ރަން ޖީލަކާ އެކު ޕޯޗުގަލް މިފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލަނީ ފުރަތަމަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދުމުގެ އަޒުމުގަ އެވެ. ފުޓްބޯޅައިގެ ތަޖުރިބާކާރުންގެ ނަޒަރުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަހު ވޯލްޑް ކަޕްގައި މިވަގުތު އެގައުމުގައި އޮތީ ޗެމްޕިއަންކަން ހޯދޭނެ ފެންވަރުގެ ސްކޮޑެކެވެ.

ވޯލްޑް ކަޕްގައި ޕޯޗުގަލް ފުރަތަމަ ފަހަރަށް ވާދަކުރީ 1966 ވަނަ އަހަރު އެވެ. ފުރަތަމަ ބައިވެރިވުމުގައި ވެސް ތިން ވަނަ ހޯދި އެވެ. ގަވާއިދުން ވޯލްޑް ކަޕްގައި ކުޅޭ ގައުމަކަށް ޕޯޗުގަލް ބަދަލުވީ 2002 ވަނަ އަހަރުން ފެށިގެންނެވެ. އޭގެފަހުން މިހާތަނަށް ހުރިހާ މުބާރާތެއްގައި އެގައުމުން ވަނީ ކުޅެފަ އެވެ. އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުއާޓާ ފައިނަލަށް ދަތުރުކުރި އެވެ.

ވޯލްޑް ކަޕަށް ޕޯޗުގަލް ކޮލިފައިވީ އަޔަލެންޑާއި ހަންގޭރީ އަދި އަރްމީނިއާ ހިމެނުނު ގްރޫޕުގެ އެއް ވަނަ ހޯދައިގެންނެވެ. ކޮލިފައިންގައި ކުޅުނު ހަ މެޗުން ހަތަރު މެޗު ކާމިޔާބުކުރި އެވެ. އެއް މެޗު އެއްވަރުވިއިރު އެއް މެޗުން ވަނީ ބަލިވެފަ އެވެ. ކޮލިފައިންގައި އިދިކޮޅު ގޯލަށް 20 ގޯލު ޖެހިއިރު ބައިކޮޅަށް ވަނީ ހަތް ގޯލެވެ.

ފުޓްބޯޅައިގައި ޕޯޗުގަލް ވަނީ 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތާއި ޔޫއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން 2019 އަދި 2025 ވަނަ އަހަރު ހޯދައިފަ އެވެ.

ކޯޗު: ރޮބާޓޯ މާޓިނޭޒް (52 އަހަރު)

ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒަކީ މީގެކުރިން ބެލްޖިއަމްގެ ރަން ޖީލު ގެންގުޅުނު ކޯޗެވެ. ބެލްޖިއަމްގެ ކޯޗުކަން 2016 އިން 2022 އަށް ކުރިއިރު، އެގައުމަށް ބައިނަލްއަގްވާމީ ތައްޓެއް ހޯދައިނުދެވުމަކީ އޭނާ އަށް އަދިވެސް އަމާޒުވާ ފާޑުކިޔުމެކެވެ. ބެލްޖިއަމް މާޒީ ވުމަށްފަހު މާޓިނޭޒަށް ލިބުނު ޕޯޗުގަލްގެ ސްކޮޑަކީ ވެސް އެހާމެ ވަރުގަދަ ސްކޮޑެކެވެ. އެ ސްކޮޑާ އެކު މިފަހަރު މާޓިނޭޒަށް އޮތް ހަމަ އެކަނި ގޮތަކީ ތަށި ހޯދުމެވެ. އެނޫން ކޮންމެ ނަތީޖާއެއް ވާނީ ފެއިލްވުމަކަށެވެ. ކްލަބް ކޯޗިންގައި މާޓިނޭޒް ވަނީ އިންގްލެންޑުގެ ސްވާންސީ ސިޓީ އާއި ވިގަން އެތުލެޓިކް އަދި އެވަޓަން އަށް އިރުޝާދުދީފަ އެވެ. 

މުހިއްމު ކުޅުންތެރިން

ޕޯޗުގަލްއޭ ބުނުމުން ހިތަށް އަންނާނެ ފުރަތަމަ ނަމަކީ އުމުރުން މިހާރު 41 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ އޭނާގެ ފަހު ވޯލްޑް ކަޕެވެ. ރަނުން ފަވާފައިވާ ކެރިއަރުގައި ރޮނާލްޑޯ އަށް މަދުވާ، ދުނިޔޭގެ އެންމެ ޝަރަފްވެރި ތަށި ހޯދަން މިފަހަރު އެހުރީ ގުރުބާންވާން ތައްޔާރަށެވެ.

ރޮނާލްޑޯއާ އެކު ޕޯޗުގަލްގައި ތިބީ ހުސް ތަރިންނެވެ. މީގެތެރެއިން އެންމެ ފާހަގަކޮށްލެވެނީ އެ ގައުމުގެ މެދުތެރެ ބަލަހައްޓާ ބްރޫނޯ ފެނާންޑޭސް އާއި ވިޓީނިއާގެ އިތުރުން ޖާއޮ ނެވޭސް އެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި ފެންނާނެ އެންމެ ވަރުގަދަ މިޑްފީލްޑް ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ.

އިތުރު މަގާމްތަކުގެ ކުޅުންތެރިންނަށް ބަލާއިރު ގޯލްކީޕަރު ޑިއޭގޯ ކޮސްޓާ އާއި ރުބެން ޑިއާސްގެ ތަޖުރިބާ އަދި ނޫނޯ މެންޑޭސްގެ ހަލުވި ކުޅުން މިފަހަރުގެ ވޯލްޑް ކަޕްގައި އެގައުމަށް މުހިއްމުވާނެ އެވެ.