އެންމެ ފަހުން 2018 ވަނަ އަހަރުގެ ޗެމްޕިއަނަކީ ފްރާންސް އެވެ. އެޓީމުން ވަނީ ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ. އެންމެ ފުރަތަމަ ހޯދީ 1998 ވަނަ އަހަރު، އަމިއްލަ ފަސްގަނޑުގައި ބޭއްވި ދެވަނަ މުބާރާތެވެ. އެންމެ ފުރަތަމަ ބޭއްވީ 1938 ވަނަ އަހަރެވެ. އެ ފަހަރު ދިޔައީ ކުއާޓާއާ ހަމައަށެވެ.
މީގެ އިތުރުން 2006 ވަނަ އަހަރުގެ ފައިނަލަށް ވެސް ފްރާންސް ވަނީ ދަތުރު ކޮށްފަ އެވެ. ޗެމްޕިއަންކަން ހޯދުމުގެ ކުރިން ފްރާންސް ވަނީ ދެ ފަހަރު، މުބާރާތުގެ ތިންވަނަ ހޯދައިފަ އެވެ.
އެންމެ ފުރަތަމަ 1930 ވަނަ އަހަރުގެ ވޯލްޑް ކަޕް ގައި ވެސް ފްރާންސް ކުޅުނެވެ. މިއީ ފްރާންސް ވޯލްޑް ކަޕް ގައި ވާދަކުރާ 16 ވަނަ ފަހަރެވެ.
ކޮލިފައި ވި ގޮތް: ފްރާޏްސް މިއަހަރުގެ ވޯލްޑް ކަޕަށް ކޮލިފައި ވީ ކުޅުނު އަށް މެޗުން ވެސް ބަލިނުވެ، ގުރޫޕް ގެ އެއްވަނަ ހޯދައިގެންނެވެ. އަށް މެޗުގެ ތެރެއިން ފްރާންސް ވަީ ފަސް މެޗު ކާމިޔާބު ކޮށްފަ އެވެ. އެއްވަނައިގައި ނިންމީ އެންމެ ގާތުން ވާދަކުރި ޔޫކްރޭނާ ހަ ޕޮއިންޓް ކުރީގައި ނިންމައިގެންނެވެ.
ކޯޗު: ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޭމްޕްސް އަކީ ކުޅުންތެރިއެއް ގޮތުގަ އާއި ކޯޗެއްގެ ގޮތުގައި ވޯލްޑް ކަޕް ކާމިޔާބު ކުރި ތިންވަނަ ފަރާތެވެ. އޭނާ ވަނީ 1998 ވަނަ އަހަރު ފްރާންސުން ފުރަތަމަ ފަހަރަށް ފުނިޔޭގެ ޗެމްޕިއަންކަން ހޯދި ޓީމަށް ކުޅެފަ އެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި ފްރާންސަށް ދެވަނަ ފަހަރަށް ތަށި ހޯދައިދިނީ އޭނާގެ ކޯޗު ކަމުގަ އެވެ.
މިއީ ކޯޗެއްގެ ގޮތުގައި ޑިޝޭމްޕްސް، ފްރާންސް ޓީމު ގޮވައިގެން ވޯލްޑް ކަޕަށް ނުކުންނަ ތިންވަނަ ފަހަރެވެ. 2012 ވަނަ އަހަރު ގައުމީ ޓީމާ ހަވާލުވެ، އޭނާ ވަނީ 2014 ގެ ވޯލްޑް ކަޕް ކުއާޓާ ފައިނަލަށް ވެސް ގެންގޮސް ދީފަ އެވެ. 2016 ވަނަ އަހަރު ޔޫރޯ ފައިނަލަށް ގެންގޮސްދިން ނަމަވެސް، 2021 ވަނަ އަހަރުގެ ޔޫރޯ ގައި މާ ދުރަކަށް ނުދެދވުނެވެ. ނަމަވެސް ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ހޯދައިދިނެވެ.
ފްރާންސްގެ ގައުމީ ޓީމާ ހަވާލު ވުމުގެ ކުރިން ޑިޝޭމްޕްސް ވަނީ އެގައުމުގެ މޮނާކޯ އާއި މާސޭ އަދި އިޓަލީގެ ޔުވެންޓަސް އަށް ވެސް ކޯޗު ކޮށްދީފަ އެވެ.
