ސްޕެއިން އަކީ ޖެހިޖެހިގެން ބޮޑު ތިން މުބާރާތުގެ ޗެމްޕިއަންކަން ހޯދި ހަމައެކަނި ގައުމެވެ. އެގައުމުން އެ ކާމިޔާބީ އަށް ދިޔައީ 2008 ގެ ޔޫރޯ އާއި 2010 ގެ ވޯލްޑް ކަޕް އަދި 2012 ގެ ޔޫރޯ ކާމިޔާބުކޮށްގެންނެވެ. އޭރު ސްޕެއިންގައި އޮތް ޖީލަކީ ދުނިޔޭގެ ފުޓްބޯޅަ ދުށް އެންމެ މޮޅު ޓީމު ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. މި ކާމިޔާބީތަކުގެ އިތުރުން ސްޕެއިނުން ވަނީ 2024 ވަނަ އަހަރުގެ ޔޫރޯ ވެސް ކާމިޔާބުކޮށްފަ އެވެ. އެ މުބާރާތް ކާމިޔާބުކުރީ ކުޅުނު ހަތް މެޗުން ވެސް މޮޅުވެގެންނެވެ.

ވޯލްޑް ކަޕްގައި ސްޕެއިން ވާދަކުރާ މިއީ 17 ވަނަ ފަހަރެވެ. މިދިޔަ މާޒީގައި އެޓީމަށް ފާޑުކިޔުން އަމާޒުވީ ވަރުގަދަ ލީގެއް އޮވެމެ ދުނިޔޭގެ ޗެމްޕިއަންކަން ނުލިބުމެވެ. އެކަމަށް އެގައުމުން ނިމުން ގެނައީ 2010 ގެ ވޯލްޑް ކަޕް ކާމިޔާބުކޮށްގެންނެވެ.

އެންމެ ފަހުގެ ދެ މުބާރާތުގައި ވެސް ސްޕެއިން ވޯލްޑް ކަޕުން ކެޓީ ގަދަ 16 ގެ ބުރުގައި ޕެނަލްޓީން ބަލިވެގެންނެވެ.

މިފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލާއިރު ސްޕެއިން އަކީ ވޯލްޑް ކަޕްގެ އެއް ފޭވަރިޓުންނެވެ. އަނެއްކޮޅުން 2030 އަކީ ޕޯޗުގަލް އާއި މޮރޮކޯއާ އެކު ސްޕެއިނުން ވޯލްޑް ކަޕް ކޯ-ހޯސްޓްކުރާ އަހަރެވެ.

ސްޕެއިން ވޯލްޑް ކަޕަށް ކޮލިފައިވީ ވެސް ފަސޭހަކަމާ އެކު ގްރޫޕުގެ އެއް ވަނަ ހޯދައިގެންނެވެ. ކޮލިފައިންގެ ހަ މެޗުގެ ތެރެއިން ފަސް މެޗުން އެޓީމު މޮޅުވި އެވެ. އެއްވަރުވީ އެންމެ މެޗަކުންނެވެ. ކޮލިފައިންގައި އެޓީމު ކޮޅަށް ގޯލެއް ވެސް ވަނީ ފަހު މެޗުގައި އެކަންޏެވެ. ތުރުކީއާ ވާދަކުރި އެ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

ކޯޗު: ލުއިސް ޑެ ލަ ފުއެންޓޭ  

ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ އަކީ 2013 އިން ފެށިގެން ސްޕެއިންގެ ފުޓްބޯޅައިގައި ހަރަކާތްތެރިވާ ކޯޗެވެ. އެގޮތުން އޭނާ ވަނީ ސްޕެއިންގެ 19 އަހަރުން ދަށާއި 21 އަހަރުން ދަށް އަދި 23 އަހަރުން ދަށުގެ ޓީމަށް އިރުޝާދުދީފަ އެވެ. ސްޕެއިންގެ ސީނިއާ ޓީމާ ޑެ ލަ ފުއެންޓޭ ހަވާލުވީ 2022 ވަނަ އަހަރު އެވެ. އޭނާގެ ކޯޗުކަމުގައި ސްޕެއިނުން ޔޫރޯ ކާމިޔާބުކުރީ ތަފާތު މޮޅު ކުޅުމެއް ދައްކައިގެންނެވެ. ޒުވާން ޓީމުތަކުގައި ޑެ ލަ ފުއެންޓޭ ތަމްރީނުކުރި ބައެއް ކުޅުންތެރިން މިހާރު ތިބީ ސީނިއާ ޓީމުގަ އެވެ. ކުޅުންތެރިން ދަސްވުމާއި، ކޯޗިންގެ ތަޖުރިބާއާއި ސްޕެއިންގައި އޮތް ހުނަރާ އެކު ޑެ ލަ ފުއެންޓޭއާ އެކު ސްޕެއިން މި ވޯލްޑް ކަޕްގައި ވެސް ކާމިޔާބީއާ ހަމައަށް ދިއުމަކީ ވެދާނެ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

މުހިއްމު ކުޅުންތެރިން 

ކޮލިފައިންގައި ސްޕެއިނަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިނީ ހަ ގޯލާ އެކު މިކެލް އޮޔާޒަބަލް އަދި މިކެލް މެރީނޯ އެވެ. މި ކުޅުންތެރިންނާ އެކު ކޮންމެ މަގާމެއްގައި ވެސް ތިބީ ތަރިންނެވެ. ސްޕެއިން ޓީމުގެ އެންމެ ވިދުންގަދަ ތަރިއަކީ ޒުވާން ލަމީން ޔަމާލް އެވެ. ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ވާދަކުރަން ތައްޔާރުވާއިރު ޔަމާލް ވަނީ ޔޫރޯގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އިތުރު ކުޅުންތެރިންނަށް ބަލާއިރު ދެ މިޑްފީލްޑަރުން ކަމަށްވާ ރޮޑްރީ އާއި ޕެޑްރީ ފާހަގަކޮށްލެވެ އެވެ. މި ކުޅުންތެރިން ވަށައިގެން ސްޕެއިން ސްކޮޑުގައި ހިމެނޭ ކޮންމެ ކުޅުންތެރިޔަކީ އިދިކޮޅު ޓީމަށް ނުރައްކާ ކުރެވޭ ފެންވަރުގެ ކުޅުންތެރިންނެވެ.