ވޯލްޑް ކަޕްގެ ހަތަރު ތައްޓާ އެކު ޖަރުމަނަކީ ބްރެޒިލްގެ ފަހަތުން މުބާރާތުގައި އެންމެ ކާމިޔާބު ގައުމެވެ. އެގައުމުން ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދީ 1954، 1974، 1990 އަދި 2014 ވަނަ އަހަރު އެވެ. އެގައުމުން ވަނީ 1966، 1982، 1986 އަދި 2002 ވަނަ އަހަރުގެ ފައިނަލުގައި ވެސް ވާދަކޮށްފަ އެވެ. މި ނަތީޖާތަކާ އެކު އަށް ފަހަރު ވޯލްޑް ކަޕް ފައިނަލުގައި ކުޅުމުގެ ހަމައެކަނި ޝަރަފް ލިބޭ ގައުމަކީ ވެސް ޖަރުމަނެވެ. އަނެއްކޮޅުން 13 މުބާރާތުގެ ސެމީ ފައިނަލުގައި ޖަރުމަނު ވާދަކޮށްފައިވުމަކީ ވެސް ރެކޯޑެކެވެ.

ވޯލްޑް ކަޕަށް ޖަރުމަނު ކޮލިފައިވީ ޔޫރަޕްގެ ކޮލިފައިންގައި ގްރޫޕް އޭގެ އެއް ވަނަ ހޯދައިގެންނެވެ. ކޮލިފައިންގައި ހޯދި އެންމެ ބޮޑު މޮޅަކީ 0-6 އިން ސްލޮވާކިއާ ބަލިކުރުމެވެ. ހަ މެޗުގެ ތެރެއިން ފަސް މެޗު ކާމިޔާބުކުރިއިރު އެއް މެޗުން ބަލިވި އެވެ.

ޖަރުމަނަކީ އަބަދުވެސް ބޮޑެތި މުބާރާތްތަކުގައި ކާމިޔާބީއާ ހަމައަށް ދަތުރުކުރާ ގައުމެކެވެ. އެހެންވެ އެޓީމު ވާދަކުރާ ކޮންމެ މުބާރާތެއްގައި ވެސް ޖަރުމަނު ހިމެނެނީ ފޭވަރިޓުންގެ ތެރޭގަ އެވެ. ތަޖުރިބާ އާއި ޒުވާން ކުޅުންތެރިންގެ ސްކޮޑަކާ އެކު މިއީ ވެސް ޖަރުމަނުގެ ވިދުން އަނެއްކާ ވެސް ފެންނާނެ ފަހަރެއް ކަމަށް ބެލެވެ އެވެ.

ކޯޗު: ހޫލިއަން ނާގަލްސްމަން (38 އަހަރު)

ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން ޖަރުމަނު ގައުމީ ޓީމާ ހަވާލުވީ ސެޕްޓެމްބަރު 2023 މަހު އެވެ. އަނިޔާގެ ސަބަބުން އުމުރުން 20 އަހަރުގައި ކުޅުން ހުއްޓާލުމަށް ފަހު ނާގަލްސްމަން ވަނީ 2016 ވަނަ އަހަރު ކޯޗިން ކެރިއަރު ފަށައިފަ އެވެ. ޒުވާން އުމުރުގައި ނާގަލްސްމަން ކޯޗިންގައި ހޯދަމުން އައި ކުރިއެރުމާ އެކު 2021 ވަނަ އަހަރު ދުނިޔޭގެ ރެކޯޑް އަގަކަށް ބަޔާންގެ ކޯޗުކަމަށް ބަދަލުވި އެވެ.

އުމުރުން އެންމެ 38 އަހަރުގައި ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު ބާރު ގޮވައިގެން ވޯލްޑް ކަޕަށް ނުކުތުމަކީ ނާގްލްސްމަން އަށް ބޮޑު ޗެލެންޖެކެވެ. އެކަމަކު ޒުވާން ކޯޗު ޖަރުމަނު ސަޕޯޓަރުންނަށް ދޭ ޔަގީންކަމަކީ ޓީމަށްޓަކައި ކުޅޭ ކުޅުންތެރިންނާ އެކު ވޯލްޑް ކަޕްގައި އެގައުމުން ތަފާތު ދައްކާނެ ކަމެވެ.


މުހިއްމު ކުޅުންތެރިން

ޖަރުމަނަކީ ތަރިން ގިނަ ގައުމެކެވެ. ހާއްސަކޮށް ވޯލްޑް ކަޕަކީ އެގައުމުން ތަރިން އުފައްދާ މުބާރާތެކެވެ. މިފަހަރުގެ މުބާރާތަށް ނުކުންނައިރު ޖަރުމަނުގެ އެންމެ މުހިއްމު ކުޅުންތެރިޔަކީ ކެޕްޓަން ޖޯޝުއާ ކިމިޗް އެވެ. ޑިފެންސާއި މިޑްފީލްޑުގައި ވެސް އަބަދުވެސް އެއް ފެންވަރެއްގައި ކުޅޭ ކިމިޗަކީ އިދިކޮޅު ޓީމުތައް އަބަދުވެސް ޖެހިލުންވާ ކުޅުންތެރިއެކެވެ.

ލިވަޕޫލްގައި އަސްލު ފެންވަރު ނުދެއްކުނަސް ގައުމީ ޖާޒީގައި ފްލޯރިއަން ވާޓްޒް އަކީ ތަފާތު ކުޅުންތެރިއެކެވެ. މިފަހަރުގެ ވޯލްޑް ކަޕްގައި ޖަރުމަނުން އުފައްދާ އެޓޭކުތަކުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާނެ އެއް ކުޅުންތެރިއަކަށް ވާނީ ޔަގީނުން ވެސް ވާޓްޒް އެވެ.

ކޮއްޓުމާއި ނެއްޓުމުގެ ހުނަރާ އެކު ޖަރުމަނުގެ ޖަމާލް މުސިއާލާ ވެސް ހިމެނެނީ އެންމެ އުހުގަ އެވެ. އަނިޔާގެ މައްސަލަތަކާ އެކު ބަޔާން މިއުނިކްގެ ގިނަ މެޗުތަކެއް ނިމުނު ސީޒަނުގައި މުސިއާލާ އަށް ގެއްލުނެވެ. އެކަމަކު އަނިޔާއިން ސަލާމަތްވެ ވޯލްޑް ކަޕުގައި ފުރުސަތު ލިބިއްޖެ ނަމަ ޔަގީނުން ވެސް މުސިއާލާ ވާނީ ތަފާތު ކުޅުންތެރިއަކަށެވެ. މީގެ ކުރިން ވެސް ބައިނަލްއަގްވާމީ މުބާރާތްތަކުގައި މުސިއާލާ ވަނީ އެކަން ސާބިތުކޮށްދީފަ އެވެ.