އޭޝިއާގައި ވަރުގަދަ ނަމެކެވެ. އެންމެ ފުރަތަމަ ކޮލިފައިވީ 1998 ގެ ވޯލްޑް ކަޕަށެވެ. އޭގެ ފަހުން ހުރިހާ ވޯލްޑް ކަޕެއްގައި ވެސް ކުޅެފައި ވެއެވެ. ނަމަވެސް އެންމެ ދުރަށް ދަތުރުކުރީ ގަދަ 16 އާ ހަމައަށެވެ.
މިހާތަނަށް ތިން ފަހަރެއްގެ މަތިން ޖަޕާން ވަނީ ވޯލްޑް ކަޕްގެ ގަދަ 16 އިން ޖާގަ ހޯދައިފަ އެވެ. އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި ގަދަ 16 އިން ކެޓީ މުބާރާތުގެ ތިންވަނަ ހޯދި ބެލްޖިއަމް އަތުން ފަހު ވަގުތު ބަލި ވެގެންނެވެ. މިއީ ޖަޕާން ވޯލްޑް ކަޕް ގައި ކުޅޭ ހަތްވަނަ ފަހަރެވެ.
ކޮލިފައިވީ ގޮތް: މިއަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ އޭޝިއާގެ ކޮލިފައިން ތިންވަނަ ބުރުގައި ހިމެނުނު ގުރޫޕުގެ ދެވަނަ ހޯދައިގެންނެވެ. ޖަޕާނުން މި ގުރޫޕުގައި ކުޅުނު 10 މެޗުގެ ތެރެއިން ހަތް މެޗު ކާމިޔާބު ކުރި އެވެ. ބަލިވީ ދެ މެޗުންނެވެ. އެންމެ ފަހު މެޗުގައި ވިއެޓްނާމާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރު ވުމުން، އެންމެ ޕޮއިންޓެއްގެ ތަފާތުން އެއްވަނަ ލިބުނީ ސައުދީ އަރަބިއްޔާ އަށެވެ.
ޖަޕާން ވަނީ ކޮލިފައިންގެ ދެވަނަ ބުރުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްފަ އެވެ.
ކޯޗު: ޖަޕާނުގެ ކޯޗު ހަޖިޔޭ މޮރިޔަސޫ ވަނީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕް ގައި ޖަޕާނަށް އިރުޝާދު ދިން އަކީރާ ނިޝީމޯގެ އެސިސްޓެންޓެއް ގޮތުގައި ފުރަތަމަ ހަފަތަށް ވޯލްޑް ކަޕްގެ ތަޖުރިބާ ކޮށްފަ އެވެ. ވޯލްޑް ކަޕަށް ފަހު ނިޝީމޯ މަގާމް ދޫކޮށްލުމުން އެ މަގާމު ހަވާލުކުރީ މޮރިޔަސޫ އަށެވެ.
މޮރިޔަސޫ ވަނީ 2019 ވަނަ އަހަރުގެ އޭޝިއަން ކަޕް ފައިނަލަށް ޖަޕާން ގެންގޮސްދީފަ އެވެ. ނަމަވެސް މިހާތަނަށް ހަތަރު ފަހަރު އޭޝިއަން ކަޕް ކާމިޔާބު ކުރި ޖަޕާން ވަނީ އެ އަހަރު ފުރަތަމަ ފަހަރަށް ފައިނަލުގައި ބަލިވެފަ އެވެ. އެ އަހަރު ކޮޕާ އެމެރިކާ ގައި ވެސް ޖަޕާން ކުޅުނެވެ. ތިން ކުޅުންތެރިން ފިޔަވައި މުޅިން ވެސް ގައުމީ ޓީމަށް އަލަށް ކުޅޭ، 23 އަހަރުން ދަށުގެ ޓީމެއް ގޮވައިގެން މޮރިޔަސޫ ވަނީ ގުރޫޕް ސްޓޭޖުގައި އުރުގުއޭ އާއި އިކުއެޑޯ އަތުން ޖަޕާނަށް ޕޮއިންޓެއް ހޯދައިދީފަ އެވެ. ބަލިވީ ޗިލީ އަތުންނެވެ.
ގްރޫޕުގައި އޮތް ފުރުސަތު: ޖަޕާން ހިމެނެނީ ސްޕެއިން އާއި ޖަރުމަން އަދި ކޮސްޓަ ރިކާ އާއެކު ގުރޫޕް އީ ގަ އެވެ. ސްޕެއިން އާއި ޖަރުމަން މި ގުރޫޕުގައި އޮތުމުން މިއީ ޖަޕާނަށް ދެމިގަންނަން އުނދަގޫ ގުރޫޕަކަށް ވެދާނެ އެވެ. އެންމެ ފަހުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ގައި ޖަޕާން ދެވަނަ ބުރަށް ދަތުރު ކުރި އެވެ. ނަމަވެސް ތާރީހަށް ބަލާ އިރު ޖެހިޖެހިގެން ދެ މުބާރާތެއްގައި ޖަޕާނަށް ދެވަނަ ބުރުގެ ޖާގަ ހޯދިފައެއް ނުވެ އެވެ.
