ވޯލްޑް ކަޕްގެ ތާރީހް:
އެފްރިކާގެ އުތުރަށް ނިސްބަތްވާ މޮރޮކޯ އަށް ވޯލްޑް ކަޕްގައި އެންމެ ދުރަށް ދެވުނީ 1986 ވަނަ އަހަރު މެކްސިކޯގައި އޮތް މުބާރާތުގަ އެވެ. އެފަހަރު ދެ ވަނަ ބުރަށް ދަތުރުކޮށް އެޓީމު ކެޓީ ހުޅަނގު ޖަރުމަނު އަތުން 0-1 އިން ބަލިވެގެންނެވެ. 1970، 1994، 1998 އަދި 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން މޮރޮކޯ ވަނީ ކަޓައިފަ އެވެ. ރަޝިއާގައި 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕްހެ ގްރޫޕް ސްޓޭޖުގެ ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވި އެއް މެޗު އެއްވަރުކުރި އެވެ.
ފުޓްބޯޅައިގައި ސަރަހައްދީ އެކި މުބާރާތްތަކުގައި މޮރޮކޯ ވަނީ ވާދަކޮށްފަ އެވެ. އެކަމަކު އެފްރިކާގެ އެންމެ ޝަރަފްވެރި މުބާރާތް، އެފްރިކަން ކަޕް އޮފް ނޭޝަންސް މޮރޮކޯ އަށް ކާމިޔާބު ކުރެވުނީ ހަމައެކަނި 1976 ވަނަ އަހަރު އެވެ. އެންމެ ފަހުގެ މުބާރާތުގައި އެޓީމު ކެޓީ ކުއާޓާ ފައިނަލުންނެވެ.
ކޮލިފައިވި ގޮތް:
އެފްރިކާ ބައްރުގެ ކޮލިފައިންގައި މޮރޯކޯ ވަނީ އެޓީމު ވާދަކުރި ގްރޫޕުގެ އެއް ވަނަ ހޯދާފަ އެވެ. އެޓީމުގެ ގްރޫޕުގެ އެއްވަނަ ކަށަވަރުކުރީ ކުޅުނު ހަ މެޗުން ވެސް މޮޅުވެގެންނެވެ. ހަ މެޗުގައި 20 ގޯލު ޖެހިއިރު ބައިކޮޅަށް ވަނީ އެންމެ ގޯލެކެވެ. މޮރޮކޯއާ އެކު ކޮލިފައިންގައި ވާދަކުރީ ގިނީ-ބިސާއޫ އާއި ގިނީ އަދި ސޫދާން އެވެ.
ކޮލިފައިންގެ ޕްލޭއޮފް މެޗުގައި މޮރޮކޯ ނުކުތީ ކޮންގޯއާ ދެކޮޅަށެވެ. ކޮންގޯގައި ކުޅުނު ފުރަތަމަ ލެގްގެ މެޗު 1-1 އިން އެއްވަރުވިއިރު އަމިއްލަ ދަނޑުގައި ކުޅުނު މެޗު 1-4 އިން ކާމިޔާބުކޮށް މޮރޮކޯ ވަނީ ހަ ވަނަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވެފަ އެވެ.
ކޯޗު: ވަލީދު ރެގްރާގީ
ވަލީދު އަކީ މިފަހަރުގެ ވޯލްޑް ކަޕްގައި އިރުޝާދުދޭ އެންމެ ޒުވާން ކޯޗުންގެ ތެރެއިން އެކަކެވެ. އުމުރުން 47 އަހަރުގެ ރަގެރާގީ ވޯލްޑް ކަޕްގައި ޓީމަކަށް އިރުޝާދުދޭ މިއީ ފުރަތަމަ ފަހަރެވެ. ރެގްރާގީ ވަނީ މޮރޮކޯގެ ގައުމީ ޓީމަށް 2001 އިން 2009 އާ ދެމެދު 45 މެޗު ކުޅެފަ އެވެ. އޭނާ އެޓީމުގެ ކޯޗުކަމާ ރެގްރާގީ ހަވާލުވީ މިއަހަރުގެ އޮގަސްޓް މަހު އެވެ. މި ފުރުސަތު ރެގްރާގީ އަށް ލިބުނީ މޮރޮކޯ ވޯލްޑް ކަޕަށް ކޮލިފައިކޮށްދިން ކޯޗު، ވާހިދު ހަލިހޮޒިޗް މަގާމުން ވަކިކުރުމުންނެވެ. ރެގްރާގީގެ ކޯޗުކަމުގައި މިދިޔަ ސެޕްޓެމްބަރު މަހު ޗިލީ އަތުން 0-2 އިން މޮޅުވިއިރު ޕެރެގުއޭއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 0-0 އިންނެވެ.
