ވޯލްޑް ކަޕްގެ ތާރީހީ ފުރަތަމަ މުބާރާތް ހޯސްޓުކޮށް އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އުރުގުއޭ އިންނެވެ. އޭގެފަހުން 1950 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕް ވެސް އެގައުމުން ކާމިޔާބުކުރި އެވެ. އުރުގުއޭގެ ރަން ޖީލުން ކާމިޔާބީތައް ހޯދިނަމަވެސް، އޭގެފަހުން އެޓީމަށް ވޯލްޑް ކަޕްގައި މާބޮޑު ކުރިއެރުމެއް ނުލިބެ އެވެ. ވޯލްޑް ކަޕްގެ 15 ވަނަ މުބާރާތާ އުރުގުއޭ ކުރިމަތިލާއިރު އެންމެ ފަހުގެ ހަތަރު ވޯލްޑް ކަޕްގައި ވެސް އެގައުމު ވަނީ ވާދަކޮށްފަ އެވެ. އަދި ވޯލްޑް ކަޕަށް ގަރުނެއްވާ މުނާސަބަތު 2030 ވަނަ އަހަރު ފާހަގަކުރާއިރު، މެޗް ހޯސްޓްކުރާ ގައުމުގެ ހައިސިއްޔަތުން އެ މުބާރާތުން އުރުގުއޭ މިހާރުވެސް ވަނީ ޖާގަ ލިބިފަ އެވެ.
އުރުގުއޭގެ އިތުރު ކާމިޔާބީތަކަށް ބަލާއިރު، އޮލިމްޕިކްގެ ގޯލްޑް މެޑަލް ދެ އަހަރު ހޯދުމާއި ސަރަހައްދީ މުބާރާތް، ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން 15 ފަހަރު ހޯދުން ހިމެނެ އެވެ.
ވޯލްޑް ކަޕަށް އުރުގުއޭ ކޮލިފައިވީ ދެކުނު އެމެރިކާ ސަރަހައްދުން ހަތަރު ވަނަ ހޯދައިގެންނެވެ. ކޮލިފައިންގައި ކުޅުނު 18 މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވެ ހަތް މެޗު އެއްވަރުވި އެވެ. އަދި ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ. ކޮލިފައިންގައި 22 ގޯލު ޖެހިއިރު އެޓީމު ކޮޅަށް 12 ގޯލު ވަނެވެ.
ކޯޗު: މާސެލޯ ބިއެލްސާ (70 އަހަރު)
އާޖެންޓީނާ އަށް އުފަން ކޯޗު މާސެލޯ ބިއެލްސާ އަކީ ފުޓްބޯޅައިގައި ތާރީހުގައި އެންމެ ނުފޫޒު ގަދަ އެއް ކޯޗެކެވެ. ހޯދާފައިވާ ތަށިތަކަށް ވުރެ ބިއެލްސާ މަޝްހޫރުވެފައިވަނީ ހައި ޕްރެސިން ފުޓްބޯޅައެއް ކުޅުވާ މޮޅު ކޯޗެއްގެ ގޮތުގަ އެވެ. މަޝްހޫރު ކޯޗު ވަނީ މީގެކުރިން އާޖެންޓީނާ އާއި ޗިލީ އަށް އިރުޝާދުދީފަ އެވެ. އަދި ޔޫރަޕްގެ މަޝްހޫރު ކްލަބްތަކަށް ވެސް އިރުޝާދުދިނެވެ.
މުހިއްމު ކުޅުންތެރިން:
އުރުގުއޭގެ ހިތަކީ ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ފެޑެރިކޯ ވަލްވާޑޭ އެވެ. ވަލްވާޑޭ އަކީ ދުނިޔޭގައި ފާހަގަކޮށްލެވޭ މިޑްފީލްޑަރެކެވެ. ވިސްނުންތެރިކަމާ އެކު ވަރުބަލިކަމެއް ނެތި އޭނާ ދައްކާ ކުޅުމަކީ އުރުގުއޭގެ ގައުމީ ޓީމަށް ލިބޭ ހިތްވަރެކެވެ. ވަލްވާޑޭގެ އިތުރުން ޑާވިން ނޫނޭޒް އަކީ އެޓޭކުގައި މުހިއްމު ކުޅުންތެރިއެކެވެ. އަދި، ދެ ޑިފެންޑަރުން ކަމަށްވާ ރޮނާލްޑް އަރައުހޯ އަދި ހޯސޭ މާރިޔާ ހިމެނޭޒް އަކީ ތަޖުރިބާގެ ގޮތުން އުރުގުއޭގައި ފާހަގަކޮށްލެވޭ ކުޅުންތެރިންނެވެ.