ފުލްބެކުންނަކީ ހަމައެކަނި ޑިފެންސް ކުރާ ބައެއް ނޫން ކަމުގެ ހެއްކަކަކަށް ޕޯޗުގަލްގެ ނޫނޯ މެންޑޭޒް ފުދެ އެވެ. ޑިފެންސިވް ޑިސިޕްލިން ހިފަހައްޓައިގެން އޭނާގެ ކުޅަދާނަކަމާ އެކު އެޓޭކް ތަކުގައި ވެސް މުހިއްމު ދައުރެއް ޕީއެސްޖީގައި އޭނާ އަންނަނީ އަދާ ކުރަމުންނެވެ.
ޕޯޗުގަލްގައި ވެސް އޭނާ އަންނަނީ އޭނާގެ މުހިއްމުކަން ދައްކަމުންނެވެ. އަނިޔާގެ ސަބަބުން އޭނާއަށް ކުރިމަތިވި ގޮންޖެހުންތަކާ އެކު ވެސް ވަނީ އެނބުރި އައިސް، ޕޯޗުގަލް އަށް ޔުއެފާ ނޭޝަންސް ލީގު ކާމިޔާބު ކޮށްދެން މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ. ނޭޝަނަސް ލީގު ފައިނަލްސް އަށް ގެންގޮސް ދޭން ޓީމުން ޖެހި ގޯލުތަކުގައި ހިއްސާވެ، ފައިނަލް މެޗުގައި ގޯލެއް ވެސް ކާމިޔާބު ކުރި އެވެ.
އުމުރުން 23 އަހަރުގައި ފުރަތަމަ ވޯލްޑް ކަޕާ ކުރިމަތި ލާއިރު އޭނާ ދަނޑުމަތީގައި ފެންނަމުން ދަނީ ޓީމުގެ އިތުރު އެޓޭކަރެއްގެ ގޮތުގަ އެވެ. މުބާރާތަށް ކުރިމަތި ލާއިރު، އޭނާ އަކީ އުންމީދީ ކުލުންތެރިއެއްގެ ބަދަލުގައި އޭނާގެ ނަން ފާހަގަ ވެގެން ދާނީ އެންމެ މަތީ ފަންތީގެ ކުޅުންތެރިންގެ ލިސްޓުގަ އެވެ. ދަނޑުމަތީގެ މަގާމު ތަފާތު ވިއަސް ގިނަ ބަޔަކު ދެކޭ ގޮތުގައި އޭނާ އަކީ ރޮނާލްޑީނިއޯއާ އެއްފަދަ ހުނަރެއް ލިބިފައިވާ ކުޅުންތެރިއެކެވެ. އަދި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ރިކާޑޯ ކޮރެސްމާ އަށް ފަހު ޕޯޗުގަލްގެ ސްޕޯޓިން އިން އުފެއްދި އެންމެ ހުނަރުވެރި ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު އޭނާ ސިފަ ކުރެ އެވެ.