އުމުރުން 23 އަހަރުގެ ބްރެޑްލީ ބާކޮލާ އަކީ މި ލިސްޓުން ފާހަގަ ނުކޮށް ދޫކޮށްލެވޭ ވަރަށް ވުރެ މުހިއްމު ކުޅުންތެރިއެކެވެ. ޒަމާނީ ފުޓްބޯޅައިގައި އެންމެ އަވަސް ކުރިއެރުންތަކެއް ހޯދި އެއް ކުޅުންތެރިއަކަށް ބާކޮލާ ވާނެ އެވެ. ބޭބެ އާއެކު އޮލިމްޕިކް ލިޔޯން އިން ތަމްރީނު ވެގެން އައި މި ފޯވާޑް 2023 ގައި ޕީއެސްޖީއަށް ގެނައީ ދިގު މުއްދަތުގެ އިންވެސްޓްމަންޓެއް ގޮތުގަ އެވެ. ނަމަވެސް އޭނާ ކުރިއަރައިގެން ދިޔައީ އުންމީދު ކުރި ވަރަށް ވުރެ އަވަހަށެވެ.
އޭނާގެ ބޭބެ، މަލްކޮމް ބާކޮލާ އަކީ ޓޯގޯ ގައުމީ ޓީމުގެ ގޯލްކީޕަރެވެ. ނަމަވެސް ފްރާންސް އިން އޭނާއަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާ މި ވަނީ އެންމެ ފުރިހަމައަށް ހިފައިފަ އެވެ. އޭނާ އަކީ އުމުރާ ބަލާފައި ޓެކްޓިކަލީ މާ ބޮޑަށް ވެސް ކޮލިޓީ ކުޅުންތެރިއެކެވެ.
ބާކޮލާ އަކީ ވަރެން ޒަހީރް-އެމެރީ އާއެކު އޮލިމްޕިކް މުބާރާތުގައި ފްރާންސް އަށް ކުޅެން ޕީއެސްޖީން ހުއްދަ ނުދިން ދެ ކުޅުންތެރިންގެ ތެރޭން އެކަކެވެ. އޭނާ އަކީ ޕީއެސްޖީއަށް ކިހާ މުހިއްމު ކުޅުންތެރިއެއް ކަން މިއިން ވެސް އެނގެ އެވެ. ދެ ސީޒަން ތެރޭ ޕީއެސްޖީ އަށް 100 މެޗު ހަމަ ކުރުމަށް ފަހު އޭނާ ވަނީ ފްރާންސް އާއެކު 2024 ވަނަ އަހަރުގެ ޔޫރޯ މުބާރާތް ކުޅެފަ އެވެ. އެންމެ 15 މިނިޓު ކުޅެލަން ލިބުނު ނަމަވެސް އޭނާ ވަނީ، އޭނާއަކީ މުސްތަގުބަލުގައި ނުރައްކާތެރި ކުޅުންތެރިއަކަށް ވާނެ ކަން ދައްކާލައިފަ އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ވެސް ކޯޗު ޑިޑިއޭ ޑިޝޯމްޕްސްގެ ސްކޮޑުގައި މުހިއްމު ދައުރެއް އަދާ ކުރި ބާކޮލާ ވަނީ މިހާތަނަށް ގައުމީ ޓީމަށް ކުޅެދިން 18 މެޗުން ތިން ގޯލު ޖަހައިފަ އެވެ.