ގާނާ ވޯލްޑް ކަޕްގައި ވާދަކުރާ މިއީ ފަސް ވަނަ ފަހަރެވެ. ފުރަތަމަ ފަހަރަށް އެޓީމު ވޯލްޑް ކަޕަށް ކޮލިފައިވީ 2006 ވަނަ އަހަރު އެވެ. އޭގެ ފަހުން 2010 އަދި 2014 ވަނަ އަހަރުގެ މުބާރާތުގައި ވެސް ކުޅުނެވެ. އެކަމަކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުން ފުރުސަތެއް ނުލިބުނެވެ. ވޯލްޑް ކަޕްގައި ގާނާގެ އެންމެ ބޮޑު ކާމިޔާބީއަކީ 2010 ވަނަ އަހަރުގެ ކުއާޓާ ފައިނަލުގައި ވާދަކުރުމެވެ.

ވޯލްޑް ކަޕް ކުޅުނު ފުރަތަމަ އަހަރުތަކުގައި އެގައުމު އޮތީ އިނގިރޭސީންގެ އަތްދަށުގަ އެވެ. އެހެންވެ 1930 އިން 1954 އާ ހަމައަށް ވޯލްޑް ކަޕް ކޮލިފައިންގެ ފުރުސަތު ނުލިބުނެވެ. ފީފާގެ މެންބަރުކަން ލިބި ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރަން ފެށީ ފަސްދޮޅަހުގެ އަހަރުތަކުގަ އެވެ.

އެފްރިކާ ބައްރުން ގާނާ ވޯލްޑް ކަޕަށް ކޮލިފައިވީ ގްރޫޕުގެ އެއް ވަނަ ހޯދައިގެންނެވެ. ފަސޭހަކަމާއެކު އެއް ވަނަ ހޯދީ ކުޅުނު 10 މެޗުގެ ތެރެއިން 8 މެޗު ކާމިޔާބުކޮށްގެންނެވެ. އެއް މެޗު އެއްވަރުވިއިރު ބަލިވީ ވެސް އެއް މެޗުންނެވެ. ކޮލިފައިންގައި 23 ގޯލު ޖެހިއިރު ބައިކޮޅަށް ވަނީ ހަ ގޯލެވެ.

ފުޓްބޯޅައިގައި ގުނާލެވޭ ބޮޑު ކާމިޔާބީއެއް ލިބިފައި ނުވިނަމަވެސް، ގާނާ އަކީ މި ފަހުގެ ތާރީހުގައި މޮޅެތި ކުޅުންތެރިން އުފެއްދި ގައުމެކެވެ.

ކޯޗު: ކާލޯސް ކޮއެރޫޒް (73 އަހަރު)

ގާނާގެ ކޯޗަކީ ޕޯޗުގަލް އަށް އުފަން ކާލޯސް ކުއެރޫޒް އެވެ. ޕޯޗުގަލްގެ ޒުވާން ޓީމުން 1989 ވަނަ އަހަރު ކޯޗިން ކެރިއަރު ފަށައި ކޮއެރޫޒް ވަނީ ގިނަ ޓީމުތަކަކަށް އިރުޝާދުދީފަ އެވެ. އެންމެ ފާހަގަކޮށްލެވޭ ކްލަބަކީ ރެއާލް މެޑްރިޑެވެ. ގައުމީ ޓީމުތަކަށް ބަލާއިރު، ޕޯޗުގަލް، ސައުތު އެފްރިކާ، އިރާން، ކޮލަމްބިއާ، މިސްރު، ގަތަރު އަދި އޮމާނަށް ވެސް އިރުޝާދުދިނެވެ. އެހެންވެ މިފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލާއިރު ގައުމީ ޓީމުގެ ތަޖުރިބާ އެންމެ ބޮޑު ކޯޗަކީ ކުއެރޫޒް އެވެ. މިފަހަރުގެ ކޮލިފައިންގައި ކުއެރޫޒް ހުރީ އޮމާންގެ ކޯޗުކަމުގަ އެވެ. އެކަމަކު އެ ޓީމު ވޯލްޑް ކަޕަށް ކޮލިފައިނުވުމާއި، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން އޮމާންގެ ކޯޗުކަން ކުއެރޫޒް ދޫކޮށްލި އެވެ. ގާނާގެ ކޯޗުކަމާ ކުއެރޫޒް ހަވާލުވީ 2026 އޭޕްރީލް މަހު އެވެ. އެގައުމާ އެކު ފުރަތަމަ ޓެސްޓަކަށް ވާނީ ވެސް މިފަހަރުގެ ވޯލްޑް ކަޕެވެ. 

މުހިއްމު ކުޅުންތެރިން

ޔޫރަޕްގެ ވާދަވެރި ލީގުތަކުގައި ކުޅޭ ކުޅުންތެރިން ހިމަނައިގެން ގާނާއިން އެކުލަވާލީ ވަރުގަދަ ޓީމެކެވެ. މީގެތެރެއިން ކޮލިފައިންގައި އެންމެ ވިދާލީ ތަޖުރިބާރު ކުޅުންތެރިޔާ ޖޯޑަން އަޔޫ އެވެ. އޭނާ ވަނީ ކޮލިފައިންގައި ހަތް ގޯލު ޖަހައި އިތުރު ހަތް ގޯލު ޖަހަން އެހީވެފަ އެވެ. މެދުތެރެ ބަލަހައްޓާ ތޯމަސް ޕާޓޭ ތިން ގޯލު ޖެހިއިރު އަރިމަތިން ކުޅޭ މުހައްމަދު ކުޑޫސް އާއި މުހައްމަދު ސަލީސޫ ދެ ގޯލު ޖެހި އެވެ. މި ކުޅުންތެރިންގެ އިތުރުން ވެސް ޒުވާން ހުނަރުވެރި ކުޅުންތެރިން މިފަހަރު ގާނާ ޓީމުން ފެންނާނެ އެވެ.