ބެލްޖިއަމް އަކީ އެންމެ ފުރަތަމަ 1930 ވަނަ އަހަރުގެ ވޯލްޑް ކަޕް ގައި ވާދަކުރި ޔޫރަޕްގެ ހަތަރު ގައުމުގެ ތެރެއިން އެއް ގައުމެވެ. ޖެހިގެން އައި ދެ މުބާރާތުގައި ވެސް ވާދަ ކުރި އިރު، 1954 އިން ފެށިގެން 1978 އާ ހަމައަށް ކުޅުނީ ދެ މުބާރާތެއްގަ އެވެ. ނަމަވެސް 1982 އިން 2002 ވަނަ އަހަރާ ހަމައަށް އޮތް ހަ ވޯލްޑް ކަޕް ގައި ވެސް ބެލްޖިއަމް ކުޅެފައި ވެއެވެ. އޭގެ ތެރެއިން 1986 ވަނަ އަހަރު މެކްސިކޯގައި އޮތް މުބާރާތުގެ ސެމީ ފައިނަލަށް ވެސް ދަތުރު ކުރި އެވެ. އެކަމަކު ބަލިވީ ޑިއޭގޯ މަރަޑޯނާ ޖެހި ލަނޑުތަކުން އާޖެންޓީނާ އަތުންނެވެ. ތިންވަނަ ހޮވި މެޗުން ބަލިވީ ފްރާންސް އާ ވާދަކޮށް އިތުރު ވަގުތުގެ ދެ ހާފް ކުޅެގެންނެވެ.
ޖެހިގެން އައި ދެ މުބާރާތުން ޖާގަ ނުލިބި، 2014 ވަނަ އަހަރު ބްރެޒިލްގައި ކުއާޓާ ފައިނަލުން ވެސް ބެލްޖިއަމް ބަލިވީ އާޖެންޓީނާ އަތުންނެވެ. އެންމެ ފަހުން 2018 ވަނަ އަހަރު ބެލްޖިއަމް އަށް އާޖެންޓީނާއާ ކުރިމަތިލާކަށް ނުޖެހުނެވެ. ނަމަވެސް ސެމީ ފައިނަލުން ބަލިވީ، ޗެމްޕިއަންކަން ހޯދި ފްރާންސް އަތުން ބަލިވެގެންނެވެ. އާޖެންޓީނާ ވަނީ ނޮކައުޓް ބުރުގެ ފުރަތަމަ މެޗުން ފްރާންސް އަތްދަށުވެފަ އެވެ. އެ މުބާރާތުގައި އިންގްލެންޑް ބަލިކޮށް ބެލްޖިއަމް އިން ތިންވަނަ ހޯދި އެވެ.
ފާއިތުވި ތިން އަހަރު ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮވެފައި ބެލްޖިއަމް ދެވަނައަށް ވެއްޓުނީ މި އަހަރުގެ އޮގަސްޓް މަހު އެވެ. ބެލްޖިއަމް އަކީ ބައިނަލްއަގުވާމީ އެއްވެސް މުބާރާތެއް ކާމިޔާބު ނުކޮށް މިހާތަނަށް ދުނިޔޭގެ ރޭންކިންގެ އެއްވަނަ ހޯދި ހަމައެކަނި ޓީމެވެ.
މިއީ ބެލްޖިއަމް ވޯލްޑް ކަޕް ގައި ކުޅޭ 14 ވަނަ ފަހަރެވެ.
ކޮލިފައިވި ގޮތް: ކުރީ ދެ މުބާރާތެކޭ އެއްގޮތަށް ބެލްޖިއަމް މި އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ އެއްވެސް މެޗަކުން ބަލި ނުވެ އެވެ. ކޮލިފައިންގައި ކުޅުނު އަށް މެޗްގެ ތެރެއިން ބެލްޖިއަމް ވަނީ ހަ މެޗް ކާމިޔާބު ކޮށްފަ އެވެ. ބެލްޖިއަމް އާއެކު ގުރޫޕުގައި ހިމެނުނީ ވޭލްސް، ޗެކް ރިޕަބްލިކް، އެސްޓޯނިއާ އަދި ބެލަރޫސް އެވެ.
ކޯޗު: އިނގިރޭސި ކްލަބް އެވަޓަންގެ ވަޒީފާ ގެއްލުނުތާ ތިން މަސް ނުވެ އުޅެނިކޮށް، ސްޕެއިން އަށް އުފަން ރޮބާޓޯ މާޓިނޭޒް ބެލްޖިއަމް އާ ހަވާލުވީ 2016 ވަނަ އަހަރެވެ. އެންމެ ފުރަތަމަ މެޗުގައި އަމިއްލަ ގައުމާ ދެކޮޅަށް ކުޅެ ބަލިވި ނަމަވެސް، ބެލްޖިއަމް ވީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވި ޔޫރަޕްގެ ފުރަތަމަ ގައުމަށެވެ. އެ އަހަރުގެ ވޯލްޑް ކަޕް ގައި މާޓިނޭޒްގެ އިރުޝާދުގެ ދަށުން ބެލްޖިއަމް ތިންވަނަ ހޯދި އިރު، މިދިޔަ އަހަރުގެ ޔޫރޯ ގައި ކުއާޓާ ފައިނަލަށް ދަތުރު ކުރި އެވެ. އަދި މިދިޔަ އަހަރުގެ ނޭޝަންސް ލީގުގެ ސެމީ ފައިނަލުން ވެސް ޖާގަ ހޯދި އެވެ.
