Cameroon

UpComming

November 24 | 15:00 hrs

Switzerland

vs

Cameroon

GROUP TABLE

Group Group G P W D L GF GA GD PTS
Cameroon 3 1 1 1 4 4 0 4
Brazil 0 0 0 0 0 0 0 0
Serbia 0 0 0 0 0 0 0 0
Switzerland 0 0 0 0 0 0 0 0

Squad

ގޯލްކީޕަރު

Simon Ngapandouetnbu

Devis Epassy

André Onana

ޑިފެންޑަރު

Jerome Ngom Mbekeli

Nicolas Nkoulou

Christopher Wooh

Olivier Mbaizo

Collins Fai

Jean-Charles Castelletto

Enzo Ebosse

Nouhou Tolo

މިޑްފީލްޑަރު

Gaël Ondoua

Georges-Kévin Nkoudou

André-Frank Zambo Anguissa

Samuel Gouet

Pierre Kunde

Martin Hongla

Olivier Ntcham

Souaibou Marou

ފޯވާޑް

Moumi Ngamaleu

Jean-Pierre Nsame

Vincent Aboubakar

Christian Bassogog

Karl Toko Ekambi

Eric Maxim Choupo-Moting

Bryan Mbeumo

ވޯލްޑް ކަޕްގެ ތާރީހް:
ކެމެރޫން އަކީ ވޯލްޑް ކަޕްގައި އެފްރިކާ އެންމެ ގިނައިން ތަމްސީލް ކޮށްފައިވާ ގައުމެވެ. މިއީ އެގައުމު ވޯލްޑް ކަޕްގައި ވާދަކުރާ އަށް ވަނަ ފަހަރެވެ. ކެމެރޫން އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރީ 1982 ވަނަ އަހަރު އެވެ. ވާދަކުރި ހަތް މުބާރާތުގެ ތެރެއިން ކެމެރޫން އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ 1990 ވަނަ އަހަރުގެ މުބާރާތުގަ އެވެ. އެފަހަރު ކުއާޓާ ފައިނަލަށް ދަތުރުކޮށް، އެ މެޗުގައި އިންގްލެންޑް އަތުން 3-2 އިން ބަލިވެ ކެޓީ އެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކެމެރޫން އިން 1-0 އިން އާޖެންޓީނާ ބަލިކުރުން ވެގެންދިޔައީ ސިހުން ގެނުވި ނަތީޖާއަކަށެވެ.
1990 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ކުޅުނު ހަތަރު ވޯލްޑް ކަޕްގައި ވެސް ކެމެރޫން ވަނީ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ. 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕަށް އެޓީމު ކޮލިފައިނުވާއިރު އެންމެ ފަހުން ވޯލްޑް ކަޕްގައި އެގައުމު ވާދަކުރީ 2010 އަދި 2014 ވަނަ އަހަރު އެވެ. އެ ދެ މުބާރާތުގައި ވެސް ގްރޫޕް ސްޓޭޖުގެ ފުލަށް ދިޔައީ ކުޅުނު ހުރިހާ މެޗަކުން ބަލިވެގެންނެވެ.
ކޮލިފައިވި ގޮތް:
އެފްރިކާ ސަރަހައްދުގެ ކޮލިފައިން ދެ ވަނަ ބުރުގައި ކެމެރޫން ވަނީ ގްރޫޕުގެ އެއް ވަނަ ހޯދާފަ އެވެ. ކެމެރޫނަށް ހަ މެޗުން 15 ޕޮއިންޓް ލިބުނުއިރު ދެ ވަނައިގައި ނިންމާލި އައިވަރީ ކޯސްޓަށް ލިބުނީ 13 ޕޮއިންޓެވެ.
ކެމަރޫން ވޯލްޑް ކަޕަށް ކޮލިފައިވީ މިއަހަރުގެ މާޗް މަހު ކުޅުނު ޕްލޭ އޮފްގައި އާދަޔާހިފު ގޮތަކަށް އަލްޖީރިއާ ބަލިކޮށްގެންނެވެ. މި ދެޓީމު ކުޅުނު ފުރަތަމަ ލެގްގެ މެޗު ނިމުނީ ކެމެރޫންގެ ދަނޑުގައި އަލްޖީރިއާ 1-0 އިން މޮޅުވެގެންނެވެ. ދެ ވަނަ ލެގްގެ މެޗުގައި ކެމެރޫން އިން ވަނީ އަލްޖީރިއާ 1-2 އިން ބަލިކޮށް ވޯލްޑް ކަޕްގެ ޖާގަ ޔަގީންކޮށްފަ އެވެ. މެޗު 1-1 އިން އެއްވަރުވެފައި ވަނިކޮށް ކެމެރޫން އިން ވޯލްޑް ކަޕްގެ ޖާގަ ޔަގީންކުރީ އިތުރު ވަގުތުގެ ގޮތުގައި ކުޅުނު ދެ ވަނަ ހާފުގެ ފަހު މިނިޓުގަ އެވެ.
