ޒުވާން އުމުރުގައި ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެ، ގޯލު ޖަހައި އޭނާ ވަނީ ޒަމާން ވީ ރެކޯޑްތަކެއް މުގުރާލައިފަ އެވެ. އެއަށް ފަހު 2024 ގައި އެންޑްރިކް ވަނީ ކޮޕާ އެމެރިކާ މުބާރާތުގައި ވެސް ކުޅެފަ އެވެ. އެ މުބާރާތުގެ ކުއާޓާ ފައިނަލްގައި އެންޑްރިކް ވަނީ ފުރަތަމަ ފަހަރަށް ބްރެޒިލް ގައުމީ ޓީމާއެކު މެޗެއް ސްޓާޓް ކޮށްފަ އެވެ.
ނަމަވެސް އެ މެޗު ވީ އޭނާ ހަނދާނުން ފޮހެލަން މަޖުބޫރުވާ ފަދަ މެޗަކަށެވެ. އުރުގުއޭ އަތުން ޕެނަލްޓީ ޖަހައިގެން ބްރެޒިލް ބަލިވި އެ މެޗުގައި އެންޑްރިކް އަށް ފުރިހަމަ ކުރެވުނީ އެންމެ ޕާހެކެވެ. އެއީ މެޗު ފަށަން ކިކޯފްގައި އޭނާ ޖެއްސި ބޯޅައިންނެވެ. އެ މެޗަށް ފަހު އެންޑްރިކް އަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ.
ރެއާލް މެޑްރިޑްގައި އޭނާ އަށް ލިބޭ ފުރުސަތުތައް މަދު ވުމުން، ކާލޯ އަންޗެލޮޓީގެ ބްރެޒިލް ސްކޮޑުން ވެސް އޭނާ އަށް ފުރުސަތު ހަނިވި އެވެ. މިއާ އެކު އޭނާ ވަނީ މިދިޔަ ޑިސެމްބަރު މަހު، ހަ މަހުގެ ލޯނެއްގައި ފްރާންސްގެ ލިޔޯން އަށް ބަދަލު ވެފަ އެވެ. ވޯލްޑް ކަޕްގައި ކުޅެން ބްރެޒިލް ގައުމީ ޓީމުން ފުރުސަތު ހޯދުމުގެ އުންމީދުގަ އެވެ. ލިޔޯން އާއެކު ލިބޭ މަދު ފުރުސަތުތަކުގައި އެންޑްރިކް އަންނަނީ އޭނާގެ ހުނަރު ދައްކާލަމުންނެވެ.
އުމުރުން 19 އަހަރުގެ އެންޑްރިކް ވަނީ މިހާތަނަށް ގައުމީ ޓީމަށް 15 މެޗުން ތިން ގޯލު ޖަހައިދިފަ އެވެ.
ފަސް ތައްޓާ އެކު ބްރެޒިލަކީ ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު ގައުމެވެ. އެޓީމުން ދުނިޔޭގެ ޗެމްޕިއަންކަން ހޯދީ 1958، 1962، 1970، 1944 އަދި 2002 ވަނަ އަހަރު އެވެ. އޭގެ ފަހުން އެޓީމަށް އެންމެ ކުރިއަށް ދެވުނީ އަމިއްލަ ގައުމުގައި 2014 ވަނަ އަހަރު ސެމީ ފައިނަލާ ހަމައަށެވެ. އަނެއް ހަތަރު ވޯލްޑް ކަޕްގައި ވެސް ކެޓީ ކުއާޓާ ފައިނަލުންނެވެ.
އެންމެ ހުނަރުވެރި ކުޅުންތެރިން އުފައްދާ ބްރެޒިލަކީ ފުޓްބޯޅައިގައި އެންމެ މަގުބޫލު ނަމެވެ. އޭގެ ސަބަބުތައް ވެސް ބައިވަރެވެ. ބްރެޒިލަކީ ހަތަރު ބައްރުގައި ވޯލްޑް ކަޕް ކާމިޔާބުކުރި ހަމައެކަނި ގައުމެވެ. އަދި ހުރިހާ ވޯލްޑް ކަޕްގައި ކުޅުނު ހަމައެކަނި ގައުމުގެ ޝަރަފް ލިބެނީ ވެސް ބްރެޒިލަށެވެ. އެގައުމުން 1970 އަދި 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ.
ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު، ބްރެޒިލަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވަނީ ނޭމާ އެވެ. އެންމެ ގިނަ މެޗު އެ ގައުމަށް ކުޅެދިނީ ކުރީގެ މަޝްހޫރު ޑިފެންޑަރު ކަފޫ އެވެ. ފުޓްބޯޅަ ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ، ބްރެޒިލްގެ ޕެލޭ އަކީ ތިން ވޯލްޑް ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާ އެވެ. އަދި، ވޯލްޑް ކަޕްގައި ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފް ވެސް ޕެލޭ ވަނީ ހޯދައިފަ އެވެ. މި ހުރިހާ ކަމަކާ އެކު ބްރެޒިލްގެ ހާއްސަކަން އަބަދުވެސް ބޮޑުވެ އެވެ.
ބްރެޒިލް ވޯލްޑް ކަޕަށް ކޮލިފައިވީ ދެކުނު އެމެރިކާ ކޮލިފައިންގެ ފަސް ވަނަ ހޯދައިގެންނެވެ. ހަ ޓީމަށް ސީދާ ޖާގަ ލިބޭ ކޮލިފައިންގައި 18 މެޗުން ބްރެޒިލަށް ލިބުނީ 28 ޕޮއިންޓެވެ. ކޮލިފައިންގެ ކުރީކޮޅު އެ ޓީމު އޮތީ ހާލުގަ އެވެ. ކޮލިފައިންގެ 8 މެޗު އެގައުމުން ކާމިޔާބުކުރިއިރު ހަ މެޗުން ވަނީ ބަލިވެފަ އެވެ. ހަތަރު މެޗު އެއްވަރުވީ އެވެ.
ބްރެޒިލްގެ ކޯޗުކަމާ 66 އަހަރުގެ ކާލޯ އަންޗެލޮޓީ ހަވާލުވީ 2025 ވަނަ އަހަރު މެއި މަހު އެވެ. ތަޖުރިބާ އާއި ކާމިޔާބީގެ ގޮތުން އަންޗެލޮޓީ އަކީ ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ކޯޗެވެ. ކޯޗިން ކެރިއަރުގައި ވޯލްޑް ކަޕެއްގައި އަންޗެލޮޓީ ފެންނާނެ މިއީ ފުރަތަމަ ފަހަރެވެ. މީގެކުރިން އަންޗެލޮޓީގެ ކާމިޔާބީ ފެނުނީ ޔޫރަޕްގެ މަޝްހޫރު ކްލަބްތަކުންނެވެ. އޭގެތެރޭގައި ޔުވެންޓަސް، އޭސީ މިލާން، ޗެލްސީ، ރެއާލް މެޑްރިޑް އަދި ބަޔާން މިއުނިކް ވެސް ހިމެނެ އެވެ. އަންޗެލޮޓީ އަކީ ޔޫރަޕްގެ ގަދަ ފަސް ލީގު ކާމިޔާބުކުރި ހަމައެކަނި ކޯޗެވެ. އަދި ޗެމްޕިއަންސް ލީގުގެ ކާމިޔާބީތަކާ އެކު އެމުބާރާތުގެ އެންމެ ކާމިޔާބު ކޯޗަކީ ވެސް އަންޗެލޮޓީ އެވެ.
ވޯލްޑް ކަޕަށް ބްރެޒިލް ކޮލިފައިވުމާ ހަމަޔަށް އަންޗެލޮޓީ 8 މެޗުގައި އެ ޓީމަށް ކޯޗުކޮށްދިނެވެ. އޭގެ ތެރެއިން ހަތަރު މެޗުން މޮޅުވިއިރު ދެ މެޗުން އެއްވަރުގެ އަނެއް ދެ މެޗުން ވަނީ ބަލިވެފަ އެވެ.
ބްރެޒިލަކީ އަބަދުވެސް ތަރިން އުފައްދާ ގައުމެކެވެ. ގިނަ ކުޅުންތެރިން ފާހަގަކުރެވެނީ އާދަޔާހިލާފު ހުނަރުވެރިންގެ ގޮތުގަ އެވެ. މި ފަހަރުގެ ޓީމަށް ބަލާއިރު ވެސް އެފަދަ ގިނަ ކުޅުންތެރިންތަކެއް އެބަތިއްބެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިޔަކީ ބާސެލޯނާގެ ތަރި ރަފީނިއާ އެވެ. އޭނާ އަކީ ފަސް ގޯލާ އެކު ކޮލިފައިންގައި އެޓީމުގެ ލަނޑު ލިސްޓުގެ އެއް ވަނަ އެވެ. ރަފީނިއާގެ އިތުރުން ރެއާލް މެޑްރިޑަށް ކުޅޭ ވިނީޝިއުސް ޖޫނިއާ އަކީ ވެސް އެޓީމުގެ މުހިއްމު ތަނބެކެވެ.
