަލްގެ ޖާއޯ ވެވޭސް އަށް މާ ފަސޭހައެއް ނޫނެވެ. ނަމަވެސް ލިބޭ މަދު ފުރުސަތުތަކުގެ ބޭނުން އޭނާ އެންމެ ރަނގަޅަށް ހިފަ އެވެ. އޭނާ އަކީ ޕޯޗުގަލްގެ ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 23 މެޗުން ވެސް މުހިއްމު ދައުރެއް އަދާ ކޮށްދިން މުހިއްމު ކުޅުންތެރިއެކެވެ.
ކޮލިފައިންގައި ނެވޭސް ވަނީ، ބްރޫނޯ ފެނާންޑޭޒް އާއި ޕީއެސްޖީގައި އޭނާގެ ޓީމް މޭޓް ވިޓީނިއާ އާ އެކު ޕޯޗުގަލްގެ ޓީމުގައި މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ. މިޑްފީލްޑުގައި އޭޏާ އަކީ އެޓޭކާއި ޑިފެންސުގައި ވެސް އެއްވަރަށް ކުޅޭ ކުޅުންތެރިއެކެވެ. ދަނޑުމަތީގައި އެންމެ ނުފޫޒު ގަދަ ނޫނަސް އޭނާ އަކީ ގޭމް ކޮންޓްރޯލް ކޮށްލާ ފެންވަރުގެ ކުޅުންތެރިއެކެވެ.
ނެވޭސް ވަނީ 2024 ވަނަ އަހަރު ޕޯޗުގަލް އާއެކު ޔޫރޯ މުބާރާތް ކުޅެފަ އެވެ. އެއަށް ފަހު ޕޯޗުގަލްއާ އެކު ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކުރި އެވެ. މިއީ އޭނާ ކުޅޭ ފުރަތަމަ ވޯލްޑް ކަޕެވެ.
ލޯނު އުސޫލުން ވުލްވްސް އަށް ކުޅެމުން ދިޔަ ވިޓީނިއާ 2022 ވަނަ އަހަރު ޕީއެސްޖީން ގެންދިޔައީ ޕޯޓޯ އާއެކު އޭނާގެ ރިލީޒް ކްލޯސް ދައްކައިފަ އެވެ. މި ޓްރާންސްފާ އަކީ ގިނަ ބަޔަކު ސުވާލު ވެސް އުފެއްދި ޓްރާންސްފާ އެކެވެ. ނަމަވެސް ފުރަތަމަ ދުވަހުން ފެށިގެން އޭނާ ސާބިތު ކޮށްދެމުން އަންނަނީ ޕީއެސްޖީން އޭނާއަށް ހޭދަކުރީ ބޭކާރު ފައިސާއެއް ނޫން ކަމެވެ. ޕީއެސްޖީއަށް ފުރަތަމަ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދީ، އޭނާ ވަނީ މިދިޔަ އަހަރުގެ ބެލޮންޑީއޯ ލިސްޓުގެ ތިން ވަނަ ހޯދައިފަ އެވެ. އޭނާ އަކީ ގިނަ ކްލަބްތަކަކުން ޝައުގުވެރި ވާ މިޑްފީލްޑަރެކެވެ. ޕީއެސްޖީގައި ނުފޫޒު ވެސް ގަދަ މި ކުޅުންތެރިޔާ އަށް ރެއާލް މެޑްރިޑުން ވެސް ފާރަލަ އެވެ. މި ސީޒަންގައި ވެސް ވަނީ އޭނާގެ މޮޅު ކުޅުން ތަކުރާރު ކޮށްފަ އެވެ. ރޮނާލްޑޯގެ ފަހު ވޯލްޑް ކަޕް ޕޯޗުގަލް އަށް ކާމިޔާބު ކޮށްދޭން އެ ޓީމުގައި ހިމެނޭ އެންމެ މުހިއްމު އެއް ކުޅުންތެރިޔަކީ ވިޓީނާ އެވެ.
ޕޯޗުގަލް ގޮވައިގެން އުމުރުން 41 އަހަރުގައި ރޮނާޅްޑޯ ނުކުންނަނީ އޭނާގެ ހަ ވަނަ ވޯލްޑް ކަޕަށެވެ. ރޮނާލްޑޯ އަކީ ގައުމީ ޓީމަކަށް މިހާތަނަށް އެންމެ ގިނަ މެޗު ކުޅެދީ، އެންމެ ގިނަ ގޯލު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ މިހާތަނަށް ކުޅުނު ފަސް ވޯލްޑް ކަޕްގައި ވެސް ގޯލު ޖަހައިފަ އެވެ. މިހާތަނަށް ކްލަބާއި ގައުމީ ޓީމަށް 970 ގޯލު ޖަހައިދީފައިވާ ރޮނާލްޑޯ އަށް ހާސިލް ނުވެ އޮތް ހަމައެކަނި މުބާރާތަކީ ވޯލްޑް ކަޕެވެ. އެހެންކަމުން އޭނާ ބޭނުންވަނީ ކެރިއަރު ނިންމާލުމުގެ ކުރިން އެ އުއްމީދު ހާސިލްކުރާށެވެ. އެކަމަށް ބޭނުންވާނެ ވަރުގަދަ ސްކޮޑެއް ޕޯޗުގަލް ޓީމުގައި އެބައޮތެވެ.
ރަން ޖީލަކާ އެކު ޕޯޗުގަލް މިފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލަނީ ފުރަތަމަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދުމުގެ އަޒުމުގަ އެވެ. ފުޓްބޯޅައިގެ ތަޖުރިބާކާރުންގެ ނަޒަރުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަހު ވޯލްޑް ކަޕްގައި މިވަގުތު އެގައުމުގައި އޮތީ ޗެމްޕިއަންކަން ހޯދޭނެ ފެންވަރުގެ ސްކޮޑެކެވެ.
ވޯލްޑް ކަޕްގައި ޕޯޗުގަލް ފުރަތަމަ ފަހަރަށް ވާދަކުރީ 1966 ވަނަ އަހަރު އެވެ. ފުރަތަމަ ބައިވެރިވުމުގައި ވެސް ތިން ވަނަ ހޯދި އެވެ. ގަވާއިދުން ވޯލްޑް ކަޕްގައި ކުޅޭ ގައުމަކަށް ޕޯޗުގަލް ބަދަލުވީ 2002 ވަނަ އަހަރުން ފެށިގެންނެވެ. އޭގެފަހުން މިހާތަނަށް ހުރިހާ މުބާރާތެއްގައި އެގައުމުން ވަނީ ކުޅެފަ އެވެ. އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުއާޓާ ފައިނަލަށް ދަތުރުކުރި އެވެ.
ވޯލްޑް ކަޕަށް ޕޯޗުގަލް ކޮލިފައިވީ އަޔަލެންޑާއި ހަންގޭރީ އަދި އަރްމީނިއާ ހިމެނުނު ގްރޫޕުގެ އެއް ވަނަ ހޯދައިގެންނެވެ. ކޮލިފައިންގައި ކުޅުނު ހަ މެޗުން ހަތަރު މެޗު ކާމިޔާބުކުރި އެވެ. އެއް މެޗު އެއްވަރުވިއިރު އެއް މެޗުން ވަނީ ބަލިވެފަ އެވެ. ކޮލިފައިންގައި އިދިކޮޅު ގޯލަށް 20 ގޯލު ޖެހިއިރު ބައިކޮޅަށް ވަނީ ހަތް ގޯލެވެ.
ފުޓްބޯޅައިގައި ޕޯޗުގަލް ވަނީ 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތާއި ޔޫއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން 2019 އަދި 2025 ވަނަ އަހަރު ހޯދައިފަ އެވެ.
ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒަކީ މީގެކުރިން ބެލްޖިއަމްގެ ރަން ޖީލު ގެންގުޅުނު ކޯޗެވެ. ބެލްޖިއަމްގެ ކޯޗުކަން 2016 އިން 2022 އަށް ކުރިއިރު، އެގައުމަށް ބައިނަލްއަގްވާމީ ތައްޓެއް ހޯދައިނުދެވުމަކީ އޭނާ އަށް އަދިވެސް އަމާޒުވާ ފާޑުކިޔުމެކެވެ. ބެލްޖިއަމް މާޒީ ވުމަށްފަހު މާޓިނޭޒަށް ލިބުނު ޕޯޗުގަލްގެ ސްކޮޑަކީ ވެސް އެހާމެ ވަރުގަދަ ސްކޮޑެކެވެ. އެ ސްކޮޑާ އެކު މިފަހަރު މާޓިނޭޒަށް އޮތް ހަމަ އެކަނި ގޮތަކީ ތަށި ހޯދުމެވެ. އެނޫން ކޮންމެ ނަތީޖާއެއް ވާނީ ފެއިލްވުމަކަށެވެ. ކްލަބް ކޯޗިންގައި މާޓިނޭޒް ވަނީ އިންގްލެންޑުގެ ސްވާންސީ ސިޓީ އާއި ވިގަން އެތުލެޓިކް އަދި އެވަޓަން އަށް އިރުޝާދުދީފަ އެވެ.
ޕޯޗުގަލްއޭ ބުނުމުން ހިތަށް އަންނާނެ ފުރަތަމަ ނަމަކީ އުމުރުން މިހާރު 41 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ އޭނާގެ ފަހު ވޯލްޑް ކަޕެވެ. ރަނުން ފަވާފައިވާ ކެރިއަރުގައި ރޮނާލްޑޯ އަށް މަދުވާ، ދުނިޔޭގެ އެންމެ ޝަރަފްވެރި ތަށި ހޯދަން މިފަހަރު އެހުރީ ގުރުބާންވާން ތައްޔާރަށެވެ.
ރޮނާލްޑޯއާ އެކު ޕޯޗުގަލްގައި ތިބީ ހުސް ތަރިންނެވެ. މީގެތެރެއިން އެންމެ ފާހަގަކޮށްލެވެނީ އެ ގައުމުގެ މެދުތެރެ ބަލަހައްޓާ ބްރޫނޯ ފެނާންޑޭސް އާއި ވިޓީނިއާގެ އިތުރުން ޖާއޮ ނެވޭސް އެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި ފެންނާނެ އެންމެ ވަރުގަދަ މިޑްފީލްޑް ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ.
އިތުރު މަގާމްތަކުގެ ކުޅުންތެރިންނަށް ބަލާއިރު ގޯލްކީޕަރު ޑިއޭގޯ ކޮސްޓާ އާއި ރުބެން ޑިއާސްގެ ތަޖުރިބާ އަދި ނޫނޯ މެންޑޭސްގެ ހަލުވި ކުޅުން މިފަހަރުގެ ވޯލްޑް ކަޕްގައި އެގައުމަށް މުހިއްމުވާނެ އެވެ.