ސްކޮޓްލެންޑް ވޯލްޑް ކަޕްގައި ވާދަކުރާ މިއީ ނުވަ ވަނަ ފަހަރެވެ. މީގެ ކުރިން ވޯލްޑް ކަޕްގައި ކުޅުނު އަށް ފަހަރު ވެސް އެ ގައުމު ވަނީ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ. އެންމެ ފަހުން އެ ގައުމު ވޯލްޑް ކަޕްގައި ވާދަކުރީ މީގެ 28 އަހަރު ކުރިން 1998 ވަނަ އަހަރު އެވެ. ވޯލްޑް ކަޕްގައި މިހާތަނަށް 23 މެޗު އެގައުމުން ކުޅެފައިވާއިރު މޮޅެއް ލިބުނީ ހަތަރު މެޗުންނެވެ.
ސްކޮޓްލެންޑް ވޯލްޑް ކަޕަށް ކޮލިފައިވީ ޔޫރަޕްގެ ކޮލިފައިންގައި ހިމެނުނު ގްރޫޕުގެ އެއް ވަނަ ހޯދައިގެންނެވެ. އެ ގްރޫޕުގައި ދެން ހިމެނުނީ ޑެންމާކާއި ގްރީސްގެ އިތުރުން ބެލަރުސް އެވެ. ކޮލިފައިންގެ ހަ މެޗުން ހަތަރު މެޗު އެ ގައުމުން ކާމިޔާބުކުރި އެވެ. އެއް މެޗުން އެއްވަރުވެ އެއް މެޗުން ބަލިވި އެވެ. ވޯލްޑް ކަޕްގެ ޖާގަ އެގައުމުން ކަށަވަރުކުރީ ގްރޫޕުގެ ފަހު މެޗުގައި ޑެންމާކް ކޮޅަށް އިތުރު ވަގުތުގައި ވައްދާލި ގޯލުތަކުން މޮޅުވެގެންނެވެ.
ކޯޗު: ސްޓީވް ކްލާކް (62 އަހަރު)
ސްކޮޓްލެންޑުގެ ކޯޗަކީ އެ ގައުމަށް އުފަން ސްޓީވް ކްލާކެވެ. ޑިފެންޑަރެއްގެ ގޮތުގައި ގައުމީ ޓީމަށް ވެސް ކުޅުނު ކްލާކް ގައުމީ ޓީމާ ހަވާލުވީ 2019 ވަނަ އަހަރު އެވެ. އޭގެ ކުރިން ކްލާކް ވަނީ އިނގިރޭސި ކްލަބް ބެސްޓް ބްރޮމް އާއި ރެޑިންގެ ކޯޗުކަން ވެސް ކޮށްފަ އެވެ.
ކްލާކް ވެގެން ގޮސްފައިވަނީ ފަހުގެ ތާރީހުގައި ސްކޮޓްލެންޑް ދުށް އެންމެ ކާމިޔާބު ކޯޗަށެވެ. އޭނާގެ ކޯޗުކަމުގައި ސްކޮޓްލެންޑް ވަނީ ބޮޑު ތިން މުބާރާތަށް އެގައުމު ކޮލިފައިވެފަ އެވެ. އެއީ 2020 އަދި 2024 ވަނަ އަހަރުގެ ޔޫރޯ އާއި މިފަހަރުގެ ވޯލްޑް ކަޕެވެ.
މުހިއްމު ކުޅުންތެރިން
ސްކޮޓްލެންޑް ގައުމީ ޓީމުގައި އެންމެ ފާހަގަކޮށްލެވޭ ދެ ކުޅުންތެރިންނަކީ ކެޕްޓަން އެންޑީ ރޮބާޓްސަން އާއި މިޑްފީލްޑަރު ސްކޮޓް މެކްޓޮމިނޭ އެވެ. މިދިޔަ ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލި ރޮބާޓްސަންއަކީ އެ ގައުމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އެވެ. ޒަމާންތަކަކަށް ފަހު ވޯލްޑް ކަޕަށް އެގައުމު ނުކުންނައިރު ޓީމު ލީޑު ކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާނީ ރޮބާޓްސަން އެވެ.
ގައުމީ ޓީމާއި ނަޕޯލީގައި ވެސް މެކްޓޮމިނޭ އަކީ ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. ކޮލިފައިންގައި މެކްޓޮމިނޭ ދެ ގޯލު ޖެހިއިރު، އޭގެތެރެއިން އެއް ގޯލަކީ އެގައުމު ވޯލްޑް ކަޕަށް ކޮލިފައިވި މެޗުގައި ޑެންމާކް ކޮޅަށް އޭނާ ޖެހި ހިތްގައިމު އޯވަހެޑް ކިކެވެ.
މި ކުޅުންތެރިންގެ އިތުރުން ބިލީ ގިލްމޯ އާއި ރަޔަން ކްރިސްޓީއަކީ ވެސް ޓީމުގެ މުހިއްމު ދެ ކުޅުންތެރިންނެވެ.