އޯޝޭނިއާ ސަރަހައްދަށް ނިސްބަތްވާ ނިއު ޒީލެންޑް ވޯލްޑް ކަޕްގައި ކުޅޭ މިއީ ތިން ވަނަ ފަހަރެވެ. އެގައުމު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވީ 1982 ވަނަ އަހަރު އެވެ. އޭގެ ފަހުން ދެން ވާދަކުރީ 2010 ވަނަ އަހަރުގެ މުބާރާތުގަ އެވެ. އެ ދެ މުބާރާތުގައި ކުޅުނު މެޗުތަކުން ވެސް ވަނީ ބަލިވެފަ އެވެ.

ނިއު ޒީލެންޑް ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރަން ފެށީ ވެސް ވޯލްޑް ކަޕް ފެށިތާ ސާޅީހަކަށް އަހަރު ފަހުންނެވެ.

ފުޓްބޯޅައިގައި ނިއު ޒީލެންޑުގެ އެންމެ ބޮޑު ކާމިޔާބީއަކީ އޯޝޭނިއާ ފުޓްބޯޅަ ކޮންފަޑެރޭޝަނުން ބާއްވާ ސަރަހައްދީ މުބާރާތުގެ ޗެމްޕިއަންކަން ހަ ފަހަރު ހޯދުމެވެ. އެންމެ ފަހުން އެގައުމު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ 2024 ވަނަ އަހަރު އެވެ.

ނިއު ޒީލެންޑް ވޯލްޑް ކަޕަށް ކޮލިފައިވީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެގެންނެވެ. މި ފަސް މެޗުގައި 29 ގޯލު ޖެހިއިރު އެޓީމު ކޮޅަށް ވަނީ އެންމެ ގޯލެކެވެ.

ނިއު ޒީލެންޑް ވެފައިވަނީ އިންޓަކޮންޓެނިނެންޓަލް ޕްލޭއޮފްގައި ނުކުޅެ ވޯލްޑް ކަޕްގެ ސީދާ ޖާގައެއް ހޯދި ފުރަތަމަ ޓީމަށެވެ. 

ކޯޗު: ޑަރެން ބަޒެލީ (53 އަހަރު)

އުމުރުން 53 އަހަރުގެ ޑަރެން ބަޒެލީ ކޯޗިން ކެރިއަރު ފެށީ 2011 ވަނަ އަހަރު އެވެ. މިދިޔަ އަހަރުތަކުގައި ބަޒެލީ މުޅިންހެން ފެނިފައިވަނީ ނިއު ޒީލެންޑުގެ ގައުމީ ޓީމުތަކުގެ މަގާމުތަކުންނެވެ. އެގޮތުން، ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމާއި ޒުވާން ޓީމުތަކުގެ ކޯޗުކަން ވެސް އޭނާ ވަނީ ކޮށްފަ އެވެ.

ނިއު ޒީލެންޑުގައި ކުރި ކޯޗިން ތަޖުރިބާއާ އެކު ބަޒެލީ ވެގެންދާނީ 17 އަހަރުން ދަށުގެ ވޯލްޑް ކަޕާއި 20 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ އިތުރުން އޮލިމްޕިކް ފުޓްބޯޅަ މުބާރާތާއި ވޯލްޑް ކަޕްގައި އިރުޝާދުދޭ ފުރަތަމަ ކޯޗަށެވެ. 

މުހިއްމު ކުޅުންތެރިން

ނިއު ޒީލެންޑުގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ އިނގިރޭސި ކްލަބް ނޮޓިންހަމް ފޮރެސްޓަށް ކުޅޭ ކްރިސް ވުޑް އެވެ. ގައުމީ ޓީމުގެ ކެޕްޓަންކަން އަދާކުރާ ކްރިސް ވުޑް ވަނީ މިފަހަރުގެ ކޮލިފައިންގެ ފައިނަލް ބުރުގައި ތިން ގޯލު ޖަހައިފަ އެވެ. އިތުރު ކުޅުންތެރިންނަށް ބަލާއިރު، އެގައުމު ވޯލްޑް ކަޕަށް ކޮލިފައިކޮށްދިން ގޯލު ޖެހި މައިކެލް ބޮކްސްއޯލް އާއި އެޓޭކުގައި މުހިއްމު ކުޅުންތެރިޔާ ކޮސްޓާ ބާބަރޫސެސް ހިމެނެ އެވެ. ޒުވާން ކުޅުންތެރިންނަށް ބަލާއިރު ޑިފެންސުގައި މުހިއްމު ދައުރެއް އަދާކުރާ ޓެއިލަރަ ބްރިންޑަން އަކީ ވެސް ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ.