'ކުރަކާއޯ' ގެ ނަމުގައި އެގައުމުގައި ފުޓްބޯޅައިގައި ވާދަކުރަން ފެށީ 2011 ވަނަ އަހަރު އެވެ. އޭގެކުރިން އެގައުމު އޮތީ ނެދަލެންޑްސްގެ ޓެރިޓަރީ އެއްގެ ގޮތުގަ އެވެ. ވަކި ފެޑެރޭޝަނެއްގެ ބާރުވެރިކަމާ އެކު އަހަރުން އަހަރަށް ކުރިއެރުން ހޯދައި އެޓީމު އެވަނީ މިފަހަރުގެ ވޯލްޑް ކަޕުން ޖާގަ ހޯދައިފަ އެވެ. ކުރަކާއޯ އަކީ ވޯލްޑް ކަޕްގެ ތާރީހުގައި މުބާރާތުން ޖާގަ ހޯދި އެންމެ އާބާދީ ކުޑަ ގައުމެވެ. އެގައުމުގެ އާބާދީ އަކީ 156،000 މީހުންނެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ އައިސްލެންޑް އަތުގަ އެވެ.
ކޮލިފައިންގައި ކުރަކާއޯ ވަނީ ގްރޫޕުގެ އެއް ވަނަ ހޯދައިފަ އެވެ. ދިހަ މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވެ ތިން މެޗު އެއްވަރުކުރި އެވެ. ކޮލިފައިންގައި 2025 ވަނަ އަހަރު ބާމިއުޑާއާ ވާދަކޮށް 0-7 ގެ ބޮޑު ތަފާތަކުން މޮޅުވި އެވެ. ކޮލިފައިންގެ 10 މެޗުގައި ހަ ކްލީންޝީޓް ހޯދި އެވެ. އެޓީމުގެ ދިފާއީ ފާރުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ ކޮލިފައިންގައި މޮޅު 30 ސޭވް ކުރި ގޯލްކީޕަރު އެލޯއި ރޫމް އެވެ.
ކޯޗު: ފްރެޑް ރަޓެން (63 އަހަރު)
ކުރަކާއޯ ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނީ ނެދަލެންޑްސްގެ ކޯޗު ޑިކް އެޑްވޮކާޓް އެވެ. ފުރަތަމަ ފަހަރަށް ކުރަކާއޯ ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނުމަށް ފަހު އެޑްވޮކާޓް 2026 ގެ ފެބްރުވަރީ މަހު މަގާމުން އިސްތިއުފާ ދިނީ އޭނާގެ އަންހެން ދަރިފުޅުގެ ސިއްހީ ހާލަތު ގޯސްވުމުންނެވެ. ބަދަލުގައި އެގައުމުގެ ކޯޗުކަމަށް މިއަހަރުގެ ކުރީކޮޅު ހަމަޖެއްސީ ނެދަލެންޑްސްގެ އުމުރުން 63 އަހަރުގެ ކޯޗު ފްރެޑް ރަޓެން އެވެ. ރަޓެން އަކީ މީގެ ކުރިން މެދުއިރުމަތީގެ ބައެއް ކްލަބްތަކާއި ބެލްޖިއަމްގެ އެންޑަލެކްޓަށް އިރުޝާދުދީފައިވާ ކޯޗެކެވެ. އަދި 2022 ވަނަ އަހަރު ޕީއެސްވީ އެސިސްޓެންޓް ކޯޗުގެ މަގާމް ވެސް ފުރާފައިވެ އެވެ.
މުހިއްމު ކުޅުންތެރިން:
ކުރަކާއޯގެ މުހިއްމު ކުޅުންތެރިންނަށް ބަލާއިރު ކުރިން މެންޗެސްޓާ ޔުނައިޓެޑް ޓީމުން ފެނުނު ޓަހިތު ޗޮންގް ފާހަގަކޮށްލެވެ އެވެ. ނެދަލެންޑްސްގެ ޒުވާން ޓީމުތަކަށް ކުޅުމަށް އުމުރުން 26 އަހަރުގެ މިޑްފީލްޑަރު ކުރަކާއޯ އަށް ރަށްވެހިކަން ބަދަލުކުރީ 2025 ވަނަ އަހަރު އެވެ.
ޗޮންގްގެ އިތުރުން ދެބެއިން ކަމަށްވާ ލިއަންޑްރޯ ބަކޫނާ އާއި ޖޫނިނިއޯ ބަކޫނާ ވެސް ފާހަގަކޮށްލެވެ އެވެ. މީގެ ތެރެއިން ލިއަންޑްރޯ އަކީ އެގައުމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ އަދި ޓީމުގެ ކެޕްޓަނެވެ. ކޮލިފައިންގައި ލިއަންޑްރޯ ވަނީ ތިން ގޯލު ޖަހަން އެހީތެރިވެދީފަ އެވެ.
ކޮލިފައިންގައި އެގައުމުގެ ޓޮޕް ސްކޯރާ އަކީ އަކީ ޖާވާން ކަސްޓަނީރް އެވެ. ފަސް ގޯލު ޖަހައި ޓީމަށް އިތުބާރު ހޯދައިދޭ ފޯވާޑަކީ ތާރީހީ ވޯލްޑް ކަޕާ ކުރިމަތިލާއިރު އެޓީމުގެ އެޓޭކުގައި އެންމެ ބޮޑަށް ބަރޯސާވާނެ ކުޅުންތެރިޔާ އެވެ.