ވިންގަށް ކުޅޭ ކުޅުންތެރިންނާ ތަފާތު، އެޓޭކިން މިޑްފީލްޑުގައި ހުނަރުވެރި އަދި ހަލުވި، ކުދި ކޮއްޓުންތަކާއި ނެއްޓުންތަކަށް ޖަމާލް މުސިއާލާ އަކީ އެއް ވަނަ އެވެ. ބެޔާން މިއުނިކްގައި އޭނާ އަންނަނީ، އޭނާ އަކީ ޖަރުމަންގެ އާ ޖީލު ލީޑު ކުރާނެ މިޑްފީލްޑަރު ކަން ސާބިތު ކޮށްދެމުންނެވެ. އޭނާގެ ކުޅުން އެންމެ ވައްތަރީ ސްޕެއިންގެ ލެޖެންޑް އަންޑްރެސް އިނިއެސްޓާއާ ކަމަށް ދެކޭ މީހުން ވެސް މަދެއް ނޫނެވެ.
މީގެ އަހަރެއް ކުރިން، މިދިޔަ ޖުލައި މަހު މުސިއާލާގެ ލިގަމެންޓް ސާޖަރީއެއް ކުރަން ޖެހުމުން އޭނާ ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ. މިއާ ގުޅިގެން ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތައް އެކީ އޭނާ އަށް ގެއްލުނެވެ. އޭނާ އަލުން ކުޅުމުގެ ތެރެއަށް އާދެވުނީ މި އަހަރުގެ ޖެނުއަރީ މަހު އެވެ.
އަނިޔާއާ ގުޅިގެން އޭނާ މި އަހަރުގެ ވޯލްޑް ކަޕް ދޫކޮށްލައި، ފިޓްނަސް އަށް މަސައްކަތް ކުރުމަށް، އެ ގައުމުގެ ލެޖެންޑަރީ ގޯލްކީޕަރު އޮލިވާ ހާން ލަފާ ދިން ނަމަވެސް، ކޯޗު ހޫލިއަން ނާގެލްސްމަން ވަނީ އޭނާ އަކީ ޓީމުގެ މުހިއްމު ކުޅުންތެރިއެއް ކަމަށް ބުނެ ވާހަކަ ދައްކައިފަ އެވެ.
ޖަރުމަން ގައުމީ ޓީމަށް މިހާތަނަށް 40 މެޗު ކުޅެދީ، 8 ގޯލު ޖަހައިދީފައިވާ މުސިއާލާ ވަނީ މީގެ ކުރިން 2022 ގައި ގަތަރުގައި އޮތް ވޯލްޑް ކަޕްގައި ކުޅެފަ އެވެ. ނަމަވެސް އެ މުބާރާތް ވީ ޖަރުމަނަށް ނާކާމިޔާބު މުބާރާތަކަށެވެ. ނަމަވެސް މި އަހަރުގެ މުބާރާތުގައި އުމުރުން 23 އަހަރުގެ މުސިއާލާ އަކީ ނަތީޖާ ބަދަލު ކޮށްލާނެ ފަދަ ކުޅުންތެރިއެއް ކަމަށް ނާގެލްސްމަން ދެކެ އެވެ.