މިފަހަރުގެ ވޯލްޑް ކަޕަކީ ތަޖުރިބާގެ ގޮތުން އެޓީމުގެ ބައެއް ކުޅުންތެރިންނަށް ހާއްސަ މުބާރާތެކެވެ. އެގޮތުން ޑިފެންޑަރު މާކީނިއޯސް އާއި މިޑްފީލްޑަރު ކަސެމީރޯ ފާހަގަކޮށްލެވެ އެވެ. އަދި، ކުޅަދާނަ ޑިފެންޑަރު ގެބްރިއެލް މަގަޅެސް އަކީ ވެސް މިފަހަރުގެ ވޯލްޑް ކަޕަށް ދާއިރު ރަނގަޅު ފޯމުގައި ހުރި ކުޅުންތެރިއެކެވެ.
ޖަޕާނާއި ދެކުނު ކޮރެއާގައި ބޭއްވި 2002 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ އޭޝިއާ ބައްރުގައި ބޭއްވި ފުރަތަމަ މުބާރާތެވެ. ނަމަވެސް، މި މުބާރާތް ތާރީހުގައި ލިޔެވިގެން ދިޔައީ ރެފްރީންގެ ސިއްރުވެރި އަދި މައްސަލަ ބޮޑު ނިންމުންތަކުގެ ސަބަބުން އަނދިރި ފަރާތެއްއޮތް މުބާރާތެއްގެ ގޮތުގަ އެވެ. މުބާރާތް ބޭއްވި ދެކުނު ކޮރެއާއިން އިޓަލީ އާއި ސްޕެއިން ކަޓުވާލި މެޗުތަކުގައި، ރެފްރީން ވަނީ އެ ދެ ގައުމުން ޖެހި ސައްހަ ގޯލްތަކެއް ބަލައިނުގަނެ، ގިނަ ބަޔަކު ހައިރާންކޮށްލައިފަ އެވެ. އިޓަލީގެ ތަރި ފްރެންޗެސްކޯ ޓޮޓީއަށް ދެއްކި ނުހައްގު ރަތް ކާޑަކީ މިއަދާ ހަމައަށްވެސް ފުޓްބޯޅަ ދުނިޔޭގައި ބޮޑު ބަހުސެކެވެ.
ގަދަ 16 ގައި އިޓަލީ އާއި ދެކުނު ކޮރެއާ ބައްދަލުކުރި މެޗަކީ، ވޯލްޑް ކަޕް ތާރީހުގައި ވެސް އެންމެ އިންސާފުވެރިކަން ކުޑަ މެޗުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ މެޗެވެ. މި މެޗުގެ ހުރިހާ ސަމާލުކަމެއް ހޯދީ މެޗުގެ ރެފްރީ އީކުއެޑޯގެ ބައިރަން މޮރޭނޯ އެވެ. އޭނާގެ މޫނުމަތިން ފެންނަ ބިރުވެރި ސިފަތަކާއި ނިންމުންތަކުގެ ސަބަބުން މުޅި ދުނިޔޭގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މި މެޗުގައި އިޓަލީގެ ތަރި ފްރެންޗެސްކޯ ޓޮޓީއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކީ، ޕެނަލްޓީ އޭރިއާ ތެރޭގައި އޭނާ "ޑައިވް" ކުރި ކަމަށް ބުނެއެވެ. ނަމަވެސް، ޓީވީ ރިޕްލޭތަކުން ސާފުކޮށް ފެންނަ ގޮތުގައި ކޮރެއާ ކުޅުންތެރިޔާ ހުރީ ޓޮޓީގެ ފައިގައި ޖެހިފަ އެވެ.
