އެފްރިކާ ބައްރުގެ އަލްޖީއާ ވޯލްޑް ކަޕްގައި ވާދަކުރާ މިއީ ފަސް ވަނަ ފަހަރެވެ. މީގެ ކުރިން ވޯލްޑް ކަޕަށް ކޮލިފައިވީ 1982، 1986، 2010 އަދި 2014 ވަނަ އަހަރު އެވެ. އެންމެ ފަހުގެ ދެ ވޯލްޑް ކަޕުން އެ ގައުމަށް ފުރުސަތެއް ނުލިބުނެވެ. އެންމެ ބޮޑު ކާމިޔާބީއަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 އިން ޖާގަ ލިބުމެވެ.

ފްރާންސްގެ ކިބައިން މިނިވަންވެ އަލްޖީރިއާގައި ވަކި ފުޓްބޯޅަ ޓީމެއް ރަސްމީކޮށް އުފެދުނީ 1963 ވަނަ އަހަރު އެވެ. އެހެންވެ ވޯލްޑް ކަޕް ތާރީހުގެ ފުރަތަމަ ހަތް މުބާރާތުގައި އެގައުމަށް ކޮލިފައިންގެ ފުރުސަތު ވެސް ނުލިބުނެވެ.

ވޯލްޑް ކަޕަށް އަލްޖީރިއާ ކޮލިފައިވީ ގްރޫޕުގެ އެއް ވަނަ ހޯދައިގެންނެވެ. ކޮލިފައިންގެ 10 މެޗުގައި 25 ޕޮއިންޓް ހޯދި އެވެ. އޭގެ ތެރެއިން 8 މެޗު ކާމިޔާބު ކުރިއިރު އެއް މެޗު އެއްވަރުވެ އެއް މެޗުން ބަލިވި އެވެ. ޖުމްލަ 24 ގޯލު ޖެހިއިރު ބައިކޮޅަށް ވަނީ 8 ގޯލެވެ.

ކޯޗު: ވްލަޑަމިރް ޕެޓްކޮވިޗް (62 އަހަރު)

އަލްޖީރިއާގެ ކޯޗަކީ ވްލަޑަމިރް ޕެޓްކޮވިޗް ގައުމާ ހަވާލުވީ 2024 ވަނަ އަހަރުގެ ފެބްރުވަރީ މަހު އެވެ. ކޯޗިންގައި ގާތްގަނޑަކަށް 30 އަހަރުވީ ތަޖުރިބާގައި އެންމެ ކާމިޔާބު ދުވަސްތައް ހޭދަކުރީ ސްވިޒަލެންޑުގެ ގައުމީ ޓީމާ އެކު އެވެ. އެގޮތުން އެގައުމުގެ ކޯޗުކަން 2014 އިން 2021 އަށް ކުރިއިރު ބޮޑެތި ކުރިއެރުންތައް ހޯދައިދިނެވެ. އެކަމަކު މޮޅުވި މެޗުގެ ނިސްބަތުން ޕެޓްކޮވިޗަށް އެންމެ ކުރި ލިބެނީ އަލްޖީރިއާ އިންނެވެ. ޕެޓްކޮވިޗްގެ ކޯޗުކަމުގައި އަލްޖީރިއާ އިން ގާތްގަނޑަކަށް 70 އިންސައްތަ މެޗު ވަނީ ކާމިޔާބުކޮށްފަ އެވެ. 

މުހިއްމު ކުޅުންތެރިން

އަލްޖީރިއާގެ އެންމެ މަޝްހޫރު ކުޅުންތެރިއަކީ މިހާރު ސައުދީ ލީގުގައި ކުޅެމުން އަންނަ ރިޔާދު މާރޭޒް އެވެ. މާރޭޒް އަކީ އެފްރިކާގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ ކުޅުންތެރިއެކެވެ. ގައުމީ ކެޕްޓަން ވަނީ މިހާތަނަށް 113 މެޗުގައި 38 ގޯލު އެޓީމަށް ކާމިޔާބުކޮށްދީފަ އެވެ.

މާރޭޒްގެ މަގުބޫލުކަން ބޮޑަސް، ކޮލިފައިންގައި އެގައުމުގެ ހަގީގީ ތަރިއަކީ ޖަރުމަނުގެ ވޮލްފްސްބާގަށް ކުޅޭ މުހައްމަދު އަމޫރާ އެވެ. އޭނާ ވަނީ ކޮލިފައިންގައި 10 ގޯލު ޖަހައި ހަތަރު ގޯލު ޖަހަން އެހީތެރިވެފަ އެވެ. އަދި މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ރަޔަން އައިޓް-ނޫރީ އަކީ ވެސް އަލްޖީރިއާގެ މުހިއްމު ކުޅުންތެރިއެކެވެ.