ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް ފުޓްބޯޅައަށް މުހާތަބުކުރާނެ ހާއްސަ ނަމެއް އޮވެ އެވެ. މިއަހަރުގެ ވޯލްޑް ކަޕް ބާއްވާ ތިން ގައުމުގެ ތެރެއިން އެންމެ އިސްކޮށް އޮތް އެމެރިކާ މީހުން، މި ކުޅިވަރަށް "ސޮކާ" އޭ ކިޔާއިރު، ދިވެހިންގެ ތެރޭގައި މި ކުޅިވަރަށް ދެވިފައިވާ އެންމެ މަގުބޫލު ނަމަކީ "ބޯޅަ" އެވެ. މިއީ ހަމައެކަނި ކުޅިވަރެއްގެ ނަމެއް ނޫނެވެ. މިއީ ދިވެހިންގެ އާންމު ދިރިއުޅުމުގެ ތެރެއަށް ވަދެފައިވާ، ކުޅިވަރަށް އޮތް ލޯތްބާއި ފޯރި ރަމްޒުކޮށްދޭ އަތްމަތީ ބަހެކެވެ. މިއަދުވެސް "ބޯޅައިގެ ފޯރި" އޭ ބުނެފިނަމަ، އެ ބުނަނީ ފުޓްބޯޅައިގެ ފޯރީގެ ވާހަކަކަން އެންމެނަށް ވެސް ޝައްކެއް ނެތް މިންވަރަށް ސާފުވެ އެވެ. ރާއްޖޭގައި އެހެން ބޯޅަ ކުޅިވަރުތައް އޮތް ނަމަވެސް، ހަމައެކަނި "ބޯޅަ" މި ލަފުޒުން ފުޓްބޯޅަ ދޭހަވުމަކީ، މި ކުޅިވަރަށް ދިވެހިން ދީފައިވާ ހާއްސަ ޝަރަފެކެވެ.
"ސޮކާ" މި ލަފުޒު އުފެދުނު ގޮތަށް ބަލާއިރު، މިއީ ގިނަ ބަޔަކަށް ހީވެފައި އޮންނަ ގޮތާ ހިލާފަށް އެމެރިކާ މީހުން އަމިއްލައަށް އުފެއްދި ލަފުޒެއް ނޫނެވެ. 1800 ގެ އަހަރުތަކުގައި އިނގިރޭސިވިލާތުގައި މި ކުޅިވަރުގެ ރަސްމީ ނަމަކީ އެސޯސިއޭޝަން ފުޓްބޯލް" އެވެ. އެ ދުވަސްވަރު ބަސްތައް ކުރުކޮށްލުމުގެ ގޮތުން އެސޯސިއޭޝަން މި ލަފްޒުގެ މެދުތެރެއިން "ސޮލް" ނަގައި، އޭގެ ފަހަތަށް "އީ.އާރް" އިތުރުކޮށް "ސޮކާ" އޭ ކިޔަން ފެށީ އިނގިރޭސިންނެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ފުޓްބޯޅާ އަށް ފުޓްބޯލް ފެށީ އެއީ ފައިން ކުޅޭ ކުޅިވަރަކަށް ވާތީ އެވެ. ނަމަވެސް އެމެރިކާގައި މާ މަގުބޫލު އެމީހުންގެ އަމިއްލަ ކުޅިވަރެއް ނުވަތަ ގޭމެއް "އެމެރިކަން ފުޓްބޯލް" ގެނަމުގައި އޮތުމުގެ ސަބަބުން، ފުޓްބޯޅައަށް "ސޮކާ" ކިޔުން އެ ގައުމުގައި ދެމިއޮތީ އެވެ.
ރާއްޖޭގެ ތާރީހަށް ބަލާއިރު، މުސްކުޅި ބަންޑާރައިންގެ ދުވަސްވަރު ފަނުންނާއި އެކި ބާވަތުގެ ތަކެތި ބޭނުންކޮށްގެން ބޯޅައެއްގެ ބައްޓަމަށް ވިޔެގެން، ކުޅުނު ކުޅިވަރަށް ކިޔައި އުޅުނީ "ފައިތަޅާ" އެވެ. ރާއްޖެއަށް ރަސްމީ ގޮތެއްގައި ޒަމާނީ ފުޓްބޯޅަ ތައާރަފުވެގެން އައީ ސުމުއްވުލް އަމީރު މުހައްމަދު އަމީންގެ ދައުރުގައި، ލަންކާގެ މައިކަލް ޑަ ސިލްވާ ރާއްޖެ ގެންނެވި ހިސާބުންނެވެ. އޭރު ބައެއް ލިޔުންތަކުގައި "ފައިބޯޅަ" ބޭނުންކުރި ނަމަވެސް، އެ ބަސް އާންމުންގެ ތެރޭގައި އެހާ ބޮޑަށް އަށެއް ނުގަތެވެ.
ފަހުން އިނގިރޭސި ބަހާއި ދިވެހި ބަސް އެއްކޮށްލައިގެން "ފުޓްބޯޅަ" މި ލަފުޒު އުފެދުނެވެ. އެހެންނަމަވެސް، ދިވެހި މުޖުތަމައުގައި މި ކުޅިވަރަށް އޮތް ގާތްކަމެއްގެ ބޮޑުކަމުން، ކުރީގެ ކުޅުންތެރިންގެ މެދުގައިވެސް އަދި މިހާރުގެ ޖީލުތަކުގައި ވެސް ފުޓްބޯޅައަށް ނިސްބަތްކޮށް އެންމެ ގިނައިން ބޭނުންކުރާ ބަހަކީ ހަމައެކަނި "ބޯޅަ" އެވެ. އެހެންކަމުން، އެމެރިކާއަށް "ސޮކާ" ވެފައި، ދުނިޔޭގެ އެހެން ހިސާބުތަކަށް "ފުޓްބޯލް" ވިޔަސް، ދިވެހިންގެ ހިތްތަކުން ޖާގަ ހޯދާފައިވަނީ ހަމައެކަނި "ބޯޅަ" އެވެ.