އޭޝިއާގެ އުޒްބެކިސްތާން ވޯލްޑް ކަޕްގައި ކުޅޭ މިއީ ފުރަތަމަ ފަހަރެވެ. ކޮލިފައިންގެ ފުރަތަމަ ބުރުގައި އިރާނުގެ ފަހަތުން އެގައުމަށް ލިބުނީ ދެ ވަނަ އެވެ. ވޯލްޑް ކަޕްގެ ސީދާ ޖާގަ ޔަގީންކުރީ ތިން ވަނަ ބުރުގެ ދެ ވަނަ ހޯދައިގެންނެވެ. މި ބުރުގައި ކުޅުނު 10 މެޗުގެ ތެރެއިން ހަ މެޗު ކާމިޔާބުކުރި އެވެ. ތިން މެޗު އެއްވަރުވިއިރު ބަލިވީ އެއް މެޗުންނެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި އުޒްބެކިސްތާން ވާދަކުރަން ފެށީ 1998 ވަނަ އަހަރު އެވެ. ވޯލްޑް ކަޕް 1930 ގައި ފެށިއިރު އެގައުމު އޮތީ ސޮވިއެޓް ޔޫނިއަންގެ ދަށުގަ އެވެ. އޭގެފަހުން ފީފާގައި އުޒްބެކިސްތާން ފުޓްބޯޅަ ޓީމު ރަސްމީކޮށް ދަފްތަރުކުރީ 1994 ވަނަ އަހަރު އެވެ.
ކޯޗު: ފަބިއޯ ކަނަވާރޯ (52 އަހަރު)
ފުޓްބޯޅަ ކުޅުނު ދުވަސްވަރު އިޓަލީ ގައުމީ ޓީމާއި ޔޫރަޕްގެ މަޝްހޫރު ކްލަބްތަކުގައި ދެއްކި އާދަޔާހިލާފު ކުޅުމާ އެކު ކަނަވާރޯ ގުނާލެވެނީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގަ އެވެ. ކަނަވާރޯގެ އެންމެ ބޮޑު ކާމިޔާބީއަކީ އިޓަލީއާ އެކު 2006 ގެ ވޯލްޑް ކަޕް ކާމިޔާބުކުރުމެވެ.
ކަނަވާރޯ ކޯޗިން ފެށީ 2014 ވަނަ އަހަރު ޗައިނާ ލީގުންނެވެ. އޭގެފަހުން ސައުދީ ލީގާއި އިޓަލީ ލީގު އަދި ކްރޮއޭޝިއާ ލީގުން ވެސް ފެނުނެވެ. އުޒްބެކިސްތާންގެ ގައުމީ ޓީމާ ހަވާލުވީ 2025 ވަނަ އަހަރު އެވެ. އެ ގައުމު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ކޮލިފައިކޮށްދިނުމަކީ ކޯޗިންގައި ކަނަވާރޯ އަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ.
މުހިއްމު ކުޅުންތެރިން
ފަސް ގޯލާ އެކު ކޮލިފައިންގައި އެގައުމަށް އެންމެ ގިނަ ގޯލު ޖަހައިދިނީ އިތުބާރު ފޯވާޑް އެލްޑޯ ޝޮމުރޮޑޮވް އެވެ. އުޒްބެކިސްތާނުގެ ކެޕްޓަންގެ ޒިންމާ ނަގަމުން އަންނަ 30 އަހަރުގެ މި ފޯވާޑް މިހާރު ކުޅެމުން އަންނަނީ ތުރުކީގެ އިސްތަންބޫލް ބެސިކްޝެއާ އަށެވެ. އުޒްބެކިސްތާނުގެ ދިފާއުގެ ތަނބަކީ މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ އުއްމީދީ ޑިފެންޑަރު އަބްދުކޮދީރް ކުސަނޯވް އެވެ. މުހިއްމު އިތުރު ކުޅުންތެރިންނަށް ބަލާއިރު ކޮލިފައިންގައި ހަތަރު ގޯލު ޖަހައިދިން އޮސްޓޮން އުރުނޯވް އާއި ތިން ގޯލު ޖަހައިދިން އޮޓަބެކް ޝުކުރޮވް ހިމެނެ އެވެ.