ފްރާންސްގެ ގައުމީ ޓީމަށް މިދިޔަ އަހަރު ކުޅެން ފެށި ޑިޒިރޭ ޑޫއޭ ވަނީ މިހާތަނަށް ގައުމީ ޖޯޒީގައި ކުޅެދިން ހަ މެޗުން ދެ ގޯލު ޖަހައިދީފަ އެވެ. އޭނާ ތަމްރީނުވީ ފްރާންސްގެ ރެންސް އެކަޑަމީގަ އެވެ. ޕީއެސްޖީން ޑިޒިރޭ ގެންދިޔައީ 50 މިލިއަނެއްހާ ޔޫރޯގެ އަގަކަށެވެ. އޭނާ ޕީއެސްޖީއަށް ބަދަލުވީ ބެޔާން މިއުނިކަށް ނޫނެކޭ ބުނުމަށް ފަހު އެވެ.

އުމުރުން 20 އަހަރުގެ ޑޫއޭ އަކީ ކޮން މަގާމަކަށް ކުޅޭ ކުޅުންތެރިއެއް ކަން ނިންމަން ކޯޗުންނަށް ވެސް އުނދަގުލެވެ. އެޓޭކިން މިޑްފީލްޑާއި ވިންގަށް އަދި ސެންޓްރަލް މިޑްފީލްޑާއި މިހެން ގޮސް ކޮންމެ މަގާމަކަށް ކުޅުވިއަސް އޭނާ އަންނަނީ އެންމެ ފުރިހަމައަށް ހުނަރު ދައްކާލަމުންނެވެ.

ވަން އޮން ވަން ހާލަތްތަކުގައި ޑޫއޭގެ ކުޅަދާނަކަން ކްލަބް ލެވެލްގައި ވަނީ ފެނިފަ އެވެ. އޭނާ އަކީ އަބަދު އެއް ސްޓައިލަކަށް އޭނާގެ ހުނަރު ގެންގުޅޭ ކުޅުންތެރިއެއް ނޫނެވެ. މީގެ ސަބަބުން ގިނަ ޑިފެންޑަރުންނަށް އޭނާ ހުއްޓުވުން ވެފައި ވަނީ އުނދަގޫ ކަމަކަށެވެ.

ޕީއެސްޖީން މިދިޔަ ސީޒަންގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި އިރު، އުސްމާން ޑެމްބެލޭ ނަގާފައި އެ މުބާރާތުގައި ޕީއެސްޖީއަށް އެންމެ ގިނަ ގޯލު ޖަހައިދިނީ އޭނާ އެވެ. މި ސީޒަންގެ ޗެމްޕިއަންސް ލީގު ފައިނަލަށް ގެންގޮސްދިނުމުގައި ވެސް ޑޫއޭ މުހިއްމު ދައުރެއް އަދާ ކުރި އެވެ.