އުމުރުން އެންމެ 18 އަހަރެވެ. ނަމަވެސް އޭނާ އަކީ ބާސެލޯނާ އާއި ސްޕެއިން އަށް ވެސް އޭގެ ދެ ވަނައެއް ނެތް ފަދަ މުހިއްމު ކުޅުންތެރިއެކެވެ. އުމުރުން ހަގަސް ތަޖުރިބާކާރު ޑިފެންސްތައް ރޫޅާލުމަކީ ޔަމާލަށް އުނދަގޫ ކަމެއް ނޫނެވެ. އުމުރާ ބަލާފައި އޭނާ އަކީ ހާސްކަމެއް ނެތި ވަރަށް ހަމަޖެހިގެން ދަނޑުމަތީގައި ކުޅޭ ކުޅުންތެރިއެކެވެ.
ސްޕެއިންގެ ރަން ޖީލަކަށް ފަހު އަލުން އެފަދަ ކާމިޔާބީތަކަކާ ދިމާއަށް މިސްރާބު ޖަހާފައިވާ މި ދަނޑިވަޅުގައި ޔަމާލަކީ މިހާރު ވެސް ގައުމީ ޓީމުގެ އެޓޭކުގައި އެންމެ މުހިއްމު އެކަކެވެ. މިހާތަނަށް އޭނާ ވަނީ ގައުމީ ޓީމަށް 25 މެޗު ކުޅޭދީ ހަ ގޯލު ޖަހައިފަ އެވެ.
ޔަމާލް އަކީ ސްޕެއިން ގައުމީ ޓީމަށް މިހާތަނަށް ގޯލު ޖަހާފައިވާ އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. އޭނާ ވަނީ އުމުރުން 16 އަހަރުގައި، 2024 ގެ ޔޫރޯ މުބާރާތް ކުޅެފަ އެވެ. އެ މުބާރާތުގައި މުހިއްމު ގޯލުތަކެއް ޖަހައި، މުހިއްމު އެސިސްޓްތަކެއް ކޮށް އޭނާ ވަނީ ގިން ރެކޯޑްތަކެއް މުގުރާލައިފަ އެވެ. ސްޕެއިނުން ޔޫރޯ މުބާރާތް ކާމިޔާބު ކުރި އިރު ޔަމާލް ވަނީ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހާސިލް ކޮށްފަ އެވެ.
ޔޫރޯ މުބާރާތް ކުޅުނު ދުވަސްވަރު އޭނާ އަކީ އޯ ލެވެލް އިމްތިހާނު ހަދަމުން ދިޔަ ޒުވާނެކެވެ. މިހާރު އޭނާ މުޅިން ހުސްވެ ހުރީ ފުޓްބޯޅައަށެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ވެސް ޔަމާލް ވަނީ ސްޕެއިނަށް އެންމެ މުހިއްމު ދަނޑިވަޅުތަކުގައި ތަފާތު ދައްކައިފަ އެވެ.
މިދިޔަ އަހަރުގެ ބެލޮންޑިއޯ ލިސްޓުގެ ދެ ވަނަ ހޯދީ ވެސް ޔަމާލެވެ. ބެލޮންޑިއޯ ނުލިބުނު ނަމަވެސް އެވޯޑް ހަފްލާގައި އެންމެ މޮޅު 21 އަހަރުން ދަށުގެ ކުޅުންތެރިޔާއަށް ދޭ އެވޯޑް ފާއިތުވި ދެ އަހަރު ވެސް ހޯދީ އޭނާ އެވެ.
މިދިޔަ އޭޕްރިލް މަހު ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ވޯލްޑް ކަޕުގައި ސްޕެއިންގެ ފުރަތަމަ މެޗުގައި ޔަމާލަށް ކުޅެވިދާނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ. އަނިޔާވި އިރު އޭނާ ވަނީ ބާސެލޯނާ އާއެކު 27 ގޯލުގައި ހިއްސާ ވެފަ އެވެ. ވޯލްޑް ކަޕަށް އޭނާ ފިޓް ވެއްޖެ ނަމަ ސްޕެއިންގެ އެންމެ ނުރައްކާތެރި ހަތިޔާރަކަށް ވާނީ ގައިމު ވެސް ޔަމާލްގެ ވާތު ފައި ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.