މިއީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕުން ފެންނަ ފުރަތަމަ ފަހަރެވެ. މީގެކުރިން ތުރުކީ ވަނީ 1954 އަދި 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅެފަ އެވެ. އެ ގައުމު 1950 ވަނަ އަހަރުގެ މުބާރާތަށް ވެސް އެގައުމު ކޮލިފައިވި އެވެ. އެކަމަކު މާލީ މައްސަލަތަކާ ހެދި އެ މުބާރާތުން ވަކިވީ އެވެ.
މަޝްހޫރު ކުޅުންތެރިންނާއި ނިސްބަތުން ރަނގަޅު ލީގެއް އޮތަސް ތުރުކީ އަކީ ވޯލްޑް ކަޕާ ރައްޓެހި ޓީމެއް ނޫނެވެ. އެކަމަކު ދެ ފަހަރު ވޯލްޑް ކަޕްގައި ވާދަކުރިޔަސް 2002 ވަނަ އަހަރުގެ މުބާރާތް އެގައުމަށް ހާއްސަ އެވެ. އެ ފަހަރު އެގައުމުން ވަނީ ތިން ވަނަ ހޯދައިފަ އެވެ. ސެމީ ފައިނަލުގައި ބްރެޒިލް އަތުން ބަލިވިއިރު ތިން ވަނަ ހޮވަން ކުޅުނު މެޗުގައި 2-3 އިން ދެކުނު ކޮރެއާ ބަލިކުރި އެވެ.
ވޯލްޑް ކަޕަށް ކޮލިފައިވުމަށް ތުރުކީ ކުރީ އުނދަގޫ ދަތުރެކެވެ. ކޮލިފައިން ގްރޫޕުގައި ސްޕެއިންގެ ފަހަތުން އެގައުމަށް ލިބުނީ ދެ ވަނަ އެވެ. އެ ޓީމު ދެން ވާދަކުރި ކޮލިފައިން ޕްލޭއޮފްގަ އެވެ. ސެމީ ފައިނަލުގައި ރުމޭނިއާ 0-1 އިން ބަލިކުރުމަށް ފަހު ފައިނަލުގައި އެޓީމުން ވަނީ ކޮސޯވޯ 0-1 އިން ބަލިކޮށްފަ އެވެ.
ތުރުކީ އަލުން ވޯލްޑް ކަޕަށް ކޮލިފައިވުމަކީ އެގައުމުގެ ފުޓްބޯޅައިގައި މިހާރު ތިބި ހުނަރުވެރި ތަރިންނަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެކެވެ.
ކޯޗު: ވިންޗެންޒޯ މޮންޓެލާ (51 އަހަރު)
ދިގު މާޒީއަކަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނުމުން އިޓަލީ އަށް އުފަން ވިންޗެންޒޯ މޮންޓެލާ އަށް މިހާރު ވެސް އަންނަނީ ތައުރީފް އޮހެމުންނެވެ. އޭނާ ތުރުކީއާ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަވާލުވުމަށް ފަހު ނަތީޖާތައް ރަނގަޅުކުރި އެވެ. އެއާއެކު މިހާރު ވެސް އޭނާ އަކީ އެގައުމުގެ ތާރީހުގައި މެޗުތަކުން މޮޅުވުމުގެ އެންމެ ބޮޑު އިންސައްތައެއް ލިބިފައިވާ ކޯޗެވެ. މޮންޓެލާ ވަނީ މީގެ ކުރިން އޭސީ މިލާނާއި ފިއޮރެންޓީނާ އަދި ސެވިއްޔާ އަށް އިރުޝާދުދީފަ އެވެ.
މުހިއްމު ކުޅުންތެރިން
ތުރުކީގެ އެންމެ މޮޅު ކުޅުންތެރިޔަކީ އެގައުމުގެ "ޓާކިޝް މެސީ" އާދާ ގުލާ އެވެ. ރެއާލް މެޑްރިޑްގެ ތަރި ގުލާ ވަނީ ކޮލިފައިންގައި ހަތަރު ގޯލު އެސިސްޓްކޮށްދީ އެއް ގޯލު ކާމިޔާބުކޮށްދީފަ އެވެ. ކޯޗުގެ ޕްލޭންގައި އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔަކީ ވެސް ގުލާ އެވެ. އޭނާގެ އިތުރުން ޔުވެންޓަސްގެ ކެނަން ޔިލްޑިޒް އާއި ފެނަބާޗޭ އަށް ކުޅޭ ކަރީމް އަކްޓުކްގްލޫ އަކީ ވެސް މުހިއްމު ކުޅުންތެރިންނެވެ. މި ދެކުޅުންތެރިން ވެސް ވަނީ ކޮލިފައިންގައި ތިން ގޯލު ޖަހައިފަ އެވެ. ތަޖުރިބާ އަށް ބަލާއިރު އެޓީމުގެ އެއް ވަނަ ކުޅުންތެރިޔަކީ އަދިވެސް ހަކާން ޗަންގްގްލުލޫ އެވެ. އިންޓަ މިލާންގެ މިޑްފީލްޑަރު ވަނީ މިފަހަރުގެ ކޮލިފައިންގައި ވެސް އޭނާގެ ތަޖުރިބާ ވަރަށް ރަނގަޅަށް ބޭނުންކޮށްފަ އެވެ.