ދުނިޔޭގެ އެންމެ މުއްސަނދި ގައުމުގެ ގޮތުގައި އޮވެ އެމެރިކާއިން 1994 ގެ ވޯލްޑް ކަޕް ބާއްވަން ހޭދަ ކުރި 500 މިލިއަން ޑޮލަރަކީ ނިސްބަތުން ބަލާއިރު އެންމެ އަގު ހެޔޮކޮށް ބޭއްވި ވޯލްޑް ކަޕެވެ. އޭގެ ކުރިން އަދި އޭގެ ފަހުން ވެސް މުބާރާތް ބޭއްވި އެހެން ގައުމުތަކުން ބިލިއަން ޑޮލަރާ ގާތް ކުރާވަރުގެ ހޭދައެއް ކޮށްފައި ވެއެވެ. ބޮޑު ހޭދައަކާ ނުލައި މުބާރާތް ބާއްވަން އެމެރިކާއަށް މަގުފަހިވި އެންމެ ބޮޑު ސަބަބަކީ، އާ ސްޓޭޑިއަމްތަކެއް ބިނާކުރުމުގެ ބަދަލުގައި ކުރީގެ ސްޓޭޑިއަމްތައް މެޗުތަކަށް ބޭނުންކުރުމެވެ. މިއީ އެފަހަރު ބިޑް ހުށަހެޅި އެހެން ގައުމުތަކާ ހިލާފަށް އެމެރިކާއިން ގެންގުޅުނު ތަފާތު ސިޔާސަތެކެވެ.

އެމެރިކާގައި ފުޓްބޯޅައަކީ އޭރު މަގުބޫލުކަން ކުޑަ ކުޅިވަރަކަށް ވިޔަސް، މި މުބާރާތް ވެގެންދިޔައީ ފީފާއަށް މާލީ ގޮތުން ބޮޑު ފައިދާއެއް ލިބުނު މުބާރާތަކަށެވެ. ފީފާއަށް ގާތްގަނޑަކަށް 500 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނުއިރު، ހުރިހާ ހަރަދެއް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 220 މިލިއަނަށް ވުރެ ގިނަ ޑޮލަރު ލިބުނެވެ. އެމެރިކާގެ ސްޓޭޑިއަމްތަކުގެ ބޮޑުމިނުގެ ސަބަބުން ކޮންމެ މެޗަކަށް އެވްރެޖްކޮށް 69,000 ސަޕޯޓަރުން ވަދެފައިވާތީ، މިއީ މިއަދާ ހަމައަށް ވެސް މުބާރާތެއްގެ އެވްރެޖް އެޓެންޑެންސްގެ ރެކޯޑެވެ. 

މި މުބާރާތަކީ ފުޓްބޯޅައިގެ ގަވާއިދުތަކަށް ބޮޑެތި ބަދަލުތަކެއް ގެނުވި އަހަރެކެވެ. މިއީ މޮޅުވާ ޓީމަކަށް ތިން ޕޮއިންޓް ދޭން ފެށި ފުރަތަމަ ވޯލްޑް ކަޕެވެ. އަދި ގޯލްކީޕަރުގެ އަތަށް ބޯޅަ ދިނުން މަނާކުރި ބެކް ޕާސް ގަވާއިދު ވޯލްޑް ކަޕެއްގައި ފުރަތަމަ ފަހަރަށް ބޭނުންކުރީ ވެސް މި މުބާރާތުގައެވެ. އަދި ކުޅުންތެރިންގެ ޖާޒީގެ ފަހަތުގައި އެމީހުންގެ ނަން ޖަހައިގެން ކުޅެން ފެށީ ވެސް 1994 ވަނަ އަހަރު އެވެ.

މުބާރާތުގެ ތެރެއިން ފެނުނު އެންމެ ބޮޑު އެއް ހާދިސާއަކީ އާޖެންޓީނާގެ ތަރި ޑިއޭގޯ މެރަޑޯނާ ޑްރަގަށް ޕޮޒިޓިވްވެ، މުބާރާތުގެ ވަކި ހިސާބަކުން އޭނާ ސަސްޕެންޑް ކުރަން ޖެހުމެވެ. ނަމަވެސް އެންމެ ހިތްދަތި ހާދިސާއަކީ ކޮލަމްބިއާގެ ޑިފެންޑަރު އަންޑްރޭސް އެސްކޯބާގެ މަރެވެ. އެމެރިކާއާ ދެކޮޅަށް ކުޅުނު މެޗުގައި ބައިކޮޅަށް ވަން ލަނޑުގެ ސަބަބުން ކޮލަމްބިއާ މުބާރާތުން ކަޓައި، ގައުމަށް އެނބުރި ދިޔަތާ ފަސް ދުވަސް ތެރޭގައި އޭނާގެ ގަޔަށް ހަ ފަހަރަށް ބަޑިޖަހައި މަރާލި އެވެ.

މި މުބާރާތުގައި ރަޝިއާގެ އޮލެގް ސަލެންކޯ ވަނީ އެއް މެޗެއްގައި ފަސް ލަނޑު ޖަހައި ރެކޯޑެއް ހަދައިފަ އެވެ. އަދި ކެމަރޫންގެ ރޮޖާ މިލާ ވަނީ އުމުރުން 42 އަހަރުގައި ލަނޑު ޖަހައި، ވޯލްޑް ކަޕެއްގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ޝަރަފު ހޯދައިފަ އެވެ. ރޮމާރިއޯގެ މޮޅު ކުޅުމާއެކު މި މުބާރާތުގެ ތަށި ހާސިލްކުރީ ބްރެޒިލުންނެވެ. ފައިނަލުގައި އިޓަލީއާ ވާދަކޮށް ބްރެޒިލް މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ. މިއީ ބްރެޒިލުން ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ހަތަރު ވަނަ ފަހަރެވެ.