އެފްރިކާގެ ގަދަބާރު އައިވަރީ ކޯސްޓް މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ ކޮލިފައިން ބުރުގައި ބައިކޮޅަށް އެންމެ ގޯލެއް ވެސް ވައްދާނުލަ އެވެ. ހަ ގައުމު ހިމެނުނު ގްރޫޕުގެ އެއް ވަނަ އެޓީމުން ހޯދީ 10 މެޗުން އަށް މެޗު ކާމިޔާބުކޮށް ދެ މެޗު އެއްވަރުކޮށްގެންނެވެ. ކޮލިފައިންގައި އެޓީމުން 25 ގޯލު ޖެހި އެވެ.
ވޯލްޑް ކަޕުގެ ތާރީހަށް ބަލާއިރު 1930 އިން 1958 އަށް އެގައުމުގެ ފުޓްބޯޅަ އޮތީ އޮތީ ފްރާންސްގެ ބައެއްގެ ގޮތުގަ އެވެ. ފީފާގެ މެންބަރުކަން ލިބި ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރަން ފެށީ 1974 ވަނަ އަހަރު އެވެ. ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އުއްމީދު އެ ގައުމުން ހަގީގަތަކަށް ހެދީ 2006 ވަނަ އަހަރު އެވެ. އޭގެފަހުން ޖެހިޖެހިގެން ތިން ވޯލްޑް ކަޕްގައި އެގައުމު ކުޅުނެވެ. އެކަމަކު ޖެހިގެން އައި 2018 އަދި 2022 ގެ ވޯލްޑް ކަޕަށް ކޮލިފައިނުވެ އެގައުމުގެ ފުޓްބޯޅަ އަށް ވެއްޓުމެއް އަ އެވެ. އާ ޖީލަކާ އެކު އަލުން ވޯލްޑް ކަޕްގެ ފުރުސަތު ހޯދިއިރު އައިވަރީ ކޯސްޓަކީ މިފަހަރުގެ ވޯލްޑް ކަޕްގައި އެފްރިކާގެ އުއްމީދާ ގުޅިފައިވާ ޓީމެކެވެ.
ކޯޗު: އެމާސް ފައެ (42 އަހަރު)
އައިވަރީ ކޯސްޓުގެ ކޯޗު އެމާސް ފައެ އަކީ 2005 އިން 2012 އަށް ގައުމީ ޓީމުގެ މެދުތެރެ ބެލެހެއްޓި ކުޅުންތެރިއެކެވެ. ސީނިއާ ޓީމާ ހަވާލުވީ އެގައުމުގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގައި ކޯޗުކަން ތަޖުރިބާކުރުމަށް ފަހު އެވެ. އައިވަރީ ކޯސްޓް 2023 ވަނަ އަހަރުގެ އެފްރިކާ ކަޕްގެ ޗެމްޕިއަންކަން ހޯދީ ފައެގެ ވަގުތީ ކޯޗުކަމުގަ އެވެ. އެމުބާރާތުގައި އެގައުމުގެ ވަގުތީ ކޯޗުކަމާ ހަވާލުވުމަށް ފަހު ޗެމްޕިއަންކަން ހޯދުމަކީ އޭނާގެ ކޯޗިންގައި އެންމެ ބޮޑު ކުރިއެރުމެވެ. އެފަހަރު މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމް ވެސް ފައެ އަށް ލިބުނެވެ. އޭގެފަހުން 12 އަހަރުގެ ދިގު އިންތިޒާރަށް ފަހު އައިވަރީ ކޯސްޓް ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނުމުގެ ޝަރަފް ވެސް ފައެ ވަނީ ހޯދައިފަ އެވެ.
މުހިއްމު ކުޅުންތެރިން
އައިވަރީ ކޯސްޓުގެ އެންމެ މުހިއްމު ކުޅުންތެރިޔަކީ މިދިޔަ ސީޒަނުގައި ލޯނު އުސޫލުން ޕޯޗުގަލްގެ ޕޯޓޯ އަށް ކުޅުނު ސެކޯ ފޮފާނާ އެވެ. އޭނާ ވަނީ ކޮލިފައިންގައި އެގައުމަށް ތިން ގޯލު ޖަހައިދީފަ އެވެ. ވޯލްޑް ކަޕްގައި އެޓީމުގެ އެޓޭކް ބެލެހެއްޓުމުގެ ޒިންމާ ނަގާނީ ވެސް ފޮފާނާ އެވެ. އިތުރު ކުޅުންތެރިންނަށް ބަލާއިރު ކޮލިފައިންގައި ދެ ގޯލު ޖެހި ސިމޮން އަޑިންގްރާ އާއި ޔަން ޑައޮމަންޑޭގެ އިތުރުން ސަބެސްޓިއެން އަލެއާ އަދި ފްރޭންކް ކެސިއޭ ފާހަގަކޮށްލެވެ އެވެ.