ދިވެހިންނަކީ ފުޓްބޯޅައަށް އިންތިހާއަށް ލޯބިކުރާ ބަޔަކަށްވާއިރު، ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު އަންނަ ވޯލްޑް ކަޕަކީ ދިވެހި ގޭބިސީތަކަށް ގެނެސްދޭ އެންމެ ބޮޑު އީދެވެ. މި އީދުގެ ފޯރި ދިވެހި ސިޓިން ރޫމްތަކާ ހަމައަށް ވާސިލްކޮށްދިނުމުގެ އެންމެ އިސް ދައުރެއް އަދާކުރީ ގައުމީ ޓީވީ، ޓެލެވިޒަން މޯލްޑިވްސް (ޓީވީއެމް) އެވެ. މިއަހަރުގެ ވޯލްޑް ކަޕަށް ދުނިޔެ ތައްޔާރުވަމުންދާއިރު، މިއީ ރާއްޖޭގެ ޓީވީ ތާރީހުގައި ވޯލްޑް ކަޕް ބްރޯޑްކާސްޓް ކުރަން ފެށިތާ 40 އަހަރު ފުރޭ ތާރީހީ މުނާސަބަތެކެވެ.
ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ވޯލްޑް ކަޕްގެ މެޗުތައް ދައްކަން ފެށީ 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި މުބާރާތުންނެވެ.
އޭރު ޓީވީއެމްގެ ޓެކްނީޝަނެއްގެ ގޮތުގައި މަސައްކަތް ކުރި މުހައްމަދު ޝަމީމު ވިދާޅުވީ 1986 ގައި ވޯލްޑް ކަޕް ދައްކަން ފެށުމުގެ ހިޔާލަކީ ރައީސް އޮފީހުގެ ހިޔާލަކަށް ކުރަން ފެށި ކަމެކެވެ. އޭނާ ވިދާޅުވި ގޮތުގައި ރީ ބްރޮޑްކާސްޓް ކުރުމަށް ދައްކަންޖެހޭ ފައިސާގެ ކަންތައް ވެސް ހަމަޖައްސައި އެ ފައިސާ ދެއްކީ ވެސް ރައީސް އޮފީހުގެ ތެރެއިންނެވެ. އެ މަސައްކަތުގެ ދަށުން މެކްސިކޯގައި ބޭއްވި އެ މުބާރާތުގެ ބައެއް މެޗުތައް ޓީވީން ދެއްކި އެވެ.
"އޭރު ބައެއް މެޗުތައް ދައްކަނީ. ހަމަ ގައިމުވެސް ސެމީ ފައިނަލުން ފެށިގެން ދެން ހުރިހާ މެޗުތަކެއް ވަގުތުން ދެއްކި،" ޝަމީމު ވިދާޅުވި އެވެ.
އެ މުބާރާތުގެ މެޗުތައް ދިމާވީ ރާއްޖެ އަށް ފަތިސް ނުވަތަ ހެނދުނުގެ ވަގުތަ އެވެ. އޭރު ޓީވީއެމްއަކީ ވަރަށް މަދު ވަގުތުކޮޅަކަށް ބްރޯޑްކާސްޓް ކުރާ ސްޓޭޝަނަކަށް ވީނަމަވެސް، އެ މުބާރާތުގެ މެޗުތައް ދިވެހި ސްކްރީންތަކަށް ގެނެސްދިނުމަކީ ރާއްޖޭގެ މީޑިއާ ތާރީހުގައި އެޅުނު ބިންގަލެކެވެ. އޭގެ ފަހުން 1990 ވަނަ އަހަރުގެ މުބާރާތުގައި ވެސް ގެނެސްދިނީ ބައެއް މެޗުތަކެވެ.
ދިވެހި ފުޓްބޯޅަ ސަޕޯޓަރުންނަށް ލިބުނު އެންމެ ބޮޑު އުފަލަކީ 1994 ވަނަ އަހަރު އެމެރިކާގައި ބޭއްވި ވޯލްޑް ކަޕެވެ. އެ އަހަރަކީ ޓީވީއެމް އިން މުބާރާތުގެ ހުރިހާ މެޗެއް ލައިވްކޮށް ދައްކަން ފެށި އަހަރެވެ. ރޭގަނޑުގެ ދަންވަރު ވަގުތުތަކުގައި ނިދި ނަގާލާފައި މެޗުތައް ބެލުމުގެ ސަގާފަތް ދިވެހިންގެ ތެރޭގައި އާލާވީ އެހިސާބުންނެވެ. އޭގެ ފަހުން ވޭތުވެދިޔަ ކޮންމެ މުބާރާތަކީ ވެސް ޓީވީއެމްގެ ތަޖުރިބާކާރު ކޮމެންޓޭޓަރުންގެ އަޑާއި، ހާއްސަ ޕްރީ-ޝޯތަކާއެކު ދިވެހިންނާ ގާތުން ގެނެސްދިން ފޯރިގަދަ މުބާރާތްތަކެކެވެ.
"ޓީވީއެމުން 1986 ގައި ފެށި މި ދަތުރަކީ ރާއްޖޭގެ ކުޅިވަރުގެ ސަގާފަތަށް އައި އެންމެ ބޮޑު ބަދަލު. އަދި އެ ފެށުމަކީ ދިވެހިން ބައިނަލްއަގުވާމީ ފުޓްބޯޅައަށް ލޯ ހުޅުވިގެންދިޔަ މައިގަނޑު ސަބަބު،" ބްރޮޑްކާސްޓިން ދާއިރާގެ ތަޖުރިބާކާރު ވިދާޅުވި އެވެ.
މިހާރު ޓެކްނޮލޮޖީއަށް އައިސްފައިވާ ބޮޑެތި ބަދަލުތަކާއެކުވެސް، ގައުމީ ޓީވީގެ ދައުރަކަށް ބަދަލެއް ނާދެ އެވެ. މިއަހަރުގެ ވޯލްޑް ކަޕްވެސް ޕަބްލިކް ސަވިސަސް މީޑިއާ (ޕީއެސްއެމް) މެދުވެރިކޮށް ހިލޭ ބަލާލުމުގެ ފުރުސަތު ފަހިވެފައި އޮތުމަކީ 1986 ގައި ފެށި އެ ކުޑަ ފެށުން މިއަދު ބިޔަ ގަހަކަށްވެ، މުޅި ރާއްޖެއަށް ފެތުރިފައިވާ ކަމުގެ ހެއްކެކެވެ. ދިވެހި ޓީވީގައި ވޯލްޑް ކަޕް ބްރޯޑްކާސްޓް ކުރުމުގެ މި 40 އަހަރަކީ ހަމައެކަނި ކުޅިވަރެއް ދެއްކުމެއް ނޫނެވެ. އެއީ ދިވެހިންގެ އެކުވެރިކަމާއި، ގައުމީ ވަންތަކަމާއި، ފުޓްބޯޅައަށް އޮތް ލޯބި ޖީލުން ޖީލަށް ވާސިލުކޮށްދިން ރީތި ދަތުރެކެވެ.