ޕެނަމާ ނިސްބަތްވަނީ މިފަހަރުގެ ވޯލްޑް ކަޕް އޮންނަ އުތުރު އެމެރިކާ އަށެވެ. ވޯލްޑް ކަޕްގައި ޕެނަމާ ވާދަކުރާ މިއީ ދެ ވަނަ ފަހަރެވެ. މީގެކުރިން ކުޅުނީ 2018 ވަނަ އަހަރުގެ މުބާރާތުގަ އެވެ. އެފަހަރު ތިން މެޗުން ވެސް ބަލިވެ ކެޓީ އެވެ. ތިން މެޗުގައި ދެ ގޯލު ޖެހިއިރު ބައިކޮޅަށް 11 ގޯލު ވަނެވެ.

ޕެނަމާ ވަނީ އެންމެ ފަހުގެ ކޮޕާ އެމެރިކާގެ ކުއާޓާ ފައިނަލުގައި ކުޅެފަ އެވެ.

ކޮލިފައިންގެ ދެ ވަނަ ބުރުގައި ޕެނަމާ ވަނީ ގްރޫޕުގެ އެއް ވަނަ ހޯދައިފަ އެވެ. އަދި ތިން ވަނަ ބުރުގައި ގްރޫޕުގެ އެއް ވަނަ ހޯދައި ވޯލްޑް ކަޕްގެ ސީދާ ޖާގައެއް އެ ގައުމުން ހޯދި އެވެ. ތިން ވަނަ ބުރުގެ ހަ މެޗުގެ ތެރެއިން ތިން މެޗުން މޮޅުވިއިރު އަނެއް ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ. މި ބުރުގައި ޕެނަމާއާ ވާދަކުރީ ސުރިނާމް އާއި ގުއަޓަމާލާ އަދި އެލް ސަލްވަޑޯ އެވެ. 

ކޯޗު: ތޯމަސް ކްރިސްޓިއެންސަން (53 އަހަރު)

ޕެނަމާގެ ކޯޗަކީ ޑެންމާކަށް އުފަން ތޯމަސް ކްރިސްޓިއެންސަން އެވެ. އެކަމަކު ކުޅުންތެރިއެއްގެ ގޮތުގައި ތަމްސީލުކުރީ ސްޕެއިން އެވެ. ފުޓްބޯޅައިން ރިޓަޔާކުރުމަށް ފަހު ކޯޗިން ފެށީ 2013 ވަނަ އަހަރު އެވެ. މިދިޔަ މުއްދަތުގައި ކޯޗުކޮށްދިން ޓީމުތަކުގެ ތެރޭގައި އިނގިރޭސި ކްލަބް ލީޑްސް ޔުނައިޓެޑް ހިމެނެ އެވެ.

ޕެނަމާގެ ކޯޗުކަމާ ކްރިސްޓިއެންސަން ހަވާލުވީ 2020 ވަނަ އަހަރު އެވެ. މިދިޔަ ހަ އަހަރު ޕެނަމާގެ ފުޓްބޯޅަ އަށް ކުރިއެރުން ގެނެސްދީ ޕެނަމާ ވޯލްޑް ކަޕަށް އަލުން ކޮލިފައިވުމަކީ އޭނާގެ ކާމިޔާބީއެކެވެ. 

މުހިއްމު ކުޅުންތެރިން

ޕެނަމާގެ އެންމެ މުހިއްމު ކުޅުންތެރިއަކީ އެގައުމަށް 160 މެޗު ކުޅެދީފައިވާ ކެޕްޓަން އެނިބަލް ގޮޑޯއި އެވެ. އެމެރިކާގެ މޭޖަ ލީގު ސޮކާގެ ސެން ޑިއޭގޯ އެފްސީ އަށް ކުޅެމުން އަންނަ 36 އަހަރުގެ މި ކުޅުންތެރިޔާ ވާނީ މިފަހަރުގެ މުބާރާތުގައި ޓީމުގެ އެންމެ މުހިއްމު ދައުރު އަދާކުރާ ކުޅުންތެރިޔަށެވެ.

އެހެން ކުޅުންތެރިންނަށް ބަލާއިރު، ކޮލިފައިންގައި އެންމެ މޮޅު ކުޅުމެއް ދެއްކީ ތިން ގޯލު ޖެހި ހޯސޭ ލުއިސް ރޮޑްރިގޭޒް އާއި ހޯސޭ ފަހަރްޑޯ އެވެ. މީގެ އިތުރުން ދެ ގޯލު ޖެހި އިސްމާއީލް ޑިއާޒް އާއި އެރިކް ޑޭވިސް އަކީ ވެސް މުހިއްމު ކުޅުންތެރިންނެވެ.