ތަރިން ގިނަ ފްރާންސްގެ ސްކޮޑުގައި ހިމެނިގެން، 20 އަހަރުގެ ވަރެން ޒަހީރް-އެމެރީ ވަނީ މިހާތަނަށް ގައުމީ ޓީމަށް 10 މެޗު ކުޅެދީފަ އެވެ.

އޭނާ ވަނީ 2024 ވަނަ އަހަރު އޮތް ޔޫރޯ މުބާރާތުގެ ސެމީ ފައިނަލް ކުޅުނު ފްރާންސްގެ ސްކޮޑުގައި ހިމެނިފަ އެވެ. އެކަމަކު އެ މުބާރާތުގައި ކުޅެލުމުގެ ފުރުސަތު ނުލިބުނެވެ. އެއަށް ފަހު ފްރާންސްގައި އޮތް އޮލިމްޕިކް ގޭމްސްގައި ގައުމު ތަމްސީލު ކުރަން ލިބުނު ފުރުސަތު އޭނާ އަށް ގެއްލުނީ ޕީއެސްޖީން އޭނާ ގައުމީ ޓީމަށް ދޫ ނުކުރުމުންނެވެ.

އޭރުވެސް އަދި މިހާރު ވެސް އޭނާ އަކީ ފްރާންސްގެ 21 އަހަރުން ދަށުގެ ސްކޮޑްގައި ހިމެނޭ ކުޅުންތެރިއެކެވެ. އެކަމަކު އޭނާގެ އަމާޒަކީ ސީނިއާ ޓީމުގެ ޖާގައެއް ކަށަވަރުކުރުމެވެ.

ގައުމީ ޓީމުން އޭނާއަށް މަދުން ފުރުސަތު ލިބެނީ ކްލަބް ލެވެލްގައި އޭނާއަށް ކުޅެން ލިބޭ ފުރުސަތު މަދު ވުމުން ކަމަށް ފްރާންސްގެ ކޯޗު ޑިޑީއޭ ޑީޝޯމްޕްސް މީގެ ކުރިން ވަނީ ބުނެފަ އެވެ. އަދި އޭނާ އަމިއްލަ ނަފްސަށް އިތުބާރު ކޮށް ކްލަބް ލެވެލްގައި ފުރުސަތު ހޯދާ ވަރަކުން ސީނިއާ ގައުމީ ޓީމުން ވެސް އޭނާ އަށް ފުރުސަތު އޮންނާނެ ކަން ޑިޝޯމްޕްސް ފާހަގަ ކުރި އެވެ. ގިނަ ދުވަސްތަކަކަށް ފަހު މިދިޔަ ނޮވެމްބަރު މަހު ޑިޝޯމްޕްސް ވަނީ އަލުން އޭނާއަށް ގައުމީ ޓީމުން ފުރުސަތު ދީފަ އެވެ. ޑިޝޯމްމްޕްސް ބުނީ އޭނާއަށް އަލުން ފުރުސަތު ދިނީ ކްލަބް ލެވެލްގައި އޭނާ ގަވާއިދުން ފުރުސަތު ހޯދައި މޮޅަށްކުޅޭތީ ކަމަށެވެ.

ޕީއެސްޖީއަށް 200 އެއްހާ މެޗު ކުޅެފައި ވާއިރު، އޭނާ އަކީ ޗެމްޕިއަންސް ލީގުގައި ވެސް އެ ކްލަބުން އެންމެ އިތުބާރު ކުރާ އެއް ކުޅުންތެރިޔާ އެވެ. ފްރާންސްގެ މިޑްފީލްޑުގައި ހިމެނޭ އޮރޭލިއަން ޗުއަމެނީ އާއި އެޑުއާޑޯ ކަމަވިންގާ އަދި އެޑްރިއެން ރަބިއޯ އަށް ވުރެ މި ވަގުތު އެންމެ ނުފޫޒު ގަދަ އެއް މިޑްފީލްޑަރަކީ ޒަހީރް-އެމެރީ އެވެ.