ކޯޗު:
ކެމެރޫންގެ ކޯޗަކީ އެގައުމަށް އުފަން ކުރީގެ ޑިފެންޑަރު ރިގޮބާޓް ސޯންގް އެވެ. އިނގިރޭސި ކްލަބް ލިވަޕޫލާ ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅުނު ސޯންގްގެ ކޯޗިން ކެރިއަރުގައި މުޅިން ވެސް ފެނުނީ ގައުމީ ޓީމުންނެވެ. އެގައުމަށް 137 މެޗު ކުޅެ ސޯންގް ވަނީ ފަސް ގޯލު ޖަހައިފަ އެވެ. ގައުމީ ޓީމާ އެކު ސޯންގް ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ 2000 އަދި 2002 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް އެވެ.
2015 ވަނަ އަހަރުން ފެށިގެން ސޯންގް އަންނަނީ ކެމެރޫންގެ ގައުމީ ޓީމުގެ ކޯޗިން ޓީމުގައި މަސައްކަތް ކުރަމުންނެވެ. އެކަމަކު ސްޓްރޯކެއް ޖެހި 2016 އޮކްޓޯބަރުން 2017 އޭޕްރީލް މަހާއި ހަމައަށް ސޯންގް ހުރީ ގައުމީ ޓީމާ ދުރުގަ އެވެ. އޭގެފަހުން 2018 ވަނަ އަހަރު ސޯންގް ހަވާލުވީ 23 އަހަރުން ދަށުގެ ގައުމީ ޓީމާ އެވެ. ސީނިއާ ގައުމީ ޓީމުގެ ކޯޗުކަމަށް ސޯންގް ހަމަޖެއްސީ މިއަހަރުގެ ފެބްރުވަރީ މަހު އެވެ. ސޯންގްގެ ކޯޗުކަމުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވިއިރު މޮޅުވީ އެންމެ މެޗަކުންނެވެ. މިދިޔަ ސެޕްޓެމްބަރު މަހު ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗުގައި އުޒްބެކިސްތާން އަތުން ބަލިވިއިރު އޭގެފަހުން ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅުނު މެޗުން ވެސް އެޓީމު ވަނީ ބަލިވެފަ އެވެ.
ފާހަގަކޮށްލެވޭ ކުޅުންތެރިން:
އަންދްރޭ އޮނާނާ
ކެމެރޫންގެ ގޯލްކީޕަރަކީ އުމުރުން 26 އަހަރުގެ އަންދްރޭ އޮނާނާ އެވެ. އަޔަކްސްގައި މޮޅު ކުޅުމެއް ދެއްކުމަށް ފަހު އޮނާނާ މިއަހަރު ބަދަލުވީ އިންޓަ މިލާނަށެވެ. ކެމެރޫންގެ ޔޫތު ޓީމަށް ކުޅުމަށް ފަހު އޮނާނާ އަށް ސީނިއާ ގައުމީ ޓީމުން ފުރުސަތު ލިބުނީ 2016 ވަނަ އަހަރު އެވެ. އެއަހަރުގެ ސެޕްޓެމްބަރު މަހު ގައުމީ ޓީމަށް ފުރަތަމަ މެޗު ކުޅުމަށް ފަހު ގައުމީ ޓީމުގައި އޮނާނާ ވަނީ 32 މެޗު ކުޅެފަ އެވެ. އަހަރުން އަހަރަށް ކުރިއެރުން ހޯދަމުން އައިސް އޮނާނާ ވަނީ 2018 ވަނަ އަހަރު އެފްރިކާގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދައިފަ އެވެ.
ކީޕަރަކަށް ކުޅުނަސް އޮނާނާ ފާހަގަކުރެވެނީ އޭނާ އަތަށް ބޯޅަ އަރާ ވަގުތުތަކުގައި އެޓޭކަށް ވިސްނާ ކީޕަރެއްގެ ގޮތުގަ އެވެ. އޮނާނާ އެއްލާ ބޯޅަތަކާއި އޭރިޔާ ތެރެއިން ފޮނުވާލާ ބޯޅަތަކުގައި އޭނާ ކުޅޭ ޓީމުތަކުން ވަނީ އެޓޭކްތައް ތަނަވަސްކޮށްފަ އެވެ. މީގެ އިތުރުން ރަނގަޅު ވަގުތުގައި ޓެކުލް ޖަހައި ބޯޅަ ސަލާމަތްކުރާ ކީޕަރެއްގެ ގޮތުގައި ވެސް އޮނާނާ ފާހަގަކުރެވެ އެވެ.

