ގަތަރަކީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާ ގައުމެވެ. މިއީ އެޓީމުން ވޯލްޑް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އަދި މިއީ އަރަބި ދުނިޔޭގައި ވެސް ވޯލްޑް ކަޕް ބޭއްވޭ ފުރަތަމަ ފަހަރު ވެސް މެއެވެ.
ވޯލްޑް ކަޕްގެ ބިޑު ގަތަރުން ކާޟިޔާބު ކުރިކަން ފީފާ އިން އިއުލާން ކުރީ 2010 ވަނަ އަހަރެވެ. އޭރުން ފެށިގެން ވޯލްޑް ކަޕަށް ތައްޔާރު ވާން ގަތަރުން ވަނީ ގިނަ ތައްޔާރީތަކެއް ވެފަ އެވެ. އޭރު ދުނިޔޭގެ ރޭންކިންގެ 100 އިން ދަށުގައި އޮތް ޓީމު މިހާރު ވަނީ އެންމެ މަތީ 50 ޓީމުގެ ތެރޭގައި ހިމެނިފަ އެވެ.
މިއަހަރުގެ ވޯލްޑް ކަޕަށް ހާއްސަ ކޮށް ގަތަރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ހާއްސަ ގަވާއިދެއް ހަދައި، ގައުމީ ޓީމުގައި ހިމެނޭ އެއްވެސް ކުޅުންތެރިއަކު، އެގައުމުގެ އެއްވަނަ ޑިވިޝަން ލީގު ކަމަށްވާ ސްޓާސް ލީގުގައި ނުކުޅެވޭ ގޮތަށް ފާސްކޮށް، ހަ މަސް ދުވަހުގެ ޓްރެއިނިން ކޭމްޕެއް ބާއްވައިފަ އެވެ. އެޓީމުން ވަނީ ތަޖުރިބާ ހޯދުމުގެ ގޮތުން ފފާ ކަލަންޑަރުން ބޭރުގައި ސްޕެއިން އާއި އިޓަލީގެ އެންމެ މަތީ ފަންތީގެ ޓީމުތަކާ ދެކޮޅަށް ވެސް ޓްރެއިނިން މެޗުތައް ކުޅެފަ އެވެ.
ކޮލިފައި ވި ގޮތް: ގަތަރު މިއަހަރުގެ ވޯލްޑް ކަޕަށް ކޮލިފައި ވީ މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުންނެވެ. ކޮލިފިކޭޝަނެއް ނުޅެ އެވެ.
ކޯޗު: ގަތަރުގެ ގައުމީ ޓީމުގެ ކޯޗަކީ ސްޕެއިންގެ ރައްޔިތެއް ކަމަށް ވާ ފީލިކްސް ސަންޗޭޒް އެވެ. އޭނާ އަކީ ގަތަރުގެ ފުޓުބޯޅައަށް ފަރިތަ ކޯޗެކެވެ. ބާސެލޯނާގެ ޔޫތު ޓީމުގެ ކޯޗެއް ގޮތުގައި 1996 އިން ފެށިގެން 2006 ވަނަ އަހަރާ ހަމައަށް މަސައްކަތް ކޮށް، އޭނާ 2006 ގައި ގަތަރަށް ބަދަލުވީ، ގަތަރުގައި ފެށި ސްޕެއިންގެ އެސަޕަޔާ އެކަޑަމީގެ ކޯޗެއްގެ ގޮތުގަ އެވެ.
އެސްޕަޔާ އެކަޑަމީ ގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރުމަށް ފަހު އޭނާ ވަނީ 2013 ވަނަ އަހަރު ގަތަރުގެ 19 އަހަރުން ދަށުގެ ޓީމާ ހަވާލު ވެފަ އެވެ. އެ ޓީމާ އެކު ވެސް އޭޝިއާގެ ޗެމްޕިއަންކަން ހޯދި އެވެ. އަދި އޭގެ ފަހުން ސީނިއާ ގައުމީ ޓީމާ އެކު މަސައްކަތް ކުރަމުން ވަނީ 23 އަހަރުން ދަށުގެ ޓީމާ އެކު އޭޝިއާގެ ތިންވަނަ ހޯދައިފަ އެވެ. އޭނާ ގަތަރުގެ ސީނިއާ ގައުމީ ޓީމާ ހަވާލު ވީ 2017 ވަނަ އަހަރު އެވެ،
ސީނިއާ ޓީމާ އެކު ފީލިކްސް ވަނީ ފުރަތަމަ ފަހަރަށް 2021 ވަނަ އަހަރު އެގައުމަށް އޭޝިއާގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ. އަދި ފީފާ އަރަބް ކަޕް ގެ ތިންވަނަ ހޯދައިދިނުމުގެ އިތުރުން އޭނާ ވަނީ އަހަރު ކޮންކާކަފް ގޯލްޑް ކަޕްގެ ސެމީ ފައިނަލަށް ވެސް ގަތަރު ގެންގޮސްދިނެވެ.
