މިއީ އޮސްޓްރޭލިއާގެ ހަތް ވަނަ ވޯލްޑް ކަޕެވެ. ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ކާމިޔާބު ދެ މުބާރާތަކީ 2006 އަދި އެންމެ ފަހުން ބޭއްވި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. އެ ދެ މުބާރާތުގައި ވެސް ގަދަ 16 ގައި އެޓީމު ވާދަކުރި އެވެ. އެންމެ ފަހުގެ މުބާރާތުގެ ނޮކައުޓް ބުރުގައި ބަލިވީ ޗެމްޕިއަން އާޖެންޓީނާއާ ވާދަކޮށް 1-2 އިންނެވެ. އޭޝިއާ ބައްރުގެ ޓީމެއްގެ ގޮތުގައި 2006 އިން ފެށިގެން ތަމްސީލުކުރަމުން އަންނަ އޮސްޓްރޭލިއާ ވަނީ އޭގެ ފަހުން ކުޅުނު ހުރިހާ ވޯލްޑް ކަޕަކަށް ވެސް ކޮލިފައިވެފަ އެވެ.
ވޯލްޑް ކަޕްގެ ސީދާ ޖާގަ އޮސްޓްރޭލިއާ ހޯދީ އޭޝިއާގެ ކޮލިފައިންގެ ތިން ވަނަ ބުރުގައި ހިމެނުނު ގްރޫޕުގެ އެއް ވަނަ ހޯދައިގެންނެވެ. އެ ގްރޫޕުގައި ހިމެނުނީ ބަހްރޭންގެ އިތުރުން ޗައިނާ އަދި ސައުދީ އަރަބިއާ އެވެ.
ކޯޗު: ޓޮނީ ޕަޕޮވިޗް (52 އަހަރު)
އޮސްޓްރޭލިއާ އަށް އުފަން ޓޮނީ ޕޮޕޮވިޗަކީ އޮސްޓްރޭލިއާގެ ގައުމީ ޓީމަށް ކުޅުނު ޑިފެންޑަރެކެވެ. ޕްރޮފެޝަނަލް ކެރިއަރު ނިންމާލުމަށް ފަހު ކޯޗިންގައި އޮސްޓްރޭލިއާ ޓީމުތަކަށް ޕަޕޮވިޗް އިރުޝާދުދީފައިވެ އެވެ. އޭރު އޮސްޓްރޭލިއާގެ އެންމެ މޮޅު ކޯޗުގެ މަގާމް 2013، 2019 އަދި 2022 ވަނަ އަހަރު ހޯދި އެވެ. އަދި 2014 ވަނަ އަހަރު ޕަޕޮވިޗް ވަނީ އޭޝިއާގެ އެންމެ މޮޅު ކޯޗުގެ މަގާމް ވެސް ހޯދައިފަ އެވެ. އޮސްޓްރޭލިއާގެ ކޯޗުކަމާ ހަވާލުވީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އޭގެ ފަހުން އެޓީމުގެ ނަތީޖާތައް ވެސް ޕަޕޮވިޗް ވަނީ ރަނގަޅުކޮށްފަ އެވެ.
މުހިއްމު ކުޅުންތެރިން
އޮސްޓްރޭލިއާ ޓީމަކީ ތަޖުރިބާއާ ޒުވާން ހުނަރާއެކު އެކުލަވާލާފައިވާ ޓީމެކެވެ. އެންމެ ތަޖުރިބާކާރު ކުޅުންތެރިއަކީ ސްޕެއިންގެ ލެވަންޓޭ އަށް ކުޅެމުން އަންނަ ގޯލްކީޕަރު މެތިއު ރަޔަން އެވެ. އުމުރުން 34 އަހަރުގެ ރަޔަން ވަނީ ބްރައިޓަން އާއި ވެލެންސިއާގެ އިތުރުން ލޯނު އުސޫލުން އާސެނަލަށް ވެސް ކުޅެފަ އެވެ. އޮސްޓްރޭލިއާގެ ގައުމީ ޓީމަށް ރަޔަން ވަނީ ސަތޭކައަށް ވުރެ ގިނަ މެޗު ކުޅެދީފަ އެވެ.
ކޮލިފައިންގައި އެޓީމުން ވިދާލި ކުޅުންތެރިންގެ ތެރޭގައި ކުސިނީ ޔެންގީ އާއި ޖެކްސަން އިރްވައިން ހިމެނެ އެވެ. ޔެންގީ ވަނީ ކޮލިފައިންގައި ހަ ގޯލު ޖަހައިފަ އެވެ. އެގައުމަށް ކޮލިފައިންގައި އެންމެ ގިނަ ގޯލު ޖަހައިދިނީ ވެސް އޭނާ އެވެ.