ބެލްޖިއަމް ވޯލްޑް ކަޕްގައި ވާދަކުރާ މިއީ 15 ވަނަ ފަހަރެވެ. ވޯލްޑް ކަޕްގެ ފުރަތަމަ ފަސް މުބާރާތުގެ ތެރެއިން ހަތަރު މުބާރާތުގައި ވާދަކުރުމަށް ފަހު ފަސްދޮޅައިގެ އަހަރުތަކުގައި އެގައުމުގެ ފުޓްބޯޅަ އަށް މަޑުޖެހުމެއް އައެވެ. އަދި އެނބުރި އަންނަން ކުރި މަސައްކަތުގައި ހަތްދިހައިގެ އަހަރުތަކުގައި ވެސް ފުރުސަތު ލިބުނީ 1970 ގެ ވޯލްޑް ކަޕުންނެވެ. ރަން ޖީލަކާ އެކު ފުޓްބޯޅައިގައި ވިދަން ފެށީ 80ގެ އަހަރުތަކުން ފެށިގެންނެވެ. އަދި 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ހަތަރު ވަނަ އެގައުމުން ހޯދި އެވެ. އޭގެ ފަހުން ނުވަދިހައިގެ އަހަރުތަކުން ފެށިގެން ދެހާހުގެ ކުރީކޮޅާ ހަމައަށް ބެލްޖިއަމަކީ ވަރުގަދަ ނަމެކެވެ. އެކަމަކު 2002 ގެ ވޯލްޑް ކަޕަށް ފަހު 2014 ވަނަ އަހަރާ ހަމައަށް އަނެއްކާވެސް ވެއްޓުމެއް އައެވެ.
ބެލްޖިއަމްގައި ދެވަނަ ފަހަރަށް ރަން ޖީލެއް އުފެދުނީ 2011 އިން ފެށިގެންނެވެ. އޭގެފަހުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދައްކައި ތިން ވަނަ ހޯދި އެވެ. އެއީ ބެލްޖިއަމް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ފަހަރެވެ. އޭގެފަހުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެގައުމު ކެޓީ ގްރޫޕް ސްޓޭޖުންނެވެ.
މިފަހަރުގެ ވޯލްޑް ކަޕަށް ބެލްޖިއަމް ކޮލިފައިވީ ގްރޫޕުގެ އެއް ވަނަ ހޯދައިގެންނެވެ. ކޮލިފައިންގައި ބެލްޖިއަމް ވާދަކުރީ ވޭލްސް، ނޯތު މެސަޑޯނިއާ، ކަޒަކްސްތާން އަދި ލިޗެންސްޓައިންއާ އެވެ. ކޮލިފައިންގެ އަށް މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެ ތިން މެޗު އެއްވަރުކުރި އެވެ.
ކޯޗު: ރުޑީ ގާސިއާ (62 އަހަރު)
ބެލްޖިއަމްގެ ކޯޗަކީ ފްރާންސަށް އުފަން ރުޑީ ގާސިއާ އެވެ. އޭނާ ވަނީ ރޯމާ އާއި މާސޭގެ އިތުރުން ލިޔޯން އަދި ނަޕޯލީ އަށް އިރުޝާދުދީފަ އެވެ. ބެލްޖިއަމްގެ ކޯޗުކަމާ ގާސިއާ ހަވާލުވީ 2025 ޖަނަވަރީ މަހު އެވެ. ކޯޗިންގައި ގާސިއާގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ 2011 ވަނަ އަހަރު ލިލްއާ އެކު ފްރެންޗް ލީގު ކާމިޔާބުކުރުމެވެ. މީގެއިތުރުން، 2011، 2013 އަދި 2014 ވަނަ އަހަރު ފްރާންސްގެ އެންމެ މޮޅު ކޯޗުގެ މަގާމް ގާސިއާ ހޯދި އެވެ.
މުހިއްމު ކުޅުންތެރިން:
ބެލްޖިއަމްގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ މި ޖީލު ދުށް އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ކެވިން ޑި ބްރޭނާ އެވެ. ޑި ބްރޭނާ ވަނީ ކޮލިފައިންގައި ހަ ގޯލު ޖަހައިފަ އެވެ. ޑި ބްރޭނާގެ އިތުރުން އެސްޓަން ވިލާ އަށް ކުޅެމުން އަންނަ ޔުރީ ޓީލަމެންސް އާއި މެންޗެސްޓާ ސިޓީގެ ޖެރެމީ ޑޯކޫ ވެސް ފާހަގަކޮށްލެވެ އެވެ. ކޮލިފައިންގައި ޑޯކޫ ވަނީ ފަސް ގޯލު ޖެހުމަށް އެހީތެރިވެފަ އެވެ.
ޒުވާން ކުޅުންތެރިންގެ ތެރޭގައި ޔުވެންޓަސް އަށް ކުޅޭ ލޮއިސް އޮޕެންޑާ ފާހަގަކޮށްލެވެ އެވެ. މިހާރު ދަށްކަމުން އަންނަ މޮޅު ކުޅުމާ އެކު އޮޕެންޑާ މިހާރު އަންނަނީ ފުރަތަމަ އެގާރައިން ވެސް ފުރުސަތު ހޯދަމުންނެވެ.