މިސްރަކީ އެފްރިކާގެ އެންމެ ދުވަސްވީ ފުޓްބޯޅަ ޓީމެވެ. އެފްރިކާ އިން ވޯލްޑް ކަޕްގައި ވާދަކުރި ފުރަތަމަ ގައުމަކީ ވެސް މިސްރެވެ. އެގައުމުން ހޯދި އެފްރިކާ ކަޕުގެ ހަތް މުބާރާތަކީ ރެކޯޑެކެވެ. ވޯލްޑް ކަޕްގައި ތިން ފަހަރު ކުޅެފައިވެ އެވެ. އެއީ 1934، 1990 އަދި 2018 ވަނަ އަހަރު އެވެ. މީގެ ތެރެއިން އެންމެ ކުރިއަށް ދެވުނީ 1934 ވަނަ އަހަރު ގަދަ 16 އާ ހަމައަށެވެ. އޭގެފަހުން ކުޅުނު ދެ ވޯލްޑް ކަޕުން ވެސް ކެޓީ މެޗަކުން މޮޅުނުވެ އެވެ.
މިސްރު ވޯލްޑް ކަޕަށް ކޮލިފައިވީ ގްރޫޕުގެ އެއް ވަނަ ހޯދައިގެންނެވެ. ކޮލިފައިންގެ 10 މެޗުގެ ތެރެއިން އަށް މެޗު ކާމިޔާބުކޮށް ދެ މެޗު ވަނީ އެއްވަރުވެފަ އެވެ. ޖުމްލަ 26 ޕޮއިންޓް ހޯދިއިރު 10 މެޗުގައި 20 ގޯލު ޖެހި އެވެ. ބައިކޮޅަށް ވަނީ އެންމެ ދެ ގޯލެވެ.
ވޯލްޑް ކަޕްގެ ކުރިން މިއަހަރު ކުރީކޮޅު ނިމުނު އެފްރިކާ ކަޕުން މިސްރަށް ލިބުނީ ހަތަރު ވަނަ އެވެ. ސެމީ ފައިނަލުގައި އެ ޓީމު ބަލިވީ ސެނެގާލްއާ ވާދަކޮށެވެ.
ކޯޗު: ހުސާމް ހަސަން (59 އަހަރު)
ހުސާމް ހަސަން އަކީ މިސްރު ދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. ކުރީގެ މަޝްހޫރު ފޯވާޑް ވަނީ އެގައުމަށް ކުޅުނު 177 މެޗުގައި 69 ގޯލު ޖަހައިފަ އެވެ. މިސްރު ޓީމާ އެކު ހަސަން ވަނީ 1990 ވޯލްޑް ކަޕްގައި ކުޅެފަ އެވެ. ކުޅުންތެރިއެއް އަދި ކޯޗުގެ ގޮތުގައި ވޯލްޑް ކަޕްގައި ބައިވެރިވާ މިސްރުގެ ފުރަތަމަ ރައްޔިތަކީ ވެސް ހަސަން އެވެ.
ކޯޗިން 2008 ވަނަ އަހަރު ފަށައި ހަސަން ވަނީ މިސްރުގެ ގިނަ ކްލަބްތަކަކަށް ކޯޗުކޮށްދީފަ އެވެ. މިސްރުގެ ފުޓްބޯޅަ އެންމެ ދަންނަ ކޯޗު އެގައުމާ ހަވާލުވުމަކީ ވޯލްޑް ކަޕްގައި އެޓީމު ކުރިއަށް ދިއުމަށް މިފަހަރު ލިބިފައިވާ އިތުރު ހިތްވަރެކެވެ.
މުހިއްމު ކުޅުންތެރިން
މިސްރުގެ ތަރިއަކީ މުހައްމަދު ސަލާހް އެވެ. އޭނާ ވަނީ ކޮލިފައިންގައި އެޓީމަށް ނުވަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. މިސްރަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިއަކީ ވެސް ސަލާހް އެވެ. ކެރިއަރުގެ ފަހުކޮޅު މިފަހަރުގެ ވޯލްޑް ކަޕް ވާނީ އެންމެ ބޮޑު ސްޓޭޖުގައި ވިދާލަން ސަލާހަށް ލިބޭ ރަނގަޅު ފުރުސަތަކަށެވެ.
މިސްރުގެ އެޓޭކުގައި ހިމެނޭ ޓްރެޒެގޭ އާއި އުމަރު މާމޫޝް އަކީ ވެސް ފާހަގަކޮށްލެވޭ ދެ ކުޅުންތެރިންނެވެ. މިހާރު އަލް އަހްލީ އަށް ކުޅެމުން އަންނަ ޓްރެޒެގޭ ވަނީ ކޮލިފައިންގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. މެންޗެސްޓާ ސިޓީގެ މާމޫޝް އަކީ ސަލާހްގެ ފަހަތުން އެ ގައުމުގެ ލެގަސީ ހިފަހައްޓުމުގެ ޒިންމާ އޮތް ކުޅުންތެރިއެކެވެ. ޔޫރަޕްގެ ތަޖުރިބާއާ އެކު މާމޯޝް ވެސް މިފަހަރުގެ ސްކޮޑުގައި އެޓީމަށް ވަރަށް މުހިއްމުވާނެ އެވެ.