ފަސް ތައްޓާ އެކު ބްރެޒިލަކީ ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު ގައުމެވެ. އެޓީމުން ދުނިޔޭގެ ޗެމްޕިއަންކަން ހޯދީ 1958، 1962، 1970، 1944 އަދި 2002 ވަނަ އަހަރު އެވެ. އޭގެ ފަހުން އެޓީމަށް އެންމެ ކުރިއަށް ދެވުނީ އަމިއްލަ ގައުމުގައި 2014 ވަނަ އަހަރު ސެމީ ފައިނަލާ ހަމައަށެވެ. އަނެއް ހަތަރު ވޯލްޑް ކަޕްގައި ވެސް ކެޓީ ކުއާޓާ ފައިނަލުންނެވެ.
އެންމެ ހުނަރުވެރި ކުޅުންތެރިން އުފައްދާ ބްރެޒިލަކީ ފުޓްބޯޅައިގައި އެންމެ މަގުބޫލު ނަމެވެ. އޭގެ ސަބަބުތައް ވެސް ބައިވަރެވެ. ބްރެޒިލަކީ ހަތަރު ބައްރުގައި ވޯލްޑް ކަޕް ކާމިޔާބުކުރި ހަމައެކަނި ގައުމެވެ. އަދި ހުރިހާ ވޯލްޑް ކަޕްގައި ކުޅުނު ހަމައެކަނި ގައުމުގެ ޝަރަފް ލިބެނީ ވެސް ބްރެޒިލަށެވެ. އެގައުމުން 1970 އަދި 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ.
ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު، ބްރެޒިލަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވަނީ ނޭމާ އެވެ. އެންމެ ގިނަ މެޗު އެ ގައުމަށް ކުޅެދިނީ ކުރީގެ މަޝްހޫރު ޑިފެންޑަރު ކަފޫ އެވެ. ފުޓްބޯޅަ ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ، ބްރެޒިލްގެ ޕެލޭ އަކީ ތިން ވޯލްޑް ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާ އެވެ. އަދި، ވޯލްޑް ކަޕްގައި ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފް ވެސް ޕެލޭ ވަނީ ހޯދައިފަ އެވެ. މި ހުރިހާ ކަމަކާ އެކު ބްރެޒިލްގެ ހާއްސަކަން އަބަދުވެސް ބޮޑުވެ އެވެ.
ބްރެޒިލް ވޯލްޑް ކަޕަށް ކޮލިފައިވީ ދެކުނު އެމެރިކާ ކޮލިފައިންގެ ފަސް ވަނަ ހޯދައިގެންނެވެ. ހަ ޓީމަށް ސީދާ ޖާގަ ލިބޭ ކޮލިފައިންގައި 18 މެޗުން ބްރެޒިލަށް ލިބުނީ 28 ޕޮއިންޓެވެ. ކޮލިފައިންގެ ކުރީކޮޅު އެ ޓީމު އޮތީ ހާލުގަ އެވެ. ކޮލިފައިންގެ 8 މެޗު އެގައުމުން ކާމިޔާބުކުރިއިރު ހަ މެޗުން ވަނީ ބަލިވެފަ އެވެ. ހަތަރު މެޗު އެއްވަރުވީ އެވެ.
ކޯޗު: ކާލޯ އަންޗެލޮޓީ
ބްރެޒިލްގެ ކޯޗުކަމާ 66 އަހަރުގެ ކާލޯ އަންޗެލޮޓީ ހަވާލުވީ 2025 ވަނަ އަހަރު މެއި މަހު އެވެ. ތަޖުރިބާ އާއި ކާމިޔާބީގެ ގޮތުން އަންޗެލޮޓީ އަކީ ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ކޯޗެވެ. ކޯޗިން ކެރިއަރުގައި ވޯލްޑް ކަޕެއްގައި އަންޗެލޮޓީ ފެންނާނެ މިއީ ފުރަތަމަ ފަހަރެވެ. މީގެކުރިން އަންޗެލޮޓީގެ ކާމިޔާބީ ފެނުނީ ޔޫރަޕްގެ މަޝްހޫރު ކްލަބްތަކުންނެވެ. އޭގެތެރޭގައި ޔުވެންޓަސް، އޭސީ މިލާން، ޗެލްސީ، ރެއާލް މެޑްރިޑް އަދި ބަޔާން މިއުނިކް ވެސް ހިމެނެ އެވެ. އަންޗެލޮޓީ އަކީ ޔޫރަޕްގެ ގަދަ ފަސް ލީގު ކާމިޔާބުކުރި ހަމައެކަނި ކޯޗެވެ. އަދި ޗެމްޕިއަންސް ލީގުގެ ކާމިޔާބީތަކާ އެކު އެމުބާރާތުގެ އެންމެ ކާމިޔާބު ކޯޗަކީ ވެސް އަންޗެލޮޓީ އެވެ.
ވޯލްޑް ކަޕަށް ބްރެޒިލް ކޮލިފައިވުމާ ހަމަޔަށް އަންޗެލޮޓީ 8 މެޗުގައި އެ ޓީމަށް ކޯޗުކޮށްދިނެވެ. އޭގެ ތެރެއިން ހަތަރު މެޗުން މޮޅުވިއިރު ދެ މެޗުން އެއްވަރުގެ އަނެއް ދެ މެޗުން ވަނީ ބަލިވެފަ އެވެ.
މުހިއްމު ކުޅުންތެރިން
ބްރެޒިލަކީ އަބަދުވެސް ތަރިން އުފައްދާ ގައުމެކެވެ. ގިނަ ކުޅުންތެރިން ފާހަގަކުރެވެނީ އާދަޔާހިލާފު ހުނަރުވެރިންގެ ގޮތުގަ އެވެ. މި ފަހަރުގެ ޓީމަށް ބަލާއިރު ވެސް އެފަދަ ގިނަ ކުޅުންތެރިންތަކެއް އެބަތިއްބެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިޔަކީ ބާސެލޯނާގެ ތަރި ރަފީނިއާ އެވެ. އޭނާ އަކީ ފަސް ގޯލާ އެކު ކޮލިފައިންގައި އެޓީމުގެ ލަނޑު ލިސްޓުގެ އެއް ވަނަ އެވެ. ރަފީނިއާގެ އިތުރުން ރެއާލް މެޑްރިޑަށް ކުޅޭ ވިނީޝިއުސް ޖޫނިއާ އަކީ ވެސް އެޓީމުގެ މުހިއްމު ތަނބެކެވެ.
މިފަހަރުގެ ވޯލްޑް ކަޕަކީ ތަޖުރިބާގެ ގޮތުން އެޓީމުގެ ބައެއް ކުޅުންތެރިންނަށް ހާއްސަ މުބާރާތެކެވެ. އެގޮތުން ޑިފެންޑަރު މާކީނިއޯސް އާއި މިޑްފީލްޑަރު ކަސެމީރޯ ފާހަގަކޮށްލެވެ އެވެ. އަދި، ކުޅަދާނަ ޑިފެންޑަރު ގެބްރިއެލް މަގަޅެސް އަކީ ވެސް މިފަހަރުގެ ވޯލްޑް ކަޕަށް ދާއިރު ރަނގަޅު ފޯމުގައި ހުރި ކުޅުންތެރިއެކެވެ.