ރެފްރީ މޮރޭނޯގެ އަނދިރި ފަރާތް ފަހުން މުޅި ދުނިޔެއަށް ހާމަވެގެން ދިޔައީ، 2010 ވަނަ އަހަރު އެމެރިކާގެ އެއާޕޯޓަކުން 6 ކިލޯގެ ހެރޮއިން އެތެރެކުރަން އުޅެނިކޮށް އޭނާ ހައްޔަރުކޮށް، ޖަލަށް ލުމުންނެވެ. މިއީ ވޯލްޑް ކަޕްގައި ރެފްރީއެއްގެ ފަރާތުން ފެނުނު އެންމެ ހުތުރު އަދި އެންމެ ސުވާލު އުފެދޭ އެއް ހާދިސާ އެވެ.
އިޓަލީގެ ހިތްދަތި ވަކިވުމަށްފަހު، ކުއާޓާ ފައިނަލުގައި ސްޕެއިނަށް ވެސް ޖެހުނީ ހަމަ އެފަދަ ހާލެކެވެ. ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅުނު މި މެޗުގައި ސްޕެއިނުން ޖެހި ސައްހަ ދެ ގޯލެއް ރެފްރީ ބަލައިނުގަތުމުން، މުޅި ޓީމު އޮތީ ހިތްހަމަނުޖެހިފަ އެވެ. ފުރަތަމަ ގޯލް ބަލައިނުގަތީ ބޯޅަ ބޮލުން ޖެހި ވަގުތު ކޮރެއާ ކުޅުންތެރިއަކަށް ފައުލްކުރި ކަމަށް ބުނެ އެވެ. އަދި ދެ ވަނަ ގޯލް ބަލައިނުގަތީ ބޯޅަ ހުރަސްކޮށްލި ވަގުތު ރޮނގުން ބޭރުވި ކަމަށް ބުނެ އެވެ. ނަމަވެސް، ޓީވީ ރިޕްލޭތަކުން ސާފުކޮށް ފެންނަ ގޮތުގައި ބޯޅަ ރޮނގުން ބޭރެއް ނުވެ އެވެ.
މެޗުން ބަލިވުމަށްފަހު ސްޕެއިންގެ ކުޅުންތެރިންގެ ކެތްތެރިކަން ކޮޅުންލައި، ދަނޑުމަތީގައި ރެފްރީންގެ ވަށައިގެން އެނބުރި މިއީ ބޮޑު "ވައްކަމެއް" ކަމަށް ބުނެ ހަޅޭއްލެވި އެވެ. އޭރު ސްޕެއިންގެ ކެޕްޓަން ފެނާންޑޯ ހިއޭރޯ ބުނީ، މިއީ މާކުރިން ރޭވިގެން ހިންގާފައިވާ ކަމެއް ކަމަށާއި، ކޮރެއާ މޮޅުކޮށްދޭން މަސައްކަތް ކުރިކަން ވަރަށް ސާފުވާ ކަމަށެވެ. މި ހާދިސާއަކީ ސްޕެއިންގެ ފުޓްބޯޅަ ތާރީހުގައި ވެސް އެ ގައުމަކަށް ކުރިމަތިވި އެންމެ ބޮޑު އެއް ބޭއިންސާފުކަމަށް ވަނީ ސިފަކޮށްފަ އެވެ.
މި މުބާރާތުގައި އެންމެންގެ މޫނު މައްޗަށް ހިނިތުންވުން ގެނައީ ބްރެޒިލްގެ ރޮނާލްޑޯ އެވެ. ކަކުލުގެ ސީރިއަސް އަނިޔާއަށްފަހު ރޮނާލްޑޯ އެނބުރި އައިސް، އޭޏާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. ގާތްގަނޑަކަށް ދެ އަހަރު ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު، ރޮނާލްޑޯ ވަނީ މުޅި މުބާރާތުގައި 8 ލަނޑު ޖަހައި ބްރެޒިލަށް 5 ވަނަ ފަހަރަށް ތަށި ހޯދައިދީފަ އެވެ.
މި މުބާރާތުގެ ރެކޯޑުތަކަށް ބަލާއިރު، ތުރުކީގެ ހަކާން ސުކުރް، ދެކުނު ކޮރެއާ ކޮޅަށް 11 ސިކުންތު ތެރޭގައި ޖެހި ލަނޑަކީ ވޯލްޑް ކަޕް ތާރީހުގައި މިހާތަނަށް ފެނުނު އެންމެ އަވަސް ލަނޑެވެ. މުބާރާތް ނިމުނުއިރު ރޮނާލްޑޯ ރަން ބޫޓު ހޯދިއިރު، އޮލިވާ ކާން ވެފައިވަނީ ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ނުވަތަ "ގޯލްޑަން ބޯލް" ހޯދި ފުރަތަމަ އަދި ހަމައެކަނި ގޯލްކީޕަރަށެވެ.