ޓަކޫމީ މިނަމީނޯ: ޖަޕާނުގެ ގައުމީ ޓީމަށް ކުރިން ކުޅުނު މަޝްހޫރު ޝުންސުކޭ ނަކަމޫރާ އާއި ޝިންޖީ ކަގާވާ ފަދަ ކުޅުންތެރިން ބޭނުން ކުރި 10 ނަމްބަރު ޖޯޒީގައި ގައުމީ ޓީމަށް މިހާރު ކުޅޭ މިނަމީނޯގެ ފަރާތުން ތަފާތު ކުޅުމެއް ފެނުމަށް ޖަޕާނުގެ ސަޕޯޓަރުން ފޮނި އުންމީދުތަކެއް ކުރާނެ އެވެ. މިނަމީނޯ ޖަޕާނުގެ ގައުމީ ޓީމަށް ކުޅެން ފެށީ 2015 ވަނަ އަހަރު އެވެ. ގައުމީ ޓީމަށް މިހާތަނަށް 43 މެޗު ކުޅޭދީ، 17 ލަނޑު ޖަހައިދީފައިވާ މިނަމީނޯ ވަނީ މި އަހަރުގެ ވޯލްޑް ކަޕް ކޮލިފައިން ގައި އެ ޓީމަށް ނުވަ ލަނޑު ޖަހައިފަ އެވެ.
އިންގްލެންޑުގެ ލިވަޕޫލަށް 2019/2020 ވަނަ ސީޒަނުގައި ބަދަލުވި ހިސާބުން މިނަމީނޯ އަށް ބޮޑު މަގްބޫލުކަމެއް ލިބުނެވެ. ލިވަޕޫލްގައި މާ ގިނަ ފުރުސަތެއް ނުލިބުނު ނަމަވެސް، ލިބޭ މަދު ފުރުސަތުގައި އޭނާ ދިޔައީ އޭނާގެ ހުނަރު ދައްކައި ކާމިޔާބު ވެސް ހޯދަމުންނެވެ. ނަމަވެސް ފުރުސަތު މަދުވުމުން، އުމުރުން 27 އަހަރުގެ މިޑްފީލްޑަރު ވަނީ މި ސީޒަނުގައި ފްރާންސްގެ މޮނާކޯ އަށް ބަދަލު ވެފަ އެވެ.
ޔޫޓޯ ނަގަޓޯމޯ: އުމުރުން 36 އަހަރުގެ ޔޫޓޯ ނަގަޓޯމޯ އަކީ ޖަޕާން ގައުމީ ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އެވެ. ޖަޕާންގެ ގައުމީ ޓީމަށް 2008 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ނަގަޓޯމީ ވަނީ މިހާތަނަށް 137 މެޗު ކުޅެދީފަ އެވެ. މި އަހަރުގެ ވޯލްޑް ކަޕް ކޮލިފައިން ގައި ޓީމުގައި މޮޅު ކުޅުމެއް ދެއްކި ނަގަޓޯމޯ ވަނީ ޖަޕާނާ އެކު އެންމެ ފަހުން ބޭއްވި ތިން ވޯލްޑް ކަޕް ގައި ވެސް ކުޅެފަ އެވެ.
ގިނަ ދުވަސްތަކެއް ވަންދެން އިޓަލީގެ އިންޓަ މިލާނަށް ކުޅުނު ފުލްބެކް ނަގަޓޯމޯ ކްލަބް ކެރިއަރު ފެށީ އެފްސީ ޓޯކިޔޯ އިންނެވެ. އަދި 2010 ވަނަ އަހަރު އިޓަލީ ލީގަށް ބަދަލު ވުމަށް ފަހު، ތުރުކީ އާއި ފްރާންސް ލީގު ވެސް ކުޅުމަށް ފަހު، މިދިޔަ އަހަރު އޭނާ ވަނީ އެނބުރި ޓޯކިޔޯ އެފްސީ އަށް ބަދަލު ވެފަ އެވެ.
ޑައިޗީ ކަމާޑާ: މިއީ އުމުރުން 26 އަހަރުގެ މިޑްފީލްޑަރު ޑައިޗީ ކަމާޑާ ޖަޕާންގެ ގައުމީ ޓީމުގައި ހިމެނިގެން ކުޅޭ ފުރަތަމަ މުބާރާތެވެ. ކަމާޑާ ޖަޕާންގެ ގައުމީ ޓީމަށް ކުޅެން ފެށީ 2019 ވަނަ އަހަރު އެވެ. ވޯލްޑް ކަޕް ކޮލިފައިން ގައި ފުރަތަމަ ކޮޅު މޮޅަށް ކުޅުނު ނަމަވެސް އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލުނެވެ. ނަމަވެސް އެނބުރި އައިސް ކުޅުނު ރަހުމަތްތެރިކަމުގެ މެޗުތަކުގައި އޭނާ ވަނީ މޮޅަށް ކުޅެ، މުހިއްމު ގޯލުތަކެއް ޖަހައިދީފަ އެވެ.
ޖަޕާންގެ ގައުމީ ޓީމާ އެކު މިހާތަނަށް ވާދަވެރި މުބާރާތެއްގައި ކުޅެފައި ނުވިއަސް، އޭނާ އަކީ ޖަރުމަން ލީގުގެ އެއިންޓްރަކް ފްރެންކްފާޓްގެ މުހިއްމު ކުޅުންތެރިއެކެވެ. ކަމާޑާ ވަނީ މިދިޔަ ސީޒަންގައި އެޓީމަށް މެޗަކުން ބަލިނުވެ ޔޫއެފާ ޔޫރޮޕާ ލީގް ކާމިޔާބު ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ. ޖަރުމަނާއި ސްޕެއިން އާއެކު އުނދަގޫ ގުރޫޕެއްގައި ލައްވާލި ނަމަވެސް ޖަރުމަން ލީގުގައި ކަމާޑާ ދައްކަމުން އަންނަ މޮޅު ކުޅުން، އޭނާގެ އަލަތު މުބާރާތުގައި ޖަޕާންގެ ގައުމީ ޓީމާ އެކު ދައްކާލާނެ ކަމަށް ސަޕޯޓަރުން އުންމީދު ކުރާނެ އެވެ.