ފުޓްބޯޅައިގެ ރަން ޖީލެއް ގުނަމުންދާ މޮރޮކޯ އަކީ ފަހަކަށް އައިސް އެންމެ ބޮޑު ކުރިއެރުމެއް ހޯދި އެއް ގައުމެވެ. މިއަހަރުގެ ކުރީކޮޅު އެޓީމު ވަނީ ދުނިޔޭގެ ރޭންކިންގެ 8 ވަނަ އަށް އަރައިފަ އެވެ. މިއީ އެފްރިކާގެ އެހެން ގައުމަކަށް ހޯދުނު ކާމިޔާބެއް ނޫނެވެ. އަނެއްކޮޅުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި މޮރޮކޯ ވާދަކުރުމަކީ ވެސް އެފްރިކާގެ ރެކޯޑެކެވެ. އެންމެ ފަހުން ކުޅުނު އެފްރިކާ ކަޕްގެ ޗެމްޕިއަނަކީ ވެސް މޮރޮކޯ އެވެ. އެކަމަކު އެ މުބާރާތުގެ ޗެމްޕިއަންކަން އެގައުމަށް ލިބުނީ ސެނެގާލުން ޗެމްޕިއަންކަން ހޯދާފައިވަނިކޮށް އެފްރިކާގެ ފުޓްބޯޅަ އިދާރާގެ ނިންމުމަކާ ގުޅިގެންނެވެ.

ބޮޑު ކުރިއެރުމާއި ކާމިޔާބީއާ އެކު މޮރޮކޯ އިން ވަނީ 19 މެޗުން ޖެހިޖެހިގެން މޮޅުވެ 2025 ވަނަ އަހަރު ދުނިޔޭގެ ފުޓްބޯޅައިގެ ރެކޯޑް ވެސް ހަދައިފަ އެވެ. އަދި އެގައުމުގެ ޒުވާން ޓީމު ވަނީ މިދިޔަ އަހަރު ބޭއްވި 20 އަހަރުން ދަށުގެ ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.

ވޯލްޑް ކަޕްގައި މޮރޮކޯ ކުޅޭ މިއީ ހަތް ވަނަ ފަހަރެވެ. އެންމެ ބޮޑު ކާމިޔާބީއަކީ އެންމެ ފަހުގެ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދުމެވެ. ކޮލިފައިންގައި މޮރޮކޯ ވަނީ ކުޅުނު އަށް މެޗުން ވެސް މޮޅުވެފަ އެވެ. އަދި އެފްރިކާ ބައްރުން މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ޓީމަކީ ވެސް މޮރޮކޯ އެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް ނުކުންނައިރު، ރަން ޖީލެއް އޮތުމަކީ އެގައުމަށް ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ. އަދި 2030 ވަނަ އަހަރު ސްޕެއިން އާއި ޕޯޗުގަލްއާ އެކު ވޯލްޑް ކަޕް ކޯ-ހޯސްޓް ކުރާ އެއް ގައުމަކީ ވެސް މޮރޮކޯ އެވެ. 

ކޯޗު: މުހައްމަދު ކުއާބީ (49 އަހަރު) 

މޮރޮކޯގެ ކޯޗު މުހައްމަދު ކުއާބީ އަކީ އެގައުމުގެ ޒުވާން ޓީމުތަކުން ފެށިގެން ތަމްރީނުވަމުން އައި ކޯޗެކެވެ. މޮރޮކޯ ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނުމާ ހަމައަށް އެ ޓީމުގެ ކޯޗުކަން ކުރީ ވަލީދު ރެގްރާރީ އެވެ. އޭނާ މޮރޮކޯގެ ކޯޗުކަން މިއަހަރުގެ މާޗު މަހު ދޫކޮށްލުމުން އެ ޒިންމާ އަދާކުރަން ހަވާލުކުރީ ކުއާބީއާ އެވެ. ކޯޗިންގެ އެކި ފަންތީގައި 20 އަހަރުގެ ތަޖުރިބާ ހުރި ކުއާބީ ވަނީ މިދިޔަ އަހަރު ބޭއްވި 20 އަހަރުން ދަށުގެ ވޯލްޑް ކަޕް މޮރޮކޯ އަށް ކާމިޔާބުކޮށްދީފަ އެވެ.

ކުއާބީގެ ކެރިއަރުގައި އެންމެ ގިނަ ދުވަސް ހޭދަކުރީ ބެލްޖިއަމްގެ އެންޑަލެކްޓްގަ އެވެ. އެޓީމުގައި ކުޅުންތެރިން ތަމްރީނުކުރުމުގައި 17 އަހަރު ހޭދަކުރިއިރު މަޝްހޫރު ކުޅުންތެރިން އުފެއްދި އެވެ. އޭގެތެރޭގައި ޔޫރީ ޓީލަމެންސް އާއި ޖެރެމީ ޑޯކޫ ހިމެނެ އެވެ. 

މުހިއްމު ކުޅުންތެރިން

ޔޫރަޕްގެ ލީގުތަކުގައި ކުޅޭ މަޝްހޫރު ގިނަ ކުޅުންތެރިން މޮރޮކޯގައި ހިމެނެ އެވެ. މީގެތެރެއިން އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ ޕީއެސްޖީ އަށް ކުޅެމުން އަންނަ މޮރޮކޯގެ ކެޕްޓަން އަޝްރަފް ހަކީމީ އެވެ. އޭނާގެ އިތުރުން ރެއާލް މެޑްރިޑަށް ކުޅޭ ބްރަހިމް ޑިއާޒް އަކީ އެންމެ ފަހުގެ އެފްރިކާ ކަޕްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. މޮރޮކޯގެ އެޓޭކުގައި އެންމެ މުހިއްމު ކުޅުންތެރިޔަކީ ވެސް ބްރަހިމް އެވެ. ސައުދީ އަރަބިއާގެ އަލް ހިލާލަށް ކުޅެމުން އަންނަ ގޯލްކީޕަރު ޔޫސުފް ބޯނޯ އަކީ ވެސް ޓީމުގެ މުހިއްމު ތަނބެކެވެ. އަދި މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ނުސާ މަޒްރާއީ އަކީ ވެސް ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ.