މީގެ ފަސް ވަރަކަށް އަހަރު ކުރިން ވެސް އައިވަރީ ކޯސްޓުގެ އަމަޑް ޑިއާލޯ އަކީ މުސްތަގުބަލް އުޖާލާ ކުޅުންތެރިއެއް ގޮތުގައި ބެލެވުނެވެ. އުމުރުން 18 އަހަރުގައި މެންޗެސްޓާ ޔުނައިޓެޑުން އޭނާ ގެންދިޔައީ އިޓަލީގެ އެޓަލާންޓާއަށް ކުޅެނިކޮށެވެ. ބޮޑު އަގުގައި އުނައިޓެޑަށް ގެންދިޔުމާ އެކު އޭނާއާ މެދު ކުރާ އުންމީދުތައް ވެސް މަތިވި އެވެ. ޓެކްނިކަލް ކޮލިޓީ ހުރި މި ހަލުވި ކުޅުންތެރިޔާއަށް ދެން ކުރިމަތިލާން ޖެހުނީ މާ ބޮޑެތި ގޮންޖެހުންތަކަކާ އެވެ.
ލޯން އެއްބަސްވުންތަކާއި އަނިޔާތަކާ އެކު އެއް ފެންވަރެއްގައި ހިފަހައްޓާލަން އުނދަގޫވެ، ސްކޮޑުގެ ވާދަވެރިކަމާ އެކު އޭނާގެ ކުރިއެރުން ކޮންމެވެސް ވަރަކަށް މަޑުޖެހުނެވެ. ނަމަވެސް އޭނާގެ ހިތްވަރާއި ބުރަ މަސައްކަތުން މިހާރު އޭނާ މި ވަނީ ކްލަބާއި ގައުމީ ޓީމުގެ ވެސް އިތުބާރު ހޯދައިފަ އެވެ. ފާއިތުވި ދެ ސީޒަންގައި އޭނާ ވަނީ ޔުނައިޓެޑްގައި މުހއްމު ކުޅުމެއް ދައްކައިފަ އެވެ. ހާއްސަކޮށް ޕްރެޝަރު ވަގުތުތަކުގައި އޭނާގެ ފައިދާ ޓީމަށް ކުރަން ފެށުމަކީ މި އިތުބާރު އޭނާއަށް ލިބުމުގެ އެންމެ ބޮޑު އެއް ސަބަބެވެ.
ގައުމީ ޓީމަށް ވެސް މިއީ މި ފެންވަރުގެ ފޯވާޑަކަށް ބޭނުން ޖެހިފައިވާ ވަގުތެކެވެ. ޑިޑިއޭ ޑްރޮގްބާ ރިޓަޔާ ކުރި ފަހުން މިއީ އައިވަރީ ކޯސްޓް، ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. ގިނަ ދުވަސްތަކަކަށް ފަހު އޭނާއަށް އަލުން ގައުމީ ޓީމުން ފުރުސަތު ލިބުނީ މިދިޔަ އަހަރު އޮތް ވޯލްޑް ކަޕް ކޮލިފައިން އަށެވެ. އޭގެ ފަހުން އޭނާ އަންނަނީ ގަވާއިދުން ގައުމީ ޓީމަށް ކުޅެމުންނެވެ. އަދި އެންމެ ފަހުން އޮތް އެފްރިކަން ކަޕް އޮފް ނޭޝަސްގައި ވެސް އޭނާ ވަނީ އެ ޓީމު ކުއާޓާ ފައިނަލަށް ގެންގޮސްދޭން މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.