ދުނިޔޭގެ އެންމެ މުއްސަނދި ގައުމުގެ ގޮތުގައި އޮވެ އެމެރިކާއިން 1994 ގެ ވޯލްޑް ކަޕް ބާއްވަން ހޭދަ ކުރި 500 މިލިއަން ޑޮލަރަކީ ނިސްބަތުން ބަލާއިރު އެންމެ އަގު ހެޔޮކޮށް ބޭއްވި ވޯލްޑް ކަޕެވެ. އޭގެ ކުރިން އަދި އޭގެ ފަހުން ވެސް މުބާރާތް ބޭއްވި އެހެން ގައުމުތަކުން ބިލިއަން ޑޮލަރާ ގާތް ކުރާވަރުގެ ހޭދައެއް ކޮށްފައި ވެއެވެ. ބޮޑު ހޭދައަކާ ނުލައި މުބާރާތް ބާއްވަން އެމެރިކާއަށް މަގުފަހިވި އެންމެ ބޮޑު ސަބަބަކީ، އާ ސްޓޭޑިއަމްތަކެއް ބިނާކުރުމުގެ ބަދަލުގައި ކުރީގެ ސްޓޭޑިއަމްތައް މެޗުތަކަށް ބޭނުންކުރުމެވެ. މިއީ އެފަހަރު ބިޑް ހުށަހެޅި އެހެން ގައުމުތަކާ ހިލާފަށް އެމެރިކާއިން ގެންގުޅުނު ތަފާތު ސިޔާސަތެކެވެ.
އެމެރިކާގައި ފުޓްބޯޅައަކީ އޭރު މަގުބޫލުކަން ކުޑަ ކުޅިވަރަކަށް ވިޔަސް، މި މުބާރާތް ވެގެންދިޔައީ ފީފާއަށް މާލީ ގޮތުން ބޮޑު ފައިދާއެއް ލިބުނު މުބާރާތަކަށެވެ. ފީފާއަށް ގާތްގަނޑަކަށް 500 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނުއިރު، ހުރިހާ ހަރަދެއް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 220 މިލިއަނަށް ވުރެ ގިނަ ޑޮލަރު ލިބުނެވެ. އެމެރިކާގެ ސްޓޭޑިއަމްތަކުގެ ބޮޑުމިނުގެ ސަބަބުން ކޮންމެ މެޗަކަށް އެވްރެޖްކޮށް 69,000 ސަޕޯޓަރުން ވަދެފައިވާތީ، މިއީ މިއަދާ ހަމައަށް ވެސް މުބާރާތެއްގެ އެވްރެޖް އެޓެންޑެންސްގެ ރެކޯޑެވެ.
މި މުބާރާތަކީ ފުޓްބޯޅައިގެ ގަވާއިދުތަކަށް ބޮޑެތި ބަދަލުތަކެއް ގެނުވި އަހަރެކެވެ. މިއީ މޮޅުވާ ޓީމަކަށް ތިން ޕޮއިންޓް ދޭން ފެށި ފުރަތަމަ ވޯލްޑް ކަޕެވެ. އަދި ގޯލްކީޕަރުގެ އަތަށް ބޯޅަ ދިނުން މަނާކުރި ބެކް ޕާސް ގަވާއިދު ވޯލްޑް ކަޕެއްގައި ފުރަތަމަ ފަހަރަށް ބޭނުންކުރީ ވެސް މި މުބާރާތުގައެވެ. އަދި ކުޅުންތެރިންގެ ޖާޒީގެ ފަހަތުގައި އެމީހުންގެ ނަން ޖަހައިގެން ކުޅެން ފެށީ ވެސް 1994 ވަނަ އަހަރު އެވެ.
މުބާރާތުގެ ތެރެއިން ފެނުނު އެންމެ ބޮޑު އެއް ހާދިސާއަކީ އާޖެންޓީނާގެ ތަރި ޑިއޭގޯ މެރަޑޯނާ ޑްރަގަށް ޕޮޒިޓިވްވެ، މުބާރާތުގެ ވަކި ހިސާބަކުން އޭނާ ސަސްޕެންޑް ކުރަން ޖެހުމެވެ. ނަމަވެސް އެންމެ ހިތްދަތި ހާދިސާއަކީ ކޮލަމްބިއާގެ ޑިފެންޑަރު އަންޑްރޭސް އެސްކޯބާގެ މަރެވެ. އެމެރިކާއާ ދެކޮޅަށް ކުޅުނު މެޗުގައި ބައިކޮޅަށް ވަން ލަނޑުގެ ސަބަބުން ކޮލަމްބިއާ މުބާރާތުން ކަޓައި، ގައުމަށް އެނބުރި ދިޔަތާ ފަސް ދުވަސް ތެރޭގައި އޭނާގެ ގަޔަށް ހަ ފަހަރަށް ބަޑިޖަހައި މަރާލި އެވެ.
މި މުބާރާތުގައި ރަޝިއާގެ އޮލެގް ސަލެންކޯ ވަނީ އެއް މެޗެއްގައި ފަސް ލަނޑު ޖަހައި ރެކޯޑެއް ހަދައިފަ އެވެ. އަދި ކެމަރޫންގެ ރޮޖާ މިލާ ވަނީ އުމުރުން 42 އަހަރުގައި ލަނޑު ޖަހައި، ވޯލްޑް ކަޕެއްގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ޝަރަފު ހޯދައިފަ އެވެ. ރޮމާރިއޯގެ މޮޅު ކުޅުމާއެކު މި މުބާރާތުގެ ތަށި ހާސިލްކުރީ ބްރެޒިލުންނެވެ. ފައިނަލުގައި އިޓަލީއާ ވާދަކޮށް ބްރެޒިލް މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ. މިއީ ބްރެޒިލުން ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ހަތަރު ވަނަ ފަހަރެވެ.
މެކްސިކޯގައި 1970 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕަކީ، ޔޫރަޕާއި ދެކުނު އެމެރިކާ ބައްރު ފިޔަވައި އެހެން ބައްރެއްގައި ބޭއްވި ފުރަތަމަ ވޯލްޑް ކަޕެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާއިން ވެސް ބިޑް ކުރި ނަމަވެސް، ފީފާގެ ކޮންގްރެސްގައި ބޭއްވި ވޯޓުން ކުރިހޯދީ މެކްސިކޯ އެވެ. މިއީ ފުޓްބޯޅައިގެ ދުނިޔެ ބައިނަލްއަގުވާމީ ގޮތުން ފުޅާވެ، އާ މަންޒިލަކަށް ދަތުރުކުރި މުހިންމު ފެށުމެކެވެ.
މި މުބާރާތުގެ ތާރީހުން އެންމެ ބޮޑަށް ފާހަގަކުރެވެނީ، ކޮލިފައިން ބުރުގައި އެލް ސަލްވަޑޯ އާއި ހޮންޑިއުރަސް ބައްދަލުކުރި މެޗާ ގުޅިގެން ދެ ގައުމުގެ މެދުގައި ފެށުނު ހަނގުރާމައެވެ. ދަނޑުމަތީގައި ހިނގި ހަމަނުޖެހުންތައް ބޮޑުވެ، 14 ޖުލައި 1969 ގައި ސަލްވަޑޯގެ އަސްކަރިއްޔާއިން ހޮންޑިއުރަސްއަށް ހަމަލާދީ ރަސްމީކޮށް ހަނގުރާމަ ފެށިއެވެ. "100 ގަޑިއިރުގެ ހަނގުރާމަ" ނުވަތަ "ފުޓްބޯޅަ ހަނގުރާމަ"ގެ ނަމުން މަޝްހޫރުވި މި ހަމަލާތައް ހުއްޓާލުމަށް އޯގަނައިޒޭޝަން އޮފް އެމެރިކަން ސްޓޭޓްސް (އޯއޭއެސް) އިން މެދުވެރިވެގެން މަސައްކަތް ކުރި އެވެ. ހަމަލާތައް ރަސްމީކޮށް ހުއްޓާލީ ޖުލައި 20 ގައެވެ.
ފަންނީ ގޮތުން ބަލާއިރު، މެކްސިކޯ ވޯލްޑް ކަޕަކީ ފުޓްބޯޅަ ބެލުންތެރިންނަށް އާ އުފާވެރިކަމެއް ގެނެސްދިން މުބާރާތެކެވެ. މިއީ ފުރަތަމަ ފަހަރަށް މުޅި ދުނިޔެއަށް "ކުލަ" ކޮށް ވަގުތުން މެޗުތައް ދެއްކި ވޯލްޑް ކަޕެވެ. އޭގެ ކުރިން ކުޅުނު ހުރިހާ މުބާރާތެއް ވެސް ވަގުތުން ދައްކަމުން އައީ ހުދު އަދި ކަޅު މަންޒަރުތަކުންނެވެ. މީގެ އިތުރުން، އެޑިޑާސް ކުންފުނިން ވޯލްޑް ކަޕަށް ހާއްސަކޮށްގެން އުފެއްދި ފުރަތަމަ ބޯޅަ ބޭނުންކުރަން ފެށީ ވެސް މި މުބާރާތުގަ އެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އިޓަލީ ބަލިކޮށް ބްރެޒިލް އެވެ. މިއީ ބްރެޒިލުން ދުނިޔޭގެ ތަށި އުފުލާލި ތިން ވަނަ ފަހަރެވެ. ޕެލޭ ފަދަ ތަރިންގެ މޮޅު ކުޅުމާއެކު، 1970 ގެ ބްރެޒިލް ޓީމަކީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް ފެނުނު އެންމެ ވަރުގަދަ އެއް ޓީމު ކަމުގައި މިއަދު ވެސް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
ވޯލްޑް ކަޕް 1962 ގެ މުބާރާތް ބާއްވަން ޗިލީ އަށް ފުރުސަތު ދިނީ 1956 ގައި ޕޯޗުގަލްގެ ލިޒްބަންގައި ބޭއްވި ފީފާގެ ބައްދަލުވުމުގަ އެވެ. އާޖެންޓީނާއާ ވާދަކޮށް ޗިލީން މި ފުރުސަތު ހޯދައި، މުބާރާތުގެ ތައްޔާރީތައް ވަރަށް ދުރާލައި ފެށި އެވެ. ނަމަވެސް މުބާރާތް ފެށެން ދެ އަހަރަށް ވެފައި ވަނިކޮށް، 1960 ވަނަ އަހަރު ޗިލީއަށް ކުރިމަތިލާން ޖެހުނީ ދުނިޔޭގައި ރެކޯޑް ކުރެވުނު އެންމެ ބާރުގަދަ ބިންހެލުމާއެވެ. 9.5 މެގްނިޓިއުޑްގެ މި ބާރުގަދަ ބިންހެލުމާއި އޭގެ ފަހުން އައި ސުނާމީގެ ސަބަބުން ގައުމުގެ އުމުރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ކުރިން ރޭވި އަށް ސްޓޭޑިއަމްގެ ބަދަލުގައި މެޗުތައް ކުޅެން ޖެހުނީ ތިން ސިޓީއެއްގެ ހަތަރު ސްޓޭޑިއަމެއްގަ އެވެ.
ބްރެޒިލް މި މުބާރާތަށް ދިޔައީ ދުނިޔޭގެ ތަރި ޕެލޭގެ އިންޖަރީއާއެކުގަ އެވެ. ނަމަވެސް ޕެލޭ ބެންޗުގައި ބައިންދައިގެން ވެސް ބްރެޒިލުން ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކައި، ވޯލްޑް ކަޕުގެ ތަށި ދިފާއުކޮށްފަ އެވެ.
މުބާރާތުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވުނު އަނެއް ކަމަކީ "ބެޓްލް އޮފް ސެންޓިއާގޯ" އެވެ. ޗިލީ އާއި އިޓަލީ ބައްދަލުކުރި މެޗުގައި ކުޅުންތެރިންގެ މެދުގައި ހިނގި ވަރުގަދަ މާރާމާރީތަކުގެ ސަބަބުން، މިއީ ވޯލްޑް ކަޕް ތާރީހުގައި ފެނުނު އެންމެ އަނިޔާވެރި މެޗުގެ ގޮތުގައި މިއަދުވެސް ސިފަކުރެވެ އެވެ. ގުދުރަތީ ބޮޑު ކާރިސާއަކުން ލިބުނު ބޮޑެތި ގެއްލުންތަކާއެކު ވެސް ޗިލީން މި މުބާރާތް ކާމިޔާބުކަމާއެކު ބޭއްވުމަކީ އެ ގައުމުގެ ހިތްވަރާއި ފުޓްބޯޅައަށް އޮތް ލޯބި މުޅި ދުނިޔެއަށް ސާބިތުކޮށްދިން ކަމެކެވެ.
ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ސްވިޑެންއަށް ދިނުމުން، ދެކުނު އެމެރިކާގެ ގައުމުތަކުގެ ނުތަނަވަސްކަން އަނެއްކާ ވެސް އިތުރުވިއެވެ. އެއީ ވިދިވިދިގެން ދެ ވަނަ ފަހަރަށް ޔޫރަޕްގައި މުބާރާތް ބޭއްވުމަށް ފީފާއިން ނިންމުމުންނެވެ. މި މައްސަލައާ ގުޅިގެން ފީފާއިން ފަހުން ނިންމީ، ކޮންމެ ހަތަރު އަހަރަކުން ތަފާތު ބައްރެއްގައި މުބާރާތް ބާއްވާ ގޮތަށް އުސޫލު ބަދަލުކުރުމަށެވެ. މިއީ މިއަދުވެސް ފީފާއިން އަމަލުކުރަމުން އަންނަ "ރޮޓޭޝަން" އުސޫލުގެ ފެށުމެވެ.
މި މުބާރާތް ތާރީހުގެ ތެރެއަށް ވަދެގެންދިޔައީ ބްރެޒިލުން ދުނިޔޭގެ ފުޓްބޯޅައިގެ ރަސްކަން ފެށި އަހަރުގެ ގޮތުގަ އެވެ. އުމުރުން އެންމެ 17 އަހަރުގެ ޕެލޭ ދެއްކި އާދަޔާހިލާފު މޮޅު ކުޅުމާއެކު، ބްރެޒިލުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ތަށި އުފުލާލި އެވެ. ފައިނަލުގައި ސްވިޑެންއާ ވާދަކޮށް 5-2 އިން ބްރެޒިލް މޮޅުވިއިރު، ޕެލޭ ވަނީ އެ މެޗުގައި ދެ ލަނޑު ޖަހާފަ އެވެ. މި ކާމިޔާބީއާއެކު ބްރެޒިލް ވެގެންދިޔައީ އަމިއްލަ ބައްރުން ބޭރުގައި ވޯލްޑް ކަޕް ހޯދި ފުރަތަމަ ގައުމަށެވެ.
މި މުބާރާތަކީ ގްރޭޓް ބްރިޓަންގެ ހަތަރު ގައުމު ކަމަށްވާ އިންގްލެންޑް، ސްކޮޓްލޭންޑް، ވޭލްސް އަދި ނޮދަން އަޔަލޭންޑް އެއްފަހަރާ ވާދަކުރި ހަމައެކަނި ވޯލްޑް ކަޕެވެ. މީގެ ތެރެއިން ވޭލްސް މުބާރާތަށް ކޮލިފައިވީ ވަރަށް ތަފާތު ގޮތަކަށެވެ. އޭޝިއާގެ ގައުމުތަކުން އިޒްރޭލާ ދެކޮޅަށް ކުޅެން ދެކޮޅު ހެދުމުން، އިޒްރޭލަށް ކޮލިފައިންއާ ނުލައި ފުރުސަތު ލިބެން އުޅުމުން އެހެން ގައުމުތަކުން މައްސަލަ ޖެއްސި އެވެ. އެންމެ ފަހުން ފީފާއިން ނިންމީ ޔޫރަޕްގެ ކޮލިފައިން ގްރޫޕެއްގެ ދެ ވަނަ ހޯދި ވޭލްސްއާ ދެކޮޅަށް އިޒްރޭލު ކުޅޭށެވެ. އެ މެޗުތަކުން މޮޅުވެ ވޭލްސްއަށް މުބާރާތުގެ ޖާގަ ލިބުނެވެ.
މީގެ އިތުރުން، ސޯވިއެޓް ޔޫނިއަނުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ވާދަކުރީ ވެސް މި އަހަރު އެވެ. ފްރާންސްގެ ޖަސްޓް ފޮންޓެއިން މި މުބާރާތުގައި ޖެހި 13 ލަނޑަކީ ވެސް ވޯލްޑް ކަޕްގެ ތާރީހުގައި ފަނޑުވުމެއް ނެތް ބޮޑު ރެކޯޑެކެވެ. 1958ގެ ވޯލްޑް ކަޕަކީ ޒަމާނީ ފުޓްބޯޅައިގެ އެންމެ ބޮޑު ޝަހުސިއްޔަތު އުފަންވި، އަދި ބްރެޒިލްގެ ބާރު މުޅި ދުނިޔެއަށް ދެއްކާލި މުބާރާތެވެ.