އެރިކް-މެކްސިމް ޗުޕޯ މޯޓިން
ތަޖުރިބާ އާއި ކާމިޔާބީ އަށް ބަލާއިރު 33 އަހަރުގެ އެރިކް މެކްސިމް ޗުޕޮ-މޯޓިން އަކީ އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އެވެ. ޖަރުމަނަށް އުފަންވެ ޗުޕޮ-މޯޓިން ވަނީ ޔޫތު ލެވެލްގައި އެގައުމު ތަމްސީލުކޮށްފަ އެވެ. މިގޮތުން 2007 އިން 2010 އަށް ޖަރުމަނުގެ 19 އަހަރުން ދަށާއި 21 އަހަރުން ދަށުގެ ޓީމަށް އޭނާ ކުޅެނެވެ. ރަށްވެހިކަން ބަދަލުކޮށް ކެމެރޫންގެ ގައުމީ ޓީމަށް ޗުޕޮ-މޯޓިން ކުޅެންފެށީ 2010 ވަނަ އަހަރު އެވެ. 68 މެޗުގައި 18 ގޯލު ގައުމީ ޓީމަށް ޖަހައިދީފައިވާ ފޯވާޑަކީ ވޯލްޑް ކަޕަށް ނުކުންނައިރު އެޓީމުގެ އެޓޭކް އެންމެ ބޮޑަށް ބަރޯސާވާ އެއް ކުޅުންތެރިޔާ އެވެ.
ޖަރުމަނުގެ ހަމްބާގް އާއި މެއިންޒް އަދި ޝާލްކޭ އަށް ކުޅުމަށް ފަހު ޗުޕޮ-މޯޓިން ވަނީ އިނގިރޭސި ކްލަބް ސްޓޯކް ސިޓީއާ އެކު ޕްރިމިއާ ލީގުގައި ކުޅެފަ އެވެ. އޭގެފަހުން ޕީއެސްޖީގައި ދެ ސީޒަން ހޭދަކުރުމަށް ފަހު ޗުޕޮ-މޯޓިން މިހާރު ކުޅެނީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކަށެވެ.
ކްލަބް ލެވެލްގައި ހޯދާފައިވާ ތަށިތަކާ އެކު ގައުމީ ޓީމުގައި ހުރި ކެމެރޫންގެ އެންމެ ކާމިޔާބު ކުޅުންތެރިއަކީ ޗުޕޮ-މޯޓިން އެވެ. އޭނާ ވަނީ ޕީއެސްޖީ އަދި ބަޔާން މިއުނިކާ އެކު ލީގު ހަތަރު ފަހަރު ކާމިޔާބުކޮށްފަ އެވެ. އަދި 2020 ވަނަ އަހަރު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޗުޕޮ-މޯޓިން ވަނީ ކުޅެފަ އެވެ.