ފާހަގަކޮށްލެވޭ ކުޅުންތެރިން:
އައްޔޫބް އެލް ކާބީ
އެލް ކާބީ އަކީ ފަސް ގޯލާ އެކު ކޮލިފައިންގައި މޮރޮކޯގެ ލަނޑު ލިސްޓުގެ އެއް ވަނަ އެވެ. އުމުރުން 29 އަހަރުގެ އެލް ކާބީ މިހާރު ކުޅެމުން އަންނަނީ ތުރުކީގެ ކްލަބެއް ކަމަށްވާ ހެޓޭސްޕޯ އަށެވެ. އެލް ކާބީ އަށް ގައުމީ ޓީމުން ފުރުސަތު ލިބުނީ 2018 ވަނަ އަހަރު އެވެ. އެ އަހަރު އެލް ކާބީ ވަނީ ރަޝިއާގައި އޮތް ވޯލްޑް ކަޕްގައި މޮރޮކޯގެ ޓީމަށް ކުޅެފަ އެވެ. ގްރޫޕް ސްޓޭޖުގެ ތިން މެޗުގެ ތެރެއިން އެލް ކާބީ އަށް ކުޅުމުގެ ފުރުސަތު ލިބުނީ އީރާން އާއި ޕޯޗުގަލް މެޗުގަ އެވެ.
އެލް ކާބީގެ ވިދުން މޮރޮކޯ ޓީމުގައި ގަދަވީ ވޯލްޑް ކަޕް ކޮލިފައިންގަ އެވެ. ކުރީގެ ކޯޗު ހަލިލޮޒިޗް އެލް ކާބީ އަށް އިތުބާރުކޮށް ދިން ފުރުސަތުގެ ބޭނުން ހިފައި ކުޅުނު ފުރަތަމަ ހަ މެޗުގައި އެލް ކާބީ ފަސް ގޯލު ޖެހި އެވެ. ވޯލްޑް ކަޕަށް ގައުމު ކޮލިފައި ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރުމާ އެކު ގަތަރުގައި އޮންނަ ވޯލްޑް ކަޕްގައި އެގައުމުގެ ރައްޔިތުންގެ އެންމެ ބޮޑު އުއްމީދެއް ގުޅިފައިވަނީ އެލް ކާބީއާ އެވެ.
އަޝްރަފް ހަކީމީ
ރެއާލް މެޑްރިޑްގެ އެކެޑެމީ އިން ޕްރޮފެޝަނަލް ފުޓްބޯޅަ އަށް ނުކުތް އަޝްރަފް ހަކީމީ އަކީ ޑިފެންސާއި ވިންގް ބެކަށް ކުޅޭ ކުޅުންތެރިންގެ ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާ އެވެ. އުމުރުން 23 އަހަރުގެ ހަކީމީ މިހާރު ކުޅެމުން އަންނަނީ ތަރިން ހިމެނޭ ފްރާންސްގެ ޕީއެސްޖީ އަށެވެ.
ޅަ އުމުރުގައި ދައްކަމުން އައި މޮޅު ކުޅުމާ އެކު އުމުރުން އެންމެ 17 އަހަރުގައި ހަކީމީ ވަނީ ސީނިއާ ގައުމީ ޓީމުން ފުރުސަތު ހޯދާފަ އެވެ. 2016 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމުގައި ކުޅެމުން އަންނަ ހަކީމީ ވަނީ އެޓީމަށް 53 މެޗު ކުޅެދީ އަށް ގޯލު ޖަހައިފަ އެވެ.
