މެކްސިކޯގައި 1970 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕަކީ، ޔޫރަޕާއި ދެކުނު އެމެރިކާ ބައްރު ފިޔަވައި އެހެން ބައްރެއްގައި ބޭއްވި ފުރަތަމަ ވޯލްޑް ކަޕެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާއިން ވެސް ބިޑް ކުރި ނަމަވެސް، ފީފާގެ ކޮންގްރެސްގައި ބޭއްވި ވޯޓުން ކުރިހޯދީ މެކްސިކޯ  އެވެ. މިއީ ފުޓްބޯޅައިގެ ދުނިޔެ ބައިނަލްއަގުވާމީ ގޮތުން ފުޅާވެ، އާ މަންޒިލަކަށް ދަތުރުކުރި މުހިންމު ފެށުމެކެވެ.

މި މުބާރާތުގެ ތާރީހުން އެންމެ ބޮޑަށް ފާހަގަކުރެވެނީ، ކޮލިފައިން ބުރުގައި އެލް ސަލްވަޑޯ އާއި ހޮންޑިއުރަސް ބައްދަލުކުރި މެޗާ ގުޅިގެން ދެ ގައުމުގެ މެދުގައި ފެށުނު ހަނގުރާމައެވެ. ދަނޑުމަތީގައި ހިނގި ހަމަނުޖެހުންތައް ބޮޑުވެ، 14 ޖުލައި 1969 ގައި ސަލްވަޑޯގެ އަސްކަރިއްޔާއިން ހޮންޑިއުރަސްއަށް ހަމަލާދީ ރަސްމީކޮށް ހަނގުރާމަ ފެށިއެވެ. "100 ގަޑިއިރުގެ ހަނގުރާމަ" ނުވަތަ "ފުޓްބޯޅަ ހަނގުރާމަ"ގެ ނަމުން މަޝްހޫރުވި މި ހަމަލާތައް ހުއްޓާލުމަށް އޯގަނައިޒޭޝަން އޮފް އެމެރިކަން ސްޓޭޓްސް (އޯއޭއެސް) އިން މެދުވެރިވެގެން މަސައްކަތް ކުރި އެވެ. ހަމަލާތައް ރަސްމީކޮށް ހުއްޓާލީ ޖުލައި 20 ގައެވެ.

ފަންނީ ގޮތުން ބަލާއިރު، މެކްސިކޯ ވޯލްޑް ކަޕަކީ ފުޓްބޯޅަ ބެލުންތެރިންނަށް އާ އުފާވެރިކަމެއް ގެނެސްދިން މުބާރާތެކެވެ. މިއީ ފުރަތަމަ ފަހަރަށް މުޅި ދުނިޔެއަށް "ކުލަ" ކޮށް ވަގުތުން މެޗުތައް ދެއްކި ވޯލްޑް ކަޕެވެ. އޭގެ ކުރިން ކުޅުނު ހުރިހާ މުބާރާތެއް ވެސް ވަގުތުން ދައްކަމުން އައީ ހުދު އަދި ކަޅު މަންޒަރުތަކުންނެވެ. މީގެ އިތުރުން، އެޑިޑާސް ކުންފުނިން ވޯލްޑް ކަޕަށް ހާއްސަކޮށްގެން އުފެއްދި ފުރަތަމަ ބޯޅަ ބޭނުންކުރަން ފެށީ ވެސް މި މުބާރާތުގަ އެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އިޓަލީ ބަލިކޮށް ބްރެޒިލް އެވެ. މިއީ ބްރެޒިލުން ދުނިޔޭގެ ތަށި އުފުލާލި ތިން ވަނަ ފަހަރެވެ. ޕެލޭ ފަދަ ތަރިންގެ މޮޅު ކުޅުމާއެކު، 1970 ގެ ބްރެޒިލް ޓީމަކީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް ފެނުނު އެންމެ ވަރުގަދަ އެއް ޓީމު ކަމުގައި މިއަދު ވެސް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.