ވޯލްޑް ކަޕްގެ ޗެމްޕިއަންކަން މަޝްހޫރު އިންގްލެންޑަށް ލިބުނީ އަމިއްލަ ގައުމުގައި 1966 ވަނަ އަހަރު ކުޅުނު މުބާރާތުގައި އެކަންޏެވެ. ވޯލްޑް ކަޕްގެ އެހެން އެއްވެސް މުބާރާތެއްގެ ފައިނަލަކަށް ވެސް އެގައުމަށް ނުދެވެ އެވެ.
ކްލަބް ފުޓްބޯޅައިގައި އެގައުމުގެ ކްލަބްތައް އުހުގައި އޮތަސް، ގައުމީ ޓީމަށް ކާމިޔާބީ ނުހޯދޭތީ ބައިނަލްއަގްވާމީ ފުޓްބޯޅައިގައި އެ ގައުމަށް ކުރިމަތިވަނީ ފާޑުކިޔުމެވެ. އެކަމަކު މިދިޔަ އަށް ވަރަކަށް އަހަރު އެގައުމުން ވަނީ ކުރިއެރުން ހޯދައިފަ އެވެ. މި މުއްދަތުގައި ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި 2018 ވަނަ އަހަރު ވާދަކޮށް ބަލިވި އެވެ. ޔޫރޯގެ ދެ ފައިނަލުގައި 2020 އަދި 2024 ގައި ބަލިވި އެވެ. ގަތަރުގައި 2022 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގައި އެގައުމު ކެޓީ ކުއާޓާ ފައިނަލުންނެވެ.
ތައްޓަކާ ހަމައަށް ނުދެވުނަސް ފަހަކަށް އައިސް އިންގްލެންޑުން ހޯދި ކުރިއެރުމަކީ އެ ގައުމުގެ ސަޕޯޓަރުންނަށް ލިބިފައިވާ އުއްމީދެކެވެ.
ވޯލްޑް ކަޕްގެ ޖާގަ އިންގްލެންޑް ހޯދީ ކޮލިފައިންގައި ކުޅުނު އަށް މެޗުން ވެސް މޮޅުވެގެންނެވެ. އެޓީމު ކޮޅަށް ކޮލިފައިންގައި އެންމެ ގޯލެއް ވެސް ނުދަވެ އެވެ. އަށް މެޗުގައި 22 ގޯލު ޖެހި އެވެ.
ކޯޗު: ތޯމަސް ޓުޗެލް (52 އަހަރު)
ޓުޗެލް އަކީ ކުރު މުއްދަތުގައި ނަތީޖާ ނެރޭ ޒަމާނީ ފުޓްބޯޅައިގެ ކޯޗެކެވެ. ބޮރޫޝިއާ ޑޯޓްމަންޑާއި، ޕީއެސްޖީގެ އިތުރުން ޗެލްސީ އަދި ބަޔާން މިއުނިކްގައި ޓުޗެލް ތަށި ހޯދި އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ ޗެލްސީއާއެކު 2021 ވަނަ އަހަރު ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕް ޔޫއެފާ ސުޕަ ކަޕް ކާމިޔާބުކުރުމެވެ. އެ އަހަރު ފީފާ އިން ހޮވި އެންމެ މޮޅު ކޯޗުގެ މަގާމް ވެސް ޓުޗެލް ހޯދި އެވެ.
ޓުޗެލްއާ 2025 އަހަރު އިންގްލެންޑް ހަވާލުކުރިއިރު އޮތީ އެންމެ އަމާޒެކެވެ. އެއީ މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރުމެވެ. އެ އަމާޒަށް ދިއުމަށް ޓުޗެލް ފަށާފައިވާ ދަތުރުގައި މިހާތަނަށް 75 އިންސައްތަ މެޗު ވަނީ ކާމިޔާބުކޮށްފަ އެވެ.
މުހިއްމު ކުޅުންތެރިން
އިންގްލެންޑުގައި ތިބީ ހުސް މަގުބޫލު މޫނުތަކެވެ. އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔަކީ ގޯލު މެޝިން، ހެރީ ކޭން އެވެ. ބަޔާން މިއުނިކްގެ ފޯވާޑަކީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. ޑެކްލަން ރައިސް އާއި ބުކަޔޯ ސަކާގެ އިތުރުން ޖޫޑް ބެލިންހަމް އަކީ ވެސް މެދުތެރެއާއި އެޓޭކުގައި މުހިއްމު ކުޅުންތެރިންނެވެ. މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި އެލިއޮޓް އެންޑަސަން އަކީ އަރަމުން އަންނަ މޮޅު ކުޅުންތެރިއެކެވެ. ތަޖުރިބާ އަށް ބަލާއިރު އެޓީމުގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑު ފާހަގަކުރެވެ އެވެ.