މިހާތަނަށް ވޯލްޑް ކަޕެއްގައި ކުޅެފައި ނުވީ ނަމަވެސް އިންގްލެންޑްގެ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އާލިން ހާލަންޑަކީ ދުނިޔޭގެ ފެންވަރުގެ ފޯވާޑެކެވެ. ސިޓީއަށް 2022 ވަނަ އަހަރު ގުޅުނީއްސުރެން ފެށިގެން އޭނާ އަންނަނީ ޕްރިމިއާ ލީގުގެ ގޯލު ޖެހުމުގެ ރެކޯޑްތައް މުގުރަމުންނެވެ. ނޯވޭ 28 އަހަރު ފަހުން ވޯލްޑް ކަޕަށް ކޮލިފައި ވުމުގައި 25 އަހަރުގެ ހާލަންޑް ވަނީ މުހިއްމު ގޯލުތަކެއް ޖަހައިދީފަ އެވެ. އެގޮތުން އިޓަލީ ވެސް ހިމެނުނު ކޮލިފައިން ގުރޫޕްގެ އެއްވަނަ ހޯދައިދޭން ކުޅުނު އަށް މެޗުގައި އޭނާ ވަނީ ހުރިހާ މެޗެއްގައި ގޯލު ޖަހައި، ޖުމްލަ 16 ގޯލު ކާމިޔާބު ކޮށްފަ އެވެ. މިހާތަނަށް ގައުމީ ޓީމަށް ކުޅެދިން 49 މެޗުން 55 ގޯލު ޖަހައިދީފައިވާ ހާލަންޑަކީ އެ ގައުމުގެ ޓޮޕް ސްކޯރާ އެވެ.