ރެއާލް މެޑްރިޑްގައި ހަކީމީ އަށް އެކަށީގެންވާ ފުރުސަތު ނުލިބުމުން އޭނާ ވަނީ ލޯނު އުސޫލުން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެފަ އެވެ. ޕީއެސްޖީ އިން ހަކީމީގެ ސޮއި ހޯދީ ޑޯޓްމަންޑުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. ވޯލްޑް ކަޕަށް މޮރޮކޯ ނުކުންނައިރު ޒުވާން ހަކީމީ އަށް އެގައުމުގެ ރައްޔިތުން ކުރާ އުއްމީދު ބޮޑެވެ.
ސުފިއާން ބުފަލް
އަރިމަތިން ވިންގަށް ކުޅޭ ހުނަރުވެރި ބުފަލް އަށް ސީނިއާ ގައުމީ ޓީމުން އެންމެ ފުރަތަމަ ޖާގަ ލިބުނީ 2016 ވަނަ އަހަރު އެވެ. އެކަމަކު ޖެހިގެން އައި ދެ އަހަރު ބުފަލް އަށް މުހިއްމު ދެ މުބާރާތް ގެއްލުނެވެ. އަނިޔާގެ ސަބަބުން 2017 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ނުކުޅެވުނު އިރު 2018 ވަނަ އަހަރު ރަޝިއާގައި ކުޅުނު ވޯލްޑް ކަޕްގެ ސްކޮޑުން ވެސް ހައިރާން ކުރުވަނިވި ގޮތަކަށް ބުފަލް ވަނީ ބާކީވެފަ އެވެ. އެކަމަކު ލިބުނު ފުރުސަތުގެ ބޭނުންހިފައި ބުފަލް މިހާރު އަންނަނީ ގައުމީ ޓީމުގައި ތަފާތު ދައްކަމުންނެވެ.
މިއަހަރު އޮތް އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ބުފަލް ވަނީ މޮރޮކޯ ޓީމަށް ތިން ގޯލު ޖަހައިދީފަ އެވެ. މިދިޔަ ސީޒަނުގެ ފަހުކޮޅު އަނިޔާގެ ސަބަބުން މުހިއްމު މެޗުތަކެއް ގެއްލުނު ނަމަވެސް ބުފަލް މިހާރު އަންނަނީ އޭނާގެ ފޯމު ދަމަހައްޓަމުންނެވެ. 2020 ވަނަ އަހަރުން ފެށިގެން ބުފަލް ކުޅެމުން އަންނަ ފްރާންސްގެ އޭންޖާސް ޓީމަށް ލީގުގައި ކުޅުނު 52 މެޗުގައި ބުފަލް ވަނީ 12 ގޯލު ޖަހައިފަ އެވެ. އަދި ގައުމީ ޓީމަށް ކުޅުނު 31 މެޗުގައި ބުފަލް ވަނީ 12 ގޯލު ޖަހައިފަ އެވެ.
ގްރޫޕްގަ އޮތް ފުރުސަތު:
މި ގްރޫޕުގައި އޮތީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ބަލިވި ކްރޮއޭޝިއާ އާއި އެ މުބާރާތުގެ ތިން ވަނަ ހޯދި ބެލްޖިއަމް އާއި ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ ކެނެޑާ އެވެ. ގްރޫޕް ސްޓޭޖު ހުރަސްކުރަން މޮރޮކޯ އަށް ޖެހޭނީ ބެލްޖިއަމް ނުވަތަ ކްރޮއޭޝިއާ އަތުން ޕޮއިންޓް ހޯދައި ކެނެޑާ ބަލިކުރާށެވެ.
މި ގްރޫޕުގެ ބެލްޖިއަމުން ވަނީ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މޮރޮކޯ 0-1 އިން ބަލިކޮށްފަ އެވެ. މިއީ ކްރޮއޭޝިއާއާ ދެކޮޅަށް ބައިނަލްއަގްވާމީ މުބާރާތެއްގައި މޮރޮކޯ ނުކުންނާނެ ފުރަތަމަ ފަހަރެވެ. ކެނެޑާއާ ދެކޮޅަށް މީގެ ކުރިން މޮރޮކޯ ވަނީ އެކުވެރިކަމުގެ ތިން މެޗު ކުޅެފަ އެވެ. ދެ މެޗުން މޮރޮކޯ މޮޅުވިއިރު އެއްވަރުވީ އެއް މެޗުންނެވެ.