އެއީ ދިވެހިރާއްޖޭން ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރި ފުރަތަމަ ފަހަރެވެ. މާބޮޑު ކާމިޔާބަކަށް ދިވެހީން އުއްމީދެއް ނުކުރެ އެވެ. އެކަމަކު އެވަރުގެ ދެރަ ނަތީޖާއެއް ނުކުމެދާނެ ކަމަކަށް ވެސް ހިޔެއް ނުކުރެ އެވެ. ފްރާންސްގައި 1998 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕަށް ކޮލިފައިވާން 1997 ވަނަ އަހަރު ރާއްޖޭން ކުޅުނު ކުޅުނު ފުރަތަމަ މެޗުން އީރާން އަތުން 17-0 އިން ބަލިވުމަކީ ރާއްޖޭގެ ފުޓްބޯޅައިގައި މިހާތަނަށް ޖެހުނު އެންމެ ހުތުރު ލަށްގަނޑެވެ. އެއީ ދިވެހީންނަށް ލިބުނު ބޮޑު މާޔޫސްކަމެއް ވެސް މެ އެވެ.
ޖޫން 2، 1997 ގައި ސީރިއާގެ ވެރިރަށް ދިމިޝްގުގައި ކުޅުނު މެޗުން ރާއްޖެ ކޮޅަށް އީރާނުން 17 ގޯލް ޖެހުމަކީ އޭރު ދުނިޔޭގެ ރެކޯޑެއް ވެސް މެ އެވެ. އެ ވާހަކަ ބޭރުގެ ވަރަށް ގިނަ ނޫސްތަކުގައި ޖެއްސެވެ. ބައެއް މީޑިއާތަކުން ރާއްޖެ ސިފަކުރީ ދުނިޔޭގެ އެންމެ ބަލި ފުޓްބޯޅަ ޓީމުގެ ގޮތުގަ އެވެ. އެކަމަކު ސުވާލަކީ ރާއްޖެ ކޮޅަށް އެވަރަށް ގޯލު ވަނީ ޓީމު ހަމަ އެހާ ބަލިކަމުން ހެއްޔެވެ؟
އޭރު ޓީމުގައި ހިމެނުނު ބައެއް ކުޅުންތެރިންނާއި، އޭރުގެ ކަންކަން އެނގޭ މީހުން ބުނާ ގޮތުގައި އެ ނަތީޖާގެ ފަހަތުގައި ވަރަށް ގިނަ ސަބަބުތަކެއްވެ އެވެ. ފުރަތަމަ ކަމަކީ އެކަށީގެންވާ ވަރަށް ތައްޔާރުނުވެވުމެވެ. އޭރުގެ ކޯޗު ރޮމިއުލޯ ކޯޓޭޒް އޮތީ އީރާނުގެ ކުޅުން ދެނެގަންނަން، އެ ޓީމުގެ މެޗެއް ބަލަންދާން އެފްއޭއެމްގައި އެދިފަ އެވެ. އެކަމަކު އެފްއޭއެމުން އެ ފުރުސަތު ހޯދައިނުދިނުނެވެ. އެވަރަށް ފައިސާ ނެތުމުންނާއި، ރާއްޖޭގެ ފޯކަސްއަކީ ސާފް ޗެމްޕިއަންޝިޕް ކަމަށްވުމެވެ.
"ޓީމު ނެގުމުގައި ވެސް މައްސަލަތަކެއް އުޅުނު. މުހިއްމު ބައެއް ކުޅުންތެރިންނަށް ކޯޗު ފުރުސަތެއް ނުދޭ. އޭގެ ސަބަބުން އެންމެ ވަރުގަދަ ސްކޮޑެއް ނޫން އެ ފަހަރު އޮތީ،" އޭރުގެ ނޫސްވެރިޔަކު ބުންޏެވެ.
އޭރު ދިވެހި ގިނަ ކުޅުންތެރިންނަށް ރާއްޖޭން ބޭރުގައި ކުޅުމުގެ ތަޖުރިބާއެއް ލިބިފައެއް ނުވެ އެވެ. އެހެންވެ ގިނަ ބަޔެއްގެ ކުރިމަތީގައި، ބޮޑު ސްޓޭޑިއަމެއްގައި ކުޅުންވީ ކުޅުންތެރިން ހާސްކޮށްލި ކަމަކަށެވެ. އެހެންވެ މެޗު ފެށިއިރު ކުޅުންތެރިން ތިބީ ކުޑަކޮށް ޖެހިލުންވެފަ އެވެ.
"އެހެން ތިއްބާ އީރާނުން މެޗުގެ ކުރީކޮޅު ގިނަ ގޯލުތަކެއް ވައްދާލީމާ އެ ހާސްކަން ބޮޑުވެ، އެއްގޮތަކަށް ވެސް ކުޅެނުގަނެވުނު. އެ ހިސާބުން އިތުރު ގޯލުތަކެއް ވަނީ،"
ކޮލިފައިންގައި އެ ފަހަރު އީރާނާ ދެކޮޅަށް ކުޅުނު ދެ ވަނަ މެޗުން ރާއްޖެ ބަލިވީ 9-0 އިންނެވެ. ދެ މެޗުން ޖުމްލަ 26 ގޯލު ބައިކޮޅަށް ވަނީ އެވެ. އެ ނަތީޖާތަކުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅަ މަރުވީ ކަމަށް އެއް ބަޔަކު ގަބޫލުކުރި އެވެ. ވަރަށް ގިނަ ސީނިއާ ކުޅުންތެރިން ގައުމީ ޓީމަށް ދެން ނުކުޅެން ނިންމި އެވެ. އެކަމަކު ކަންދިމާކުރި ގޮތުން ޒުވާން ކުޅުންތެރިންނާ އެކު ނުކުމެ ރާއްޖޭން އެ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލަށް ދިއުން ވެގެންދިޔައީ، އެ މާޔޫސްކަން ފިލައި، އުފާވެރިކަން ގެނުވި ސަބަބަކަށެވެ.
ސުވާލެއް ވެސް ނެތް ގޮތެއްގައި އީރާން އަތުން 1997 ގައި ބަލިވުމަކީ ދިވެހި ފުޓްބޯޅަ އަށް ކުރިމަތިވި ބޮޑު ލަދެކެވެ. އެއީ ވޯލްޑް ކަޕުގެ ތާރީހާ ގުޅިފައިވާ ދިވެހީންގެ ބަދުނަސީބު ރެކޯޑެއް ވެސް މެ އެވެ. އެކަމަކު އެ މެޗުގެ ނަތީޖާ އިން ފިލާވަޅު ހޯދައި، ދިވެހި ފުޓްބޯޅަ ކުރިއެރުން ހޯދި އެވެ. އޭގެ ފަހުން ދިވެހި ފުޓްބޯޅަ ދިޔައީ ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކޮށް ކުރިއަށެވެ. ސަރަހައްދީ ޗެމްޕިއަންކަން ދެ ފަހަރު ހޯދައިފި އެވެ. 2002 ގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ކުޅުނު ދެކުނު ކޮރެއާއާ މާލޭގައި ކުޅެ 0-0 އިން އެއްވަރުކުރި އެވެ. އީރާނަށް ވެސް އޭގެ ފަހުން ރާއްޖެ އަށް އެ އަދަދަށް ގޯލެއް ނުޖެހެ އެވެ. ވޯލްޑް ކަޕް ކޮލިފައިންގައި 2011 ވަނަ އަހަރު އީރާނުގައި ކުޅުނު މެޗުން އެ ޓީމު މޮޅުވީ 4-0 އިންނެވެ. މާލޭގައި ކުޅުނު މެޗުގައި އީރާނަށް ޖެހުނީ އެންމެ ގޯލެކެވެ. ސަތާރަ ލަނޑު، އެއް ލަނޑަށް ތިރިކުރެވުނީ އެވެ.