ވޯލްޑް ކަޕުގެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އަކީ މުބާރާތުގެ ތާރީހުގައި އެންމެ ކާމިޔާބު އެއް ގައުމެވެ. އާޖެންޓީނާ އިން ވަނީ 1978، 1986 އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. ތިން ފަހަރު މުބާރާތުގެ ދެ ވަނަ މަގާމް ހޯދި އެވެ. އެއީ ވޯލްޑް ކަޕްގެ ފުރަތަމަ މުބާރާތް ބޭއްވި 1930 އާއި 1990 އަދި 2014 ވަނަ އަހަރު އެވެ.

އާޖެންޓީނާ އިން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރީ 1978 ވަނަ އަހަރު ނެދަލެންޑްސް 1-3 އިން ބަލިކޮށްގެންނެވެ. ދެ ވަނަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދީ 1986 ވަނަ އަހަރު ޖަރުމަނުގެ މައްޗަށް 2-3 އިން ކުރި ހޯދައިގެންނެވެ. އެ ފައިނަލުގައި ޖާދޫ ދެއްކީ ޑިއޭގޯ މަރަޑޯނާ އެވެ. އާޖެންޓީނާ 36 އަހަރުގެ އިންތިޒާރަކަށް ފަހު ގަތަރުގައި އޮތް ވޯލްޑް ކަޕް ކާމިޔާބުކުރީ ފްރާންސާ ވާދަކުރި ފޯރިގަދަ ފައިނަލް މެޗުގައި ޕެނަލްޓީން ކުރި ހޯދައިގެންނެވެ. އާޖެންޓީނާގެ ތިން ވަނަ ވޯލްޑް ކަޕް ހާއްސަވީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ލިއޮނަލް މެސީ އަށެވެ.

މިފަހަރުގެ ވޯލްޑް ކަޕުން އާޖެންޓީނާ ޖާގަ ހޯދީ ދެކުނު އެމެރިކާގެ ކޮލިފައިންގެ އެއް ވަނަ ހޯދައިގެންނެވެ. އެޓީމުން އެއް ވަނަ ކަށަވަރުކުރީ 18 މެޗުން 38 ޕޮއިންޓް ހޯދައިގެންނެވެ. ކޮލިފައިންގެ 12 މެޗުން މޮޅުވެ ދެ މެޗު އެއްވަރުވިއިރު ބަލިވީ ހަތަރު މެޗުންނެވެ. ޖުމްލަ 31 ގޯލު ޖެހިއިރު ބައިކޮޅަށް 10 ގޯލު ވަނެވެ.

އުތުރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕަށް ނުކުންނައިރު، އާޖެންޓީނާ އަކީ މިއަހަރުގެ މުބާރާތުގެ ވެސް އެއް ފޭވަރިޓެވެ.

ކޯޗު: ލިއޮނެލް ސްކަލޯނީ (48 އަހަރު)

އާޖެންޓީނާގެ ކޯޗަކީ އެގައުމަށް 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ލިއޮނެލް ސްކަލޯނީ އެވެ. ކޯޗިންގައި ސްކަލޯނީގެ ހަމައެކަނި ތަޖުރިބާއަކީ އާޖެންޓީނާ އެވެ. ގައުމީ ޓީމުގެ ކޯޗުކަމާ 2018 ވަނަ އަހަރު ސްކަލޯނީ އެންމެ ފުރަތަމަ ހަވާލުވީ ވަގުތީގޮތުންނެވެ. އެކަމަކު ލިބުނު ފުރުސަތުގައި ދާއިމީކޮށް ހަވާލުވެ އޭނާ ވަނީ ގައުމީ ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. ވޯލްޑް ކަޕުގެ އިތުރުން 2021 އަދި 2024 ވަނަ އަހަރުގެ ކޮޕާ އެމެރިކާ އާޖެންޓީނާ އަށް ހޯދައިދިނެވެ. އަދި 2022 ވަނަ އަހަރު ޔޫރަޕްގެ ޗެމްޕިއަން އިޓަލީއާ ދެކޮޅަށް ކުޅުނު ފައިނަލަސިމާގެ ޗެމްޕިއަންކަން ވެސް ހޯދި އެވެ. އާޖެންޓީނާ އާއި އިޓަލީގެ ރަށްވެހިކަން އޮން ސްކަލޯނީ މިފަހަރުގެ ވޯލްޑް ކަޕަށް ވެސް ނުކުންނަނީ އިތުބާރާ އެކު ދުނިޔޭގެ ޗެމްޕިއަންކަން ދިފާއުކުރުމަށެވެ.

މުހިއްމު ކުޅުންތެރިން

އާޖެންޓީނާގެ ތަރިއަކީ ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ މެސީ އެވެ. ކޮލިފައިންގެ 8 ގޯލާ އެކު މެސީ ވަނީ ދެކުނު އެމެރިކާ ލަނޑު ޗާޓުގެ އެއް ވަނަ ހޯދައިފަ އެވެ. މެސީއާ އެކު މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް އާޖެންޓީގައި ހިމެނެ އެވެ. އެޓޭކަށް ބަލާއިރު ހޫލިއަން އަލްވަރޭޒް އާއި ލަޓާރޯ މާޓިނޭޒް ފާހަގަކުރެވެ އެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ކޮލިފައިންގައި ހަތަރު ގޯލު ޖަހައިފަ އެވެ. މެދުތެރޭގައި ހިމެނޭ ރޮޑްރީގޯ ޑި ޕޯލްގެ ނުފޫޒާއި އެންޒޯ ފެނާންޑޭޒް އަދި އަލެކްސިސް މެކަލިސްޓާގެ ކުޅުމަކީ އާޖެންޓީނާގެ އިތުބާރު ބޮޑުވާ ސަބަބެވެ. އަރަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި، ކޮލިފައިންގައި ތިން ގޯލު ޖެހި އެތުލެޓިކޯ މެޑްރިޑްގެ ތިއާގޯ އަލްމާޑާ ފާހަގަކުރެވެ އެވެ. ޒުވާން ކުޅުންތެރިންގެ ލިސްޓުގައި އެންމެ ފާހަގަކޮށްލެވޭ ތަރިއަކީ ރެއާލް މެޑްރިޑަށް ކުޅޭ އުމުރުން 18 އަހަރުގެ ފްރެންކޯ މަސްޓަންޓޫނޯ އެވެ.