ވޯލްޑް ކަޕްގެ ތާރީހް:
މިނިވަން ދައުލަތެއްގެ ގޮތުގައި ސާބިއާ ވޯލްޑް ކަޕްގައި ވާދަކުރަން ފެށީ 2010 ވަނަ އަހަރު އެވެ. އޭގެކުރިން އެގައުމު ފުޓްބޯޅައިގައި ޔޫގޯސްލާވިއާގެ ނަމުގައި ތަމްސީލުކޮށް ނުވަ ވޯލްޑް ކަޕްގައި ކުޅުނެވެ. އަދި 2006 ވަނަ އަހަރު ޖަރުމަނުގައި އޮތް މުބާރާތުގައި އެގައުމު ވާދަކުރީ ސާބިއާ އެންޑް މޮންޓެނީގްރޯގެ ނަމުގަ އެވެ. ސާބިއާގެ ނަމުގައި ވާދަކުރަން ފެށިފަހުން އެގައުމު ވޯލްޑް ކަޕްގައި ކުޅުނީ 2010 ވަނަ އަހަރާއި 2018 ވަނަ އަހަރު އެވެ.
އެންމެ ފަހުން އެޓީމު ވާދަކުރި ދެ ވޯލްޑް ކަޕްގައި ވެސް ގްރޫޕް ސްޓޭޖުން ވަނީ ކަޓައިފަ އެވެ. މި ދެ މުބާރާތުގައި އެޓީމަށް ލިބުނީ ދެ މޮޅު ލިބުނުއިރު ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ.
ކޮލިފައިވި ގޮތް:
ވޯލްޑް ކަޕަށް ސާބިއާ ކޮލިފައިވީ ޔޫރަޕްގެ ކޮލިފައިންގެ ގްރޫޕް އޭގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ފަހު ވަގުތު އެޓީމުން އޮޓަމެޓިކް ކޮލިފައިން ޖާގައެއް ހޯދީ ވަރުގަދަ ޕޯޗުގަލް ފަހަތަށް ޖައްސާލުމަށް ފަހު އެވެ. ކޮލިފައިންގެ އެއްވެސް މެޗަކުން ސާބިއާ ބަލިވެފައެއްނުވެ އެވެ. ހަ މެޗުން މޮޅުވިއިރު އެއްވަރުވީ ދެ މެޗުންނެވެ. އަށް މެޗުގައި 18 ގޯލު ޖެހިއިރު ބައިކޮޅަށް ވަނީ ނުވަ ގޯލެވެ.
ކޯޗު: ޑްރޭގަން ސްޓޮކޮވިޗް
ސާބިއާގެ ކޯޗަކީ ޔޫގޯސްލާވިއާ އަށް އުފަން 57 އަހަރުގެ ޑްރޭގަން ސްޓޮކޮވިޗް އެވެ. ކުރިން ޔޫގޯސްލާވިއާގެ ނަމުގައި އެގައުމު އޮތްއިރު ސްޓްކޮވިޗް ވަނީ 84 މެޗު ކުޅެ 15 ގޯލު ޖަހައިފަ އެވެ. ސާބިއާގެ ކޯޗުކަމާ ސްޓޮކޮވިޗް ހަވާލުވީ 2021 ވަނަ އަހަރުގެ މާޗް މަހު އެވެ. އޭނާގެ ކޯޗުކަމުގައި ސާބިއާގެ ނަތީޖާތައް ރަނގަޅެވެ. ސްޓޮކޮވިޗް އެގައުމަށް އިރުޝާދުދިން 20 މެޗުގެ ތެރެއިން 13 މެޗު ވަނީ ކާމިޔާބުކޮށްފަ އެވެ. ހަތަރު މެޗު އެއްވަރުވިއިރު ބަލިވީ އެންމެ ތިން މެޗުންނެވެ.
ސާބިއާގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން ކޯޗިންގެ ގިނަ ދުވަސްތައް ސްޓޮކޮވިޗް ހޭދަކުރީ ޖަޕާން އާއި ޗައިނާގަ އެވެ. މިގޮތުން 2008 އިން ފެށިގެން ސްޓޮކޮވިޗް 2020 ވަނަ އަހަރާއި ހަމައަށް އެ ދެގައުމުގެ ކްލަބްތަކަށް ކޯޗުކަން ކޮށްދިނެވެ.
ފާހަގަކޮށްލެވޭ ކުޅުންތެރިން:
ޑޫސާން ޓަޑިޗް
އަޔަކްސް އަށް ކުޅޭ ޑޫސާން ޓަޑިޗް އަކީ ސާބިއާގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ. ފޯވާޑަށާއި އެޓޭކިން މިޑްފީލްޑަށް ކުޅޭ ޓަޑިޗް ވަނީ އެގައުމަށް ކުޅުނު 90 މެޗުގައި 18 ލަނޑު ޖަހައިފަ އެވެ. ވޯލްޑް ކަޕްގައި އެގައުމުގެ ކެޕްޓަންކަން ކުރާނީ ނޮވެމްބަރު މަހު 34 އަހަރު ފުރޭ ޓަޑިޗް އެވެ.
ވޯލްޑް ކަޕަށް ދާއިރު ކްލަބް ލެވެލްގައި ޓަޑިޗް އަންނަނީ އަޔަކްސްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެޓީމާ އެކު ނެދަލެންޑްސް ލީގު ހޯދުމުގެ އިތުރުން 2019 ވަނަ އަހަރު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކުރި އެވެ. މިދިޔަ ދެ ސީޒަނުގައި ޓަޑިޗް ވަނީ އަޔަކްސް އަށް 38 ގޯލު ޖަހައި 47 ގޯލު ޖަހަން އެހީތެރިވެދީފަ އެވެ.
ޑޫސާން ވިލަހޮވިޗް
ޑޫސާން ވިލަހޮވިޗަކީ ފިއޮރެންޓީނާގައި ވިދުން ގަދަވެ ދުނިޔޭގެ ގަދަބާރުތަކުން ކަޅިއެޅި ކުޅުންތެރިއެކެވެ. އުމުރުން 22 އަހަރުގެ ހުނަރުވެރި ފޯވާޑްގެ ސޮއި މިއަހަރުގެ ކުރީކޮޅު ހޯދީ އިޓަލީގެ ޔުވެންޓަސް އިންނެވެ. ގައުމީ ޓީމުން 2020 ވަނަ އަހަރު ފުރުސަތު ހޯދައި ވިލަހޮވިޗް ވަނީ 16 މެޗުގައި އަށް ގޯލު ޖަހައިފަ އެވެ. ސާބިއާއާ އެކު ބައިނަލްއަގްވާމީ ބޮޑު މުބާރާތަކަށް ފުރަތަމަ ފަހަރު ވިލަހޮވިޗް ނުކުންނައިރު އޭނާ އަކީ އެޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. އެކަމަކު ފަހަކަށް އައިސް ޔުވެންޓަސްގެ ނަތީޖާތައް ދަށްވުމާއި އަނިޔާގެ ސަބަބުން ވިލަހޮވިޗްގެ ފޯމު ވެސް ވަނީ ދަށްވެފަ އެވެ. ވިލަހޮވިޗް ވަނީ ވޯލްޑް ކަޕަށް ސާބިއާ ކޮލިފައިވިއިރު މުހިއްމު ގޯލުތަކެއް ޖަހައިފަ އެވެ.
އަލެކްސަންޑާ މިޓްރޮވިޗް
މިޓްރޮވިޗް ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ސާބިއާ އަށް ގިނަ ގޯލުތަކެއް ޖަހައިދީފަ އެވެ. ވޯލްޑް ކަޕަށް ސާބިއާ ތައްޔާރުވާއިރު ކްލަބާއި ގައުމީ ޓީމުގައި ވެސް މިޓްރޮވިޗް ހުރީ ފޯމުގަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި މި ސީޒަނުގައި ފުލަމް ހޯދާ މޮޅުތަކުގައި މިޓްރޮވިޗް ވަނީ މުހިއްމު ގޯލުތަކެއް ޖަހައިފަ އެވެ. މިދިޔަ ސީޒަނުގައި އިނގިރޭސި ޗެމްޕިއަންޝިޕްގައި ފުލަމް އޮތްއިރު މިޓްރޮވިޗް ވަނީ 44 މެޗުގައި 43 ގޯލު ޖަހައިފަ އެވެ. ގައުމީ ޓީމަށް 2013 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ މިޓްރޮވިޗް ވަނީ 76 މެޗުގައި 50 ގޯލު ޖަހައިފަ އެވެ.
ވޯލްޑް ކަޕްގައި ސާބިއާގެ ކުރި ބެލެހެއްޓުމުގެ ޒިންމާ ނަގާނީ މިޓްރޮވިޗް އެވެ. މި ސީޒަނުގައި އޭނާ ދައްކަމުންދާ މޮޅު ކުޅުމަށް ބަލާއިރު މިޓްރޮވިޗްއާ މެދު އެގައުމުގެ ސަޕޯޓަރުން ކުރާ އުއްމީދު ބޮޑެވެ.
ގްރޫޕްގަ އޮތް ފުރުސަތު:
މިފަހަރުގެ ވޯލްޑް ކަޕްގައި ސާބިއާ ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ރަނގަޅު ފޯމެއްގައި އޮތް ބްރެޒިލްއާ ދެކޮޅަށެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ކެމެރޫން އާދި ސްވިޒަލެންޑެވެ. އޮކްޓޫބަރު މަހުގެ ދުނިޔޭގެ ރޭންކިންގައި ސާބިއާ އޮތީ 21 ވަނައިގަ އެވެ. ސްވިޒަލެންޑް 15 ވަނައިގައި އޮތްއިރު ބްރެޒިލް އަކީ އެއް ވަނަ އެވެ. ސާބިއާ އަށް ވުރެ ރޭންކިންގައި ފަހަތުގައި އޮތީ 43 ވަނައިގައި އޮތް ކެމެރޫން އެވެ.
ކޮލިފައިންގައި ދެއްކި މޮޅު ކުޅުން ތަކުރާރުކޮށްފި ނަމަ ސާބިއާ އަށް މި ގްރޫޕުގައި ކުރިއަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު އެ އަމާޒަށް ދާން އެގައުމު އެންމެ ފުރަތަމަ ޖެހޭނީ ނޮވެމްބަރ 25 ވަނަ ދުވަހު ބްރެޒިލްއާ ދެކޮޅަށް ރަނގަޅު ވާދައެއް ކުރާށެވެ.