ގްރޫޕުގައި އޮތް ފުރުސަތު: މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ފުރަތަމަ ވޯލްޑް ކަޕަށް ކުރިމަތިލާ ގަތަރަށް ނޮކައުޓް ބުރުން ޖާގަ ހޯދަން ފަސޭހައެއް ނުވާނެ އެވެ. އެފްރިކާގެ ޗެމްޕިއަން ސެނެގާލާއި، ވަރުގަދަ ފޯމެއްގައި އޮތް ނެދަލެންޑްސް އަކީ މި ގުރޫޕުގެ ފޭވަރިޓުންނެވެ. މި ދެ ޓީމު ފަހަތަށް ޖައްސާލުން ވާނީ އުނދަގޫ ކަމަކަށެވެ. ދެން އޮތް އިކުއެޑޯއާ ދެމެދު ރޭންކިންގައި ފަރަގު ކުޑަ ކުރެވިފައި ވިއަސް، އިކުއެޑޯ އަކީ ވެސް ދެކުނު އެމެރިކާ ސަރަހައްދުގައި ފުޓުބޯޅައިގެ ގަދަ ބާރުތަކާ ދެކޮޅަށް ރަނގަޅު ނަތީޖާތަކެއް ނެރެފައިވާ ޓީމެކެވެ. އެކަމަކު އެ ގައުމުން ވޯލްޑް ކަޕަށް ވީ ތައްޔާރީތަކުގެ އަލީގައި އަމިއްލަ ގައުމުގައި ކުޅުމުގެ އެޑްވާޏްޓޭޖް އެންމެ ފުރިހަމައަށް ނެގިއްޖެ ނަމަ، ހައިރާން ކުރަނިވި ނަތީޖާއެއް ވެސް ނުކުމެދާނެ އެވެ.
ހަސަން އަލް ހައިދޯސް: ކެޕްޓަން އަލް ހައިދޯސް، 31، އަކީ ގަތަރު ޓީމުގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އެވެ. އަރިމަތިން ކުރިއަށް ކުޅެމުން މެދުތެރެއަށް ފައިބައިގެން ވެސް މޮޅަށް ކުޅެގެން އޭނާގެ ކެޕްޓަން ކަމުގައި ގަތަރަށް ވަނީ 2019 ވަނަ އަހަރު ފުރަތަމަ ފަހަރަށް އޭޝިއަން ކަޕް ކާމިޔާބު ކޮށްދީފަ އެވެ.
ގަތަރުގެ ގައުމީ ޓީމާ އެކު 2008 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ އަލް ހައިދޯސް އަކީ މިހާތަނަށް ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އެވެ. އަދި އޭނާ ވަނީ ގައުމީ ޓީމަށް 34 ލަނޑު ޖަހައިދީފަ އެވެ.
ގަތަރުގެ އަލް ސާދު އާއެކު 2007 އިން ފެށިގެން ކުޅޭ އަލް ހައިދޯސް ވަނީ އެޓީމާ އެކު ފީފާ ކްލަބް ވޯލްޑް ކަޕްގެ ތިންވަނަ ވެސް ނަގައިފަ އެވެ.
