ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ވޯލްޑް ކަޕުގައި ވާދަކުރާނެ ދުވަހެއް ލަފާކޮށް ބުނަން ވެސް އަދި ނޭގެ އެވެ. އެއަށް ވުރެ އެދެމެދުގެ ދުރުމިން ބޮޑެވެ. އެކަމަކު، އެހެން ސިފައެއްގައި ވޯލްޑް ކަޕުގައި ރާއްޖެ ވަނީ ތަމްސީލުވެފަ އެވެ. އެ ޝަރަފް ހޯދައިދިނީ 2002 ވަނަ އަހަރުގެ މުބާރާތުގައި އެސިސްޓަންޓް ރެފްރީކަންކުރި މުހައްމަދު ސައީދެވެ. އެއީ ހަމަގައިމު ވެސް ފުޓްބޯޅައިގައި ރާއްޖެ އަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބެވެ.

ކޮންމެ ވޯލްޑް ކަޕަކާ ދިމާކޮށް ދިވެހީން އެ ވާހަކަ އާކޮށްކޮށްފައި ދައްކަ އެވެ. އެކަން ނުކުރާންވީ ސަބަބެއް ވެސް ނެތެވެ. ރާއްޖެ ފަދަ ކުޑަ ގައުމަކަށް ސައީދު އެ ހޯދައިދިނީ ވަރަށް ބޮޑު ފަހުރެކެވެ. އޭނާ އިންސާފުކުރީ އާދައިގެ މެޗުތަކެއްގައެއް ވެސް ނޫނެވެ. މުބާރާތުގެ އެންމެ ފޯރިގަދަވި ބައެއް މެޗުތަކުގައި ސައީދު އިންސާފުކުރި އެވެ.

އޭގެ ތެރޭގައި ގްރޫޕް ސްޓޭޖުގައި އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރި މެޗު ފާހަގަކުރެވެ އެވެ. އެ މެޗުގައި އިންގްލެންޑަށް ރެފްރީ ޕިއަރްލުއިޖީ ކޮލީނާ ޕެނަލްޓީ ދިނީ، އެއީ ޕެނަލްޓީއެއް ކަމާ މެދު އޭނާގެ ހިތުގައި އުފެދުނު ޝައްކު، ސައީދު ޔަގީންކޮށްދިނުމުންނެވެ.

ގްރޫޕް ސްޓޭޖުގައި އިންސާފުކުރި އެސިސްޓަންޓް ރެފްރީންގެ ތެރެއިން އޭޝިއާ އިން އެންމެ ގިނަ މާކްސް ހޯދައި ދެ ވަނަ ބުރުން ވެސް ސައީދު ފުރުސަތު ހޯދި އެވެ. ސައީދު ވަނީ ދެ ވަނަ ބުރުގައި ބްރެޒިލާއި ބެލްޖިއަމް ކުޅުނު މެޗާއި، ކުއާޓާ ފައިނަލުގައި އިންގްލެންޑާއި ބްރެޒިލް ވާދަކުރި ވަރުގަދަ މެޗުގައި ވެސް ރޮނގު ބަލަހައްޓައިފަ އެވެ.

ދުނިޔޭގެ ފުޓްބޯޅަ ލެޖެންޑުން ކަމަށްވާ ބްރެޒިލްގެ ރޮނާލްޑޯ އާއި ރޮނާލްޑީނިއޯ އާއި އިންގްލެންޑުގެ ޑޭވިޑް ބެކަމް އަދި އާޖެންޓީނާގެ ގެބްރިއަލް ބަޓިސްޓޫޓާ ފަދަ ކުޅުންތެރިންގެ ކުރިމަތިލުން ފެނިގެން ދިޔަ މެޗުތަކުން ސައީދަށް ފީފާ އިން ފުރުސަތު ދިނީ އޭނާއާ މެދު އިތުބާރު އޮތުމުންނެވެ.

"ދިވެހި ފުޓްބޯޅަ، ދުނިޔޭގެ މަތީ ފެންވަރުން ފުލުގައި އުޅުނަސް، މި ވޯލްޑް ކަޕުގައި އަހަރެމެން ދެރަވާންޖެހޭ ހަމަ އެންމެ ސަބަބެއް ވެސް ނެތެވެ. ސައީދު އަހަރެމެންގެ ރާއްޖޭގެ ނަން، ދުނިޔޭގެ ފުޓްބޯޅައިގެ ބޮންތިއާ ހަމައަށް އުފުލާލަދީފީމު އެވެ." ސައީދަށް ޝުކުރުއަދާކޮށް "ހުވާސް" މަޖައްލާގައި ޝާއިއުކުރި ލިޔުމުގައިވެ އެވެ.

ފީފާ ބެޖް 1993 ވަނަ އަހަރު ހާސިލްކުރި ސައީދު ވަނީ 2001 ވަނަ އަހަރު އޭޝިއާގެ އެންމެ މޮޅު އެސިސްޓަންޓް ރެފްރީގެ އެވޯޑް ހޯދައިފަ އެވެ. އޭޝިއަން ކަޕުގެ ދެ ފައިނަލުގައި ވެސް ރޮނގު ބަލަހައްޓައި، 20 އަހަރުން ދަށުގެ ވޯލްޑް ކަޕަށް ތިން ފަހަރު ދިޔަ ސައީދާ މެދު އުއްމީދު ބޮޑުވީ 2001 ގެ ފީފާ ކޮންފެޑެރޭޝަންސް ކަޕުގެ ސެމީ ފައިނަލުގައި ބްރެޒިލާއި ފްރާންސް ބައްދަލުކުރި މެޗުގައި ވެސް ރޮނގު ބަލަހައްޓަން ފުރުސަތު ލިބުމުންނެވެ. އެ ހިސާބުން 2002 ގެ ވޯލްޑް ކަޕުން އޭނާ އަށް ފުރުސަތު ލިބޭނެކަން އޮތީ ޔަގީންވެފަ އެވެ.

ސާފް ގޭމްސް އާއި ސާފް ޗެމްޕިއަންޝިޕުގެ ފައިނަލަށް ދިއުން ފިޔަވައި އެހާތަނަށް ފުޓްބޯޅައިގައި ކާމިޔާބެއް ލިބިފައި ނެތް ރާއްޖޭގެ އޮފިޝަލަކަށް ވޯލްޑް ކަޕުން ފުރުސަތު ލިބުން ވެގެން ދިއައީ ދިވެހިންނަށް ލިބުނު އާދަޔާހިލާފު އުފަލެކެވެ. ސައީދު ވެސް ހަގީގަތުގައި އެންމެ އުފާވީ "ރާއްޖެ ކަހަލަ ކުޑަކުޑަ ތަނެއްގެ މީހަކަށް ދުނިޔޭގެ އެންމެ ބޮޑެތި މީހުންނާ އެއް ފެންވަރަކަށް ދެވުނީމަ" އެވެ.