ސައުދީ އަރަބިއާ ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރަން ފެށީ 1974 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު އެވެ. އެކަމަކު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ވާދަކުރުމުގެ ފުރުސަތު އެގައުމަށް ލިބުނީ އޭގެ 20 އަހަރު ފަހުން 1994 ވަނަ އަހަރު އެވެ. އޭގެފަހުން ކުޅުނު ހަތް ވޯލްޑް ކަޕްގެ ތެރެއިން އެގައުމު ނުފެނުނީ 2010 އަދި 2014 ވަނަ އަހަރުގެ މުބާރާތުގަ އެވެ.
މިދިޔަ ދެ ވޯލްޑް ކަޕްގައި ވެސް ސައުދީ އަރަބިއާ ވަނީ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ. އެކަމަކު ގަތަރު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ސައުދީ އަރަބިއާ އިން އާޖެންޓީނާ ބަލިކުރުމާ އެކު އެގައުމަށް ދުނިޔޭގެ ސަމާލުކަން ލިބުނެވެ.
ސައުދީ އަރަބިއާގެ ކާމިޔާބީތަކަށް ބަލާއިރު އެގައުމުން ވަނީ އޭޝިއަން ކަޕްގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދައިފަ އެވެ.
ސައުދީ އަރަބިއާ އަށް ވަނަ ވޯލްޑް ކަޕަށް ކޮލިފައިވީ، އޭޝިއާ ސަރަހައްދުގެ ކޮލިފައިންގެ ތިން ވަނަ ބުރާއި ހަތަރު ވަނަ ބުރުގައި ވެސް ގްރޫޕުގެ އެއް ވަނަ ހޯދައިގެންނެވެ. ވާދަވެރި ޖަޕާނާއި އޮސްޓްރޭލިއާ ވެސް ހިމެނުނު ތިން ވަނަ ބުރުގެ އެއް ވަނަ ހޯދިއިރު ހަތަރު ވަނަ ބުރު ނުވަތަ ފައިނަލް ބުރުގައި ވާދަކުރީ އިރާގާއި އިންޑޮނީޝިއާއާ އެވެ. ތިން ޓީމު ހިމެނުނު އެ ގްރޫޕުގައި އިރާގުގެ ކުރިއަށް އެއް ވަނަ ލިބުނީ ޕޮއިންޓުން ހަމަހަމަވެ ޖެހި ގޯލުން ކުރި ލިބިގެންނެވެ.
ގްރީސް އަށް އުފަން ޑޮނިސް ސައުދީ އަރަބިއާގެ ކޯޗުކަމާ ހަވާލުވީ މިއަހަރުގެ އޭޕްރީލް މަހު އެވެ. އޭނާގެ ފުރަތަމަ ޓެސްޓަކަށް ވެސް ވާނީ މިފަހަރުގެ ވޯލްޑް ކަޕެވެ. ވޯލްޑް ކަޕް ގާތްވެފައި އޮތްވައި ޑޮނިސް އަށް ކޯޗުކަން ލިބުނީ، ސައުދީ އަރަބިއާ ވޯލްޑް ކަޕަށް ކޮލިފައިކޮށްދިން ހާވިއޭ ރެނާޑް މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ ގްރީސް ކުޅުންތެރިޔާގެ ޝަރަފް ހޯދި ޑޮނިސް ވަނީ، އުފަން ގައުމާއި ސައުދީ އަރަބިއާގެ ބައެއް ކްލަބްތަކަށް އިރުޝާދުދީފަ އެވެ. އެކަމަކު ވޯލްޑް ކަޕްގެ ބޮޑު ސްޓޭޖުގައި ސައުދީ އަރަބިއާގެ އުއްމީދުތަކާ ހަމައަށް ދިއުމުގައި ޑޮނިސް އޮން ބޮޑު ގޮންޖެހުމެއް އޮންނާނެ ކަމަށް ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.
ސައުދީ ޓީމުގައި އޭޝިއާ ސަރަހައްދުގައި ފާހަގަކޮށްލެވޭ ކުޅުންތެރިން އެބަތިއްބެވެ. އަދި މަޝްހޫރު ކުޅުންތެރިންނާ އެކު ވަރުގަދަ ލީގެއް އޮތުމަކީ ވެސް ސައުދީ އަރަބިއާގެ ކުޅުންތެރިން ތަރައްގީވުމަށް ލިބިފައިވާ ފުރުސަތެކެވެ. އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔަކީ ކެޕްޓަން ސާލިމް އަލް-ދައުސަރީ އެވެ. ދައުސަރީ ވަނީ އެގައުމަށް 100 އަށް ވުރެ ގިނަ މެޗު ކުޅެދީފަ އެވެ. ޑިފެންޑަރު ސާދު އަލް-މޫސާ އާދި ތަޖުރިބާކާރު ގޯލްކީޕަރު މުހައްމަދު އަލް-އޮވައިސް އަކީ ވެސް ސައުދީ ޓީމުގެ މުހިއްމު ކުޅުންތެރިންނެވެ.