ގުރޫޕުގައި އޮތް ފުރުސަތު: ފްރާންސް އޮތް ގުރޫޕުގައި އެޓީމަށް އެންމެ ނުރައްކާ ކުރާނީ ޑެންމާކުންނެވެ. މިއަހަރުގެ ޔޫއެފާ ނޭޝަންސް ލީގުގައި ވެސް ޑެންމާކުން ވަނީ ފްރާންސާ ދެކޮޅަށްކުޚުނު ދެ މެޗު ކާމިޔާބު ކޮށްފަ އެވެ. އެންމެ ފަހުން 2018 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރީ ވެސް ޑެންމާކާ އެއ ގުރޫޕެއްގައި އޮވެ އެވެ. އެ މުބާރާތުގައި ފްރާންސަށް މޮޅު ނުވެވުނު ހަމައެކަނި މެޗަކީ ވެސް އެއީ އެވެ. ވޯލްޑް ކަޕް ކޮލިފައިން އަށް ފަހު މި އައަހަރު ފްރާންސް ޓީމުގެ ފޯމު ދަށްވެފައި ވީ ނަމަވެސް، ގުރޫޕް ސްޓޭޖުގައި އޮސްޓްރޭލިއާ އާއި ޓިއުނީޝިއާ އަތުން ރަނގަޅު ކާމިޔާބެއް ހޯދައި ފްރާންސް ނޮކައުޓް ބުރަށް ދަތުރު ކުރާނެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
ކަރީމް ބެންޒެމާ: ކުލަބް ލެވެލްގައި ބެންޒެމާ ދައްކަމުން އަންނަ ޖާދޫ، ވޯލްޑް ކަޕެއްގައި ބަލައިލާން ފްރާންސްގެ ގިނަ ސަޕޯޓަރުންނެއް ތިބީ ކެތް މަދު ވެފަ އެވެ. ބެންޒެމާ ވަނީ ގައުމީ ޓީމަށް މިހާތަނަށް 97 މެޗު ކުޅެދީ، 37 ލަނޑު ޖަހައިދީފަ އެވެ.
ފްރާޏްސްގެ ގައުމީ ޓީމަށް 2007 ވަނަ އަހަރު ކުޅެން ފެށި ނަމަވެސް މިހާތަނަށް އޭނާ އަށް ކުޅެވުނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. އެ މުބާރާތުގެ ފުރަތަމަ މެޗުގައި ވެސް ބެންޒެމާ ދެ ލަނޑު ޖެހި އެވެ. ނަމަވެސް ދެ އަހަރު ފަހުން ބްލެކްމެއިކް ކުރި ކަމުގެ ތުހުމަތެއްގައި އޭނާ ހައްޔަރު ކުރުމުން ފްރާންސްފެ ފުޓުބޯޅަ ފެޑެރޭޝަނުން އޭނާ ގައުމީ ޓީމުން ދުރު ކުރި އެވެ. ނަމަވެސް ކުލަބް ލެވެލްގައި ދައްކަުން އަންނަ އާދަޔާ ހިލާފް ކުޅުމާ އެކު އެކި ފަރާތްތަކުގެ ފާޑުކިޔުންތަކާ އެކު ބެންޒެމާ އަލުން ގައުމީ ޓީމަށް ނަގަން ފެށީ މިދިޔަ އަހަރު އެވެ. އެނބުރި އައިސް އޭނާ ވަނީ މިހާތަނަށް ކުޅުނު 16 މެޗުން 10 ގޯލު ޖަހައިފަ އެވެ.
ކިލިއަން އެމްބާޕޭ: އުންމީދުން ފުރިގެންވާ ޒުވާން ތަރި ކިލިއަން އެމްބާޕޭ އަކީ އުމުރުން 19 އަހަރުގައި، 2018 ވަނަ އަހަރު ފްރާންސުން ދެވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބު ކުރި ޓީމުގެ ތަރި އެވެ. އެ އަހަރުގެ ފައިނަލް ގައި ޖެހި ގޯލާ އެކު އެމްބާޕޭ ވަނީ އެ ވޯލްޑް ކަޕް ގައި ހަތަރު ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑާއި އެކު މުބާރާތުގެ ޑްރީމް ޓީމުގައި ވެސް އޭނާ ހިމެނުނެވެ. މިހާރު އުމުރުން 23 އަހަރުގެ އެމްބާޕޭ ވަނީ މިހާތަނަށް ފްރާންސްގެ ގައުމީ ޓީމަށް 59 މެޗު ކުޅެދީ، 29 ލަނޑު ޖަހައިފަ އެވެ. ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް ފަހު ޔޫއެފާ ނޭޝަންސް ލީގު ވެސް ފްރާޏްސް ކާމިޔާބު ކުރީ އެމްބާޕޭގެ ގޯލުން މޮޅު ވެގެންނެވެ.
ފްރާންސްގެ ޕީއެސްޖީ އަށް ކުޅެމުން އަންނަ އެމްބާޕޭ އަކީ ފްރާންސް ލީގުގައި ފާއިތުވި ހަތަރު އަހަރު ވެސް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. މިދިޔަ ސީޒަނުގައި އެންމެ ގިނަ އެސިސްޓު ހެދީ ވެސް އޭނާ އެވެ.
ހޫގޯ ލޮރިސް: ފްރާންސްގެ ކެޕްޓަން އަދި ގޯލްކީޕަރު ހޫގޯ ލޮރިސް އަކީ މިވަގުތު ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އެވެ. ފްރާންސް ގައުމީ ޓީމަށް 2008 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި ކުޅެމުން އަންނަ ލޮރިސް ވަނީ މިހާތަނަށް ގައުމީ ޓީމަށް 139 މެޗު ކުޅެދީފަ އެވެ.
އެންމެ ފުރަތަމަ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ގައި ނާކާމިޔާބު ވިއަސް، އެންމެ ފަހުން 2018 ވަނަ އަހަރު ވޯލްޑް ކަޕް ހޯދީ ލޮރިސްގެ ކެޕްޓަން ކަމުގަ އެވެ. މިއީ އުމުރުން 35 އަހަރުގެ ލޮރިސް ކުޅޭ ހަތަރު ވަނަ ވޯލްޑް ކަޕެވެ.