ވޯލްޑް ކަޕްގެ ތާރީހް:
މިދިޔަ ތިރީހަކަށް އަހަރަށް ބަލާއިރު ސައުދީ އަރަބިއާ އަކީ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ރަނގަޅު ތާރީހެއް އޮތް ގައުމެކެވެ. އެގައުމުން އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރީ 1994 ވަނަ އަހަރު އެމެރިކާގައި އޮތް މުބާރާތުގަ އެވެ. އެ މުބާރާތުގައި ސައުދީ އަރަބިއާ ވަނީ ދެ ވަނަ ބުރަށް ދަތުރުކޮށްފަ އެވެ. ގްރޫޕް ސްޓޭޖުގައި މޮރޮކޯ އާއި ބެލްޖިއަމް ބަލިކޮށް މުބާރާތުން އެޓީމު ކެޓީ ގަދަ 16 ގައި ސްވިޑެން އަތުން ބަލިވެގެންނެވެ.
އެމެރިކާގައި އޮތް ވޯލްޑް ކަޕަށް ފަހު ޖެހިޖެހިގެން ހަތަރު ވޯލްޑް ކަޕަށް އެގައުމު ކޮލިފައިވި އެވެ. އެކަމަކު 1998، 2002 އަދި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވެސް ގްރޫޕް ސްޓޭޖުން އެގައުމު ޖެހުނީ މުބާރާތާ ވަކިވާށެވެ. އޭގެފަހުން 2010 އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުން އެގައުމަށް ފުރުސަތެއް ނުލިބުނެވެ. ފުޓްބޯޅައިގައި އެގައުމަށް އައި އަޑިގަނޑަށް ފަހު ވޯލްޑް ކަޕަށް އަލުން އެގައުމު ކޮލިފައިވީ 2018 ވަނަ އަހަރު އެވެ