އަލްމުއީޒް އަލީ: އުމުރުން 26 އަހަރުގެ އަލްމުއީޒް އަކީ ސޫދާނަށް އުފަން ކުޅުންތެރިއެކެވެ. އޭނާ އަކީ އެންމެ ފަހުން ބޭއްވި އޭޝިއަން ކަޕާއި ކޮންކާކަފް ގޯލްޑް ކަޕްގެ ރަން ބޫޓު ހޯދި ކުޅުންތެރިޔާ އެވެ. އަދި ކޮޕާ އެމެރިކާ މުބާރާތުގައި ވެސް ގަތަރު ޓީމަށް އޭނާ ވަނީ ލަނޑު ޖަހައިފަ އެވެ.
އޮސްޓްރިއާ އަދި ސްޕެއިން ގައި ކުޅުމަށް ފަހު އަލްމުއީޒް ގަތަރުގެ އަލް ދުހެއިލް ސްޕޯޓްސް ކުލަބަށް ބަދަލުވީ 2016 ވަނަ އަހަރެވެ. އަލް ދުހެއިލް އާއެކު އޭނާ އަންނަނީ ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ. ގަތަރު ލީގަށް ބަދަލު ވުމުގެ ކުރިން ވެސް އޭނާ ވަނީ ގަތަރުގެ 19 އަހަރުން ދަށުގެ ޓީމާ އެކު އޭޝިއަން ޗެމްޕިއަންޝިޕް ހޯދައިފަ އެވެ. އަދި ސީނިއާ ގައުމީ ޓީމަށް ކުޅެމުން އަލީ ވަނީ 23 އަހަރުން ދަށުގެ ޓީމާ އެކު 2018 ވަނަ އަހަރުގެ އޭއެފްސީ ޗެމްޕިއަންޝިޕް ކާމިޔާބު ކޮށް، މުބާރާތުގެ ރަން ބޫޓު ވެސް ހޯދައިފަ އެވެ.
ގަތަރުގެ ގައުމީ ޓީމާ އެކު 2016 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ އަލްމުއީޒް ވަނީ މިހާތަނަށް 76 މެޗު ކުޅެ 39 ލަނޑު ޖަހައިފަ އެވެ. ގޯލު ޖެހުމުގެ އިތުރުން އިންޑިވިޖުއަލް ހުނަރުގެ ގޮތުން ވެސް ކުޅަދާނަ ކުޅުންތެރިއެކެވެ. ސެނެގާލާއި ނެދަލެންޑްސްގައި ތިބި ތަޖުރިބާކާރު ޑިފެންޑަރުން އޭނާ ހުއްޓުވަން ހާއްސަ ސަމާލު ކަމެއް ދޭނެ ކަމަށް ބެލެވެ އެވެ.
އަބްދުލްކަރީމް ހަސަން: އަބްދުލްކަރީމް، 28، އަކީ ގިނަ ދުވަސަތަކެއް ވަންދެން ގަތަރު ޓީމުގެ ލެފްޓް ބެކްގެ މަގާމަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. ގަތަރުގެ ގައުމީ ޓީމާ އެކު 2010 ވަނަ އަހަރުން ފެށިގެން އަބްދުލްކަރީމް ވަނީ މިހާތަނަށް 120 އަށް ވުރެ ގިނަ މެޗު ކުޅެދީ، 15 ލަނޑު ޖަހައިދީފަ އެވެ. އޭނާ އަކީ ކެޕްޓަން އަލް ހައިދޯސް އަށް ފަހު ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ އެވެ.
ކުލަބް ކެރިއަރުގައި އޭނާ އަންނަނީ 2010 ވަނަ އަހަރުން ފެށިގެން ގަތަރުގެ އަލް ސާދު އަށް ކުޅެމުންނެވެ. އަދި އެއް ސީޒަނުގައި ލޯނު އުސޫލުން ބެލްޖިއަމް އެއްވަނަ ޑިވިޝަނުގެ ޓީމަކަށް ވެސް ކުޅުނެވެ. އޭނާ ވަނީ 2018 ވަނަ އަހަރު އޭއެފްސީ އިން ހޮވި އޭޝިއާގައި ކުޅޭ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދައިފަ އެވެ.
އޭނާގެ ހަލުވި ދުވެއްޔާއި ހުނަރު މިއަހަރުގެ ވޯލްޑް ކަޕް ގައި ބަލާލަން ގަތަރުގެ ގިނަ ސަޕޯޓަރުންނެއް ތިބޭނީ ކެތް މަދު ވެފަ އެވެ.