ވިންސެންޓް އަބޫބަކުރު
ކެމެރޫންގެ ކެޕްޓަން ވިންސެންޓް އަބޫބަކުރަކީ ގައުމީ ޓީމުގެ ހިތެވެ. ސައުދީ އަރަބިއާގެ އަލް ނަސްރު ޓީމަށް ކުޅެމުން އަންނަ 30 އަހަރުގެ ފޯވާޑުގެ މިއީ ތިން ވަނަ ވޯލްޑް ކަޕެވެ. އުމުރުން 18 އަހަރުގައި އަބޫބަކުރު ވަނީ 2010 ވަނަ އަހަރު ސައުތު އެފްރިކާގައި އޮތް ވޯލްޑް ކަޕްގެ ގައުމީ ސްކޮޑުގައި ހިމެނިފަ އެވެ. އޭގެފަހުން 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް މުބާރާތުގައި އަބޫބަކުރު ކެމެރޫން ތަމްސީލުކުރި އެވެ.
އަބޫބަކުރުގެ ގޯލުތަކާ ނުލައި ކެމެރޫން އަށް ކާމިޔާބީ ހޯދުން ވާނީ އުނދަގޫ ކަމަކަށެވެ. އޭނާ އަކީ މިއަހަރު އޮތް އެފްރިކާ ކަޕް އޮފް ނޭޝަންސްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. 2017 ވަނަ އަހަރު ކެމެރޫން އިން އެ މުބާރާތް ކާމިޔާބު ކުރިއިރު ވެސް އަބޫބަކުރު މޮޅު ކުޅުމެއް ދެއްކި އެވެ. ގައުމީ ޓީމަށް ކުޅުނު 93 މެޗުގައި އަބޫބަކުރު ވަނީ 37 ގޯލު ކާމިޔާބުކޮށްފަ އެވެ. ވޯލްޑް ކަޕަށް ނުކުންނައިރު ކެމެރޫންގެ ނަތީޖާ އަނބުރާލުމުގައި ކޯޗު އެންމެ އިތުބާރުކުރާ ކުޅުންތެރިޔަކީ އަބޫބަކުރު އެވެ.
ގްރޫޕްގަ އޮތް ފުރުސަތު:
މުބާރާތުގެ ގްރޫޕް ޖީގައި ހިމެނި ކެމެރޫން ވާދަކުރާނީ ބްރެޒިލް އާއި ސާބިއާ އަދި ސްވިޒަލެންޑާ އެވެ. މި ތިން ޓީމުގެ ތެރެއިން ކެމެރޫނަށް އެންމެ އުނދަގޫ ވާނީ ބްރެޒިލް އެވެ. 1994 ވަނަ އަހަރާއި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލް އަތުން ކެމެރޫން ވަނީ ބަލިވެފަ އެވެ. އެކަމަކު 2003 ވަނަ އަހަރުގެ ފީފާ ކޮންފެޑެރޭޝަންސް ކަޕްގައި ކެމެރޫން އިން ބްރެޒިލް 1-0 އިން ބަލިކުރި އެވެ.
މި ގްރޫޕުގައި ހިމެނޭ ސްވިޒަލެންޑާ ދެކޮޅަށް ކެމަރޫން އަދި މެޗެއް ކުޅެފައެއްނުވެ އެވެ. ސާބިއާއާ ދެކޮޅަށް 2010 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗުގައި ކެމެރޫން ވަނީ 3-4 އިން ބަލިވެފަ އެވެ. ގްރޫޕް ސްޓޭޖުން ކުރިއަށް ދިއުމަށް ކެމެރޫން އަށް އެންމެ މުހިއްމު ވާނީ ސްވިޒަލެންޑާއި ސާބިއާ ބަލިކުރުމެވެ. އެގައުމުގެ ނަތީޖާތަކަށް ބަލާއިރު މި ގްރޫޕުން ކުރިއަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.