މާޓިނޭޒް އަކީ ބެލްޖިއަމް ގައުމީ ޓީމާ އެކު މިހާތަނަށް އެންމެ ގިނަ މެޗު ކާމިޔާބު ކުރި ކޯޗެވެ. މާޓިނޭޒްގެ އިރުޝާދުގެ ދަށުން ބެލްޖިއަމް މިހާތަނަށް 70 މެޗު ކުޅެފައި ވާއިރު، 52 މެޗު ކާމިޔާބު ކުރި އެވެ. ބަލިވީ ހަތް މެޗުންނެވެ.
ގްރޫޕުގައި އޮތް ފުރުސަތު: ބެލްޖިއަމް އަކީ ގުރޫޕް އެފް ގެ ފޭވަރިޓުންނެވެ. މި ގުރޫޕުގައި ދެން ހިމެނެނީ ކެނެޑާ އާއި މޮރޮކޯ އަދި އެންމެ ފަހުގެ ވޯލްޑް ކަޕްގެ ރަނަރަޕް ކްރޮއޭޝިއާ އެވެ. ފޭވަރިޓުންގެ ގޮތުގައި ތިއްބަސް މިއަހަރުގެ ނަތީޖާތަކަށް ބަލައި އެންމެ ރަނގަޅު ފޯމެއްގައި އޮތީ ކްރޮއޭޝިއާ އެވެ. މޮރޮކޯ އާއި ކެނެޑާ އަކީ ވެސް ރަނގަޅު ފެންވަރެއްގެ ދެ ޓީމެވެ.
ކެވިން ޑި ބްރޭނާ: އިންގެލެންޑުގެ މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ކެވިން ޑިބްރޭނާ އަކީ ބެލްޖިއަމްގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ. ޑިބްރޭނާ އެންމެ ފުރަތަމަ ގައުމީ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރު އެވެ.
މިއީ އުމުރުން 31 އަހަރުގެ މިޑްފީލްޑަރު ބެލްޖިއަމް އާއެކު ކުޅޭ ތިންވަނަ ވޯލްޑް ކަޕެވެ. އެންމެ ފުރަތަމަ 2014 ވަނަ އަހަރު ވޯލްޑް ކަޕް ގައި ކުޅުނު ފުރަތަމަ މެޗުގައި ވެސް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނެވެ. ޑިބްރޭނާ އަކީ ޓީމުގައި ތިބި އެންމެ ތަޖުރިބާކާރު ކުޅުންތެރިންގެ ތެރެއިން އެކަކެވެ. އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 93 މެޗު ކުޅެދީ، 25 ލަނޑޫ ޖަހައި، 46 އެސިސްޓް ކޮށްދީފަ އެވެ.
ތިބައު ކޯޓުއާ: އުމުރުން 30 އަހަރުގެ ތިބައު ކޯޓުއާ އަކީ މިހާތަނަށް 96 މެޗު ކުޅެ، ބެލްޖިއަމް ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުމުގެ ޝަރަފް ލިބިފައިވާ ގޯލްކީޕަރެވެ. ބެލްޖިއަމް ގައުމީ ޓީމަށް 2011 ވަނަ އަހަރު ކުޅެން ފެށި ކޯޓުއާ ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ވެސް ހޯދައިފަ އެވެ. މީގެ ކުރިން ދެ މުބާރާތުގައި ވެސް ބެލްޖިއަމްގެ ގޯލު ބެލެހެއްޓީ އޭނާ އެވެ.
ސްޕެއިންގެ ރެއާލް މެޑްރިޑުގައި ވެސް މޮޅަށް ކުޅެމުން އަންނަ ކުޅުންތެރިޔާ ވަނީ އެޓީމާ އެކު ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށް، މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު އެޓީމަށް ކާމިޔާބު ކޮށްދިނުމުގައި ވެސް މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.
ޔާން ވާޓޮންގެން: ޑިފެންޑަރު ޔާން ވޮޓެންގަން ބެލްޖިއަމްގެ ގައުމީ ޓީމަށް ކުޅެން ފެށީ 2007 ވަނަ އަހަރު އެވެ. އޭނާ ވަނީ ބެލްޖިއަމް ގައުމީ ޓީމަށް މިހާތަނަށް ރެކޯޑް 141 މެޗު ކުޅެދީފަ އެވެ. އުމުރުން 35 އަހަރުގެ ޑިފެންޑަރަކީ މިހާރު ވެސް ކޯޗު ރޮބާޓޯ މާޓިނޭޒްގެ ޓީމަށް ގަވާއިދުން ކުޅެމުން އަންނަ މުހިއްމު ކުޅުންތެރިއެކެވެ.
ބެލްޖިއަމްގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުމުގެ ލިސްޓުގައި ދެން ހިމެނޭ އެޑެން ހަޒާޑް، ، ރޮމެލޫ ލުކާކޫ، އަކްސެލް ވިޓްސެލް، ޓޮބީ އެލްޑަވިރެލްޑް އަދި ޑްރީސް މާޓެންސް ފަދަ ކުޅުންތެރިން ވަނީ އެކުގައި ބެލްޖިއަމް އިން މި ފަހުން ހޯދި ކުރިއެރުންތަކުގައި ބޮޑު ހިއްސާއެއް އަދާކޮށްފަ އެވެ.
ނެދަލެންޑްސްގެ އަޔެކްސް އިން ކްލަބް ކެރިއަރު ފަށައި، އިންގްލެންޑް ގެ ޓޮޓެންހަމް ހޮޓްސްޕާއަށް ގިނަ ދުވަސްތަކެއް ކުޅުމަށް ފަހު ވޮޓެންގަން ވަނީ ޕޯޗުގަލްގެ ބެންފީކާ އަށް ވެސް ކުޅެފަ އެވެ. ނަމަވެސް މި ސީޒަނުގައި ވަނީ ފުރަތަމަ ފަހަރަށް ބެލްޖިއަމް ލީގަށް ބަދަލު ވެފަ އެވެ.