ފްރާންސަކީ ފުޓްބޯޅައިގައި އެންމެ ކާމިޔާބު އެއް ގައުމެވެ. އެގައުމުން 2018 އަދި 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވެސް ދެ ފަހަރު ހޯދި އެވެ. ޔޫއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަމުގެ އިތުރުން ފީފާ ކޮންފަޑެރޭޝަންސް ކަޕަކީ ވެސް ފްރާންސުން ކާމިޔާބުކޮށްފައިވާ މުބާރާތްތަކެވެ. ޔޫތު އުމުރުފުރާތަކަށް ބަލާއިރު، ފްރާންސުން ވަނީ ހުރިހާ އުމުރުފުރައެއްގެ ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ. މި ޝަރަފް ލިބިފައިވާ ދެ ވަނަ ގައުމީ ބްރެޒިލެވެ.
ފްރާންސަކީ ފުޓްބޯޅައިގައި އަބަދުވެސް ފާހަގަކޮށްލެވޭ މަޝްހޫރު ކުޅުންތެރިން އުފައްދާފައިވާ ގައުމެކެވެ. މިފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލާއިރު ވެސް އެގައުމުގައި އޮތީ އެހެން ގައުމުތަކާ އަޅާބަލާއިރު ވަރުގަދަ ސްކޮޑެކެވެ. ވޯލްޑް ކަޕަށް ފްރާންސް ކޮލިފައިވީ، ކޮލިފައިންގައި ބާކީ މެޗެއް އޮއްވައި ގްރޫޕުގެ އެއް ވަނަ ކަށަވަރުކޮށްގެންނެވެ. ހަ މެޗުގެ ތެރެއިން ފަސް މެޗު ކާމިޔާބުކުރިއިރު އެއްވަރުވީ އެއް މެޗުންނެވެ.
ކޯޗު: ޑިޑިއޭ ޑެޝޯމްޕްސް (57 އަހަރު)
ފްރާންސްގެ ކޯޗަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް އެގައުމަށް ކާމިޔާބުކޮށްދީ، 2022 ވަނަ އަހަރުގެ ފައިނަލަށް އެ ޓީމު ގެންގޮސްދިން ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އެވެ. އޭނާ ފްރާންސްގެ ކޯޗުކަމާ ހަވާލުވީ 2012 ވަނަ އަހަރު އެވެ. ފްރާންސަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން އަހަރު ފީފާގެ އެންމެ މޮޅު ކޯޗުގެ މަގާމް ޑެޝޯމްޕްސް ހޯދި އެވެ. މިއީ ފްރާންސާ އެކު ޑެޝޯމްޕްސް ނުކުންނާނެ ފަހު މުބާރާތެވެ. ފްރާންސްގެ އިތުރުން ޑެޝޯމްޕްސް ވަނީ ޔުވެންޓަސް، މޮނާކޯ އަދި މާސޭ އަށް ވެސް އިރުޝާދުދީފަ އެވެ.
މުހިއްމު ކުޅުންތެރިން
ތަރިން ގިނަވެ ފްރާންސްގެ ސްކޮޑް ނެގުން ވެސް ކޯޗަށް ވަނީ އުނދަގޫވެފަ އެވެ. ޔޫރަޕްގެ ލީގުތަކުގައި ފްރާންސްގެ ކުޅުންތެރިން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ފްރާންސްގެ އެންމެ މަޝްހޫރު ކުޅުންތެރިޔަކީ ކޮލިފައިންގައި އެގައުމަށް ފަސް ގޯލު ކާމިޔާބުކޮށްދީ ތިން ގޯލު ޖަހަން އެހީތެރިވެދިން ކިލިއަން އެމްބާޕޭ އެވެ.
އެޓީމުގެ މައިކަލް އޮލީސޭ އަކީ ވެސް ފާހަގަކޮށްލެވޭ ތަފާތު މޮޅު ކުޅުންތެރިއެކެވެ. މިދިޔަ ސީޒަނުގައި ބަޔާނުގައި އޮލީސޭ ދެއްކި ދުނިޔޭގެ ފެންވަރުގެ ކުޅުމަށް ގިނަ ބައެއްގެ ތައުރީފް ވަނީ ލިބިފަ އެވެ. އަދި، ބެލޮންޑިއޯ އެވޯޑް އެންމެ ފަހުން ހޯދި އޮސްމާނޭ ޑެމްބެލޭ އަކީ ވެސް އެޓޭކުގައި މުހިއްމު ކުޅުންތެރިއެކެވެ.
ޒުވާން ކުޅުންތެރިންނަށް ބަލާއިރު ޕީއެސްޖީގައި ޖާދޫ ދައްކަމުން އަންނަ ޑެސާރޭ ޑުއޭ އާއި އެ ޓީމުގެ ބްރެޑްލީ ބާކޯލާގެ ވިދުން މިފަހަރުގެ ވޯލްޑް ކަޕްގައި ގަދަވާނެކަމަށް ބެލެވެ އެވެ.