ފްރާންސް އާއެކު 2018 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރި ޑެމްބެލޭ އަށް އޭނާގެ ކެރިއަރުގައި ގިނަ އަނިޔާތަކެއް ލިބިފައި ވީ ނަމަވެސް އޭނާގެ ހުނަރަކަށް ބަދަލެއް ނާދެ އެވެ. ފިޓް ކޮށް ހުރެއްޖެ ނަމަ އޭނާގެ ހުނަރާ މެދު ސުވާލު އުފައްދާނެ ޖާގައެއް ނުދެ އެވެ. އެގޮތުން މިދިޔަ އަހަރު ޕީއެސްޖީއަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުމަށް މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ. މި ނިމުނު ސީޒަންގެ ކުރީ ކޮޅު އަނިޔާގައި ދުވަސްތަކެއް ހޭދަ ކުރި ރަން ޖެހުނު ނަމަވެސް އެނބުރި އައިސް ވަނީ އޭނާގެ މޮޅު ކުޅުން ތަކުރާރު ކޮށް، މުހިއްމު ގިނަ ގޯލުތަކެއް ޖަހައިފަ އެވެ. ވޯލްޑް ކަޕްގައި ކުރީ ދެ މުބާރާތުން ވެސް މިހާތަނަށް ގޯލެއް ޖެހިފައި ނުވިއަސް މި އަހަރު އެކަން ބަދަލު ކޮށްލުމަކީ، އެންމެ ފަހުގެ ބެލޮންޑިއޯ އަދި ފީފާ ދި ބެސްޓް އެވޯޑް ހާސިލް ކޮށްފައިވާ ޑެމްބެލޭ އުއްމީދު ކުރާނެ ކަމެކެވެ.