ވޯލްޑް ކަޕްގެ ޖާގަ 52 އަހަރު ފަހުން ލިބުމަކީ ވެސް ހައިޓީ އަށް ބޮޑު ކާމިޔާބީ އެކެވެ. އެގައުމު މީގެ ކުރިން ވޯލްޑް ކަޕްގައި ވާދަކުރީ 1974 ވަނަ އަހަރު އެވެ. ޖަރުމަނުގައި އޮތް އެފަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ތިން މެޗުން ވެސް އެޓީމު ބަލިވީ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ހައިޓީ ވަނީ ކޮންކާކަފް ސަރަހައްދުގެ ގްރޫޕް ސީގެ އެއް ވަނަ ހޯދައިފަ އެވެ. ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ ދެ މެޗު އެއްވަރުކުރި އެވެ. ބަލިވީ އެންމެ މެޗަކުންނެވެ. ވޯލްޑް ކަޕްގެ ސީދާ ޖާގަ އެޓީމުން ހޯދީ ނޮވެމްބަރު މަހު 0-2 އިން ނިކަރަގުއާ ބަލިކޮށްގެންނެވެ. 

ކޯޗު: ސެބަސްޓިއަން މައިނޭ، 53 އަހަރު

ހައިޓީގެ ކޯޗު ސެބަސްޓިއަން މައިނޭ އެގައުމާ ހަވާލުވީ 2024 ވަނަ އަހަރުގެ ޖޫން މަހު އެވެ. ހައިޓީގައި ކުރިއަށްދާ ހަމަނުޖެހުންތަކާ އެކު ވޯލްޑް ކަޕަށް އެގައުމު ކޮލިފައިކޮށްދިނުމާ ހަމައަށް ވެސް ހައިޓީ އަށް އެރުމުގެ ފުރުސަތެއް ކޯޗު މައިނޭ އަކަށް ނުލިބުނެވެ. އެކަމަކު ފްރާންސަށް އުފަން ކޯޗު ވަނީ ހައިޓީ ޓީމު ގޮވައިގެން ގައުމުން ބޭރުގައި ގޮންޖެހުން ބޮޑު ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. މައިނޭ ވަނީ މީގެކުރިން ކޮންގޯ އާއި ކެންޔާގެ އިތުރުން އިކުއެޓޯރިއަލް ގިނީ އަށް ވެސް އިރުޝާދުދީފަ އެވެ.


މުހިއްމު ކުޅުންތެރިން

ހައިޓީ ޓީމުގައި ވެސް ޔޫރަޕްގެ ލީގުތަކަށް ކުޅޭ ކުޅުންތެރިން ހިމެނެ އެވެ. އޭގެތެރެއިން ފާހަގަކޮށްލެވޭ ދެކުޅުންތެރިންނަކީ އިނގިރޭސި ލީގުން މި ސީޒަނުގައި ރެލިގޭޓްވި ވުލްސްގެ ޖީން-ރިޗްނާ ބެލްގާޑޭ އާއި ސަންޑަލެންޑުގެ ވިލްސަން އިސިޑޯ އެވެ. ބެލްގާޑޭ ފްރާންސުން ހައިޓީ އަށް ރަށްވެހިކަން ބަދަލުކުރީ 2025 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ. މި ދެކުޅުންތެރިންގެ އިތުރުން ޓީމުގެ އެޓޭކުގައި އެންމެ މުހިއްމު ކުޅުންތެރިޔަކީ އެގައުމަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ ފޯވާޑް ޑަކްސަން ނޭޒަން އެވެ. އޭނާ ވަނީ ކޮލިފައިންގައި އެ ޓީމަށް ހަ ގޯލު ޖަހައިދީފަ އެވެ. އުމުރުން 32 އަހަރުގެ ނޭޒަން އަކީ އިރާންގެ ޕްރޯ ލީގުގައި ކުޅެމުން އަންނަ ކުޅުންތެރިއެކެވެ.