ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު، ވޯލްޑް ކަޕް ކުރިމަތީގައި އޮތް އިރު މިއަހަރުގެ މުބާރާތުގެ ކޮލިފައިން ބުރުތަކުން ފެނުނު އެންމެ އުއްމީދީ މަންޒަރަކީ އާބާދީގެ ގޮތުންނާއި ޖަޒީރާވަންތަކަމުގެ ގޮތުން ރާއްޖެއާ އެއްގޮތް ކުދި ގައުމުތަކުން ދައްކަމުންދާ ހިތްވަރެވެ. ބޮޑެތި ބާރުތަކާ ދެކޮޅަށް ކުދި ގައުމުތަކުން ހޯދަމުންދާ ކުރިއެރުމާއެކު، ކޮންމެ ދިވެހި ސަޕޯޓަރެއްގެ ހިތުގައިވެސް އުފެދޭ ބޮޑު ސުވާލަކީ "ރާއްޖެ ކޮބައިތޯ؟" އެވެ.

ކުދި ގައުމުތަކުގެ ވާހަކަ ދައްކާއިރު، މިއަހަރުގެ ވޯލްޑް ކަޕުން ވަނީ ތާރީހީ އާ ރެކޯޑެއް ފެނިފަ އެވެ. އެއީ ގާތްގަނޑަކަށް 156,000 މީހުންގެ އާބާދީއެއް އޮތް ކެރީބިއަންގެ ކުޑަ ޖަޒީރާ ގައުމެއް ކަމަށްވާ ކިޔުރެސާއޯ ވޯލްޑް ކަޕަށް ކޮލިފައިވުމެވެ. އެ ގައުމުން މި މުގުރާލީ 2018 ވަނަ އަހަރު 300،0000 ހާ މީހުންގެ އާބާދީއެއް އޮތް އައިސްލޭންޑުން ގާއިމުކުރި ރެކޯޑެވެ.

މީގެ އިތުރުން އެފްރިކާގެ ކޭޕް ވާޑޭ ވެސް ވަނީ މިއަހަރުގެ މުބާރާތަށް ކޮލިފައިވެ، އާބާދީ މަދު ނަމަވެސް "ބޮޑު ހުވަފެން" ދެކެވިދާނެކަން ސާބިތުކޮށްދީފަ އެވެ.

ވޯލްޑް ކަޕަށް ރާއްޖެއަށް ވެސް ކޮލިފައި ވެދާނެކަމުގެ ހުވަފެން ދިވެހިންގެ ހިތްތަކުގައި އެންމެ ފުރަތަމަ އިންދައިދިނީ 1990ގެ އަހަރުތަކުގެ ކުރީކޮޅު ރާއްޖޭގެ ކޯޗުކަން ކުރި ހަންގޭރީގެ މިކްލޯސް ޓެމިސްވާރީ އެވެ. އޭނާ އޭރު އުއްމީދު ކުރީ އޭގެ 30 އަހަރު ފަހުން ބާއްވާ، 2022 ގެ ވޯލްޑް ކަޕަށް ރާއްޖެ ކޮލިފައި ވެވިދާނެ ކަމަށެވެ.

އެ އަމާޒަށް ވާސިލުވުމަށްޓަކައި އޭނާ ސްޓްރެޓެޖިކް ޕްލޭނެއް ވެސް އެކުލަވާލި އެވެ. ނަމަވެސް އެ 30 އަހަރު ފާއިތުވެ ދިޔައިރުވެސް، ރާއްޖެއަށް އެ ހުވަފެނާ ގާތަށް ވެސް ޖެހިލެވޭ ގޮތެއް ނުވި އެވެ.

ރާއްޖެއާ އެކު މި ހުވަފެން ބެލި ދެ ވަނަ ކޯޗަކީ ޕޯޗުގަލްގެ މެނައުލް ގޯމޭޒެވެ. އޭޝިއާގެ ފުޓްބޯޅައިގެ ވަރުގަދަ ބާރު، ދެކުނު ކޮރެއާ ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓާލި ތާރީހީ މެޗުގައި ދިވެހި ޓީމަށް އިރުޝާދުދިން ގޯމޭޒް ބުނި ގޮތުގައި އޭނާ ރާއްޖޭގައި މަސައްކަތް ކުރި ދުވަސްވަރަކީ ރާއްޖޭގެ ފުޓްބޯޅައިގެ "ރަން ޖީލުގެ" ފެށުމެވެ. އޭނާ ވަނީ ރާއްޖޭގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އަށް ބެންފީކާގެ ޒުވާން ޓީމުން ފުރުސަތު ހޯދައި ދީފަ އެވެ. ގޯމޭޒް ގަބޫލުކުރާ ގޮތުގައި އެ ފުރުސަތުގެ ބޭނުން އޭރު ޒުވާން ދަގަނޑޭ ހިފިނަމަ، ރާއްޖޭގެ ފުޓްބޯޅައިން މިއަދު ފެންނާނީ މާ ތަފާތު މަންޒަރެކެވެ.

މިއަހަރުގެ ވޯލްޑް ކަޕުން ފެށިގެން އޭޝިއާގެ ގައުމުތަކަށް ލިބޭ ޖާގަ ވަނީ ޓީމަށް ނުވަތަ ނުވަ ޓީމަށް އިތުރު ވެފައެވެ. މިއީ ރާއްޖެ ހިމެނޭ މި ސަރަހައްދުގެ ގައުމުތަކަށް ވެސް އޮތް ރަނގަޅު ފުރުސަތެކެވެ. ނަމަވެސް ސުވާލަކީ، ކިޔުރެސާއޯ ފަދަ ކުދި ގައުމުތަކުން ކުރި ހިތްވަރުން ފިލާވަޅު ލިބިގަނެ، މި ފުރުސަތުގެ ބޭނުން ހިފުމަށް ރާއްޖެއަށް އޮތީ ތައްޔާރަށް ހެއްޔެވެ؟

ރާއްޖެ އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކޯ ޓެމިސްވާރީ ފަދަ ކޯޗުންގެ ޕްލޭންތަކަށް ބޭނުންވާ އިންފްރާސްޓްރަކްޗާ އާއި  ދާއިމީ ގޮތެއްގައި ގްރާސްރޫޓް (ކުޑަކުދިންގެ ފުޓްބޯޅަ) ކުރިއަރުވަން ކުރަންޖެހޭ މަސައްކަތްތައް އެކަށީގެންވާ ގޮތުގައި ކުރިއަށް ނުގެންދެވުމެވެ.

ރާއްޖޭގައި ފުޓްބޯޅައިގެ ވަސީލަތްތައް "ނަމަކަށް ގާއިމްކުރެ އެވެ. ރާއްޖޭގައި ޓާފް ދަނޑުތައް ގިނަ އެވެ. މާލޭގައި ވެސް ކޮންމެ އަވަށެއްގައި މިނީ ޓާފް ދަނޑުތައް އަޅާފައިވެ އެވެ. އެކަމަކު އެއީ ރޭވުންތެރިކަމާ އެކު ހިންގިފައި އޮތް ޕްރޮޖެކްޓްތަކަކަށް ނުވާތީ ފުޓްބޯޅަ އަށް އޭގެ ފައިދާއެއް ނުކުރެ އެވެ. ރޭވުންތެރިކަމާ ކަމެއް ނެތި ފުޓްބޯޅަ އަށް ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ނަތީޖާއެއް ނުނިކުންނާނީ އެވެ. ކުދި ގައުމުތައް ވޯލްޑް ކަޕަށް ދާއިރު، ރާއްޖެ އޮތީ އަދިވެސް ހަމަ ބޮޑެތި ގައުމުތަކުގެ ޖޯޒީލައިގެން ސަޕޯޓްކުރަން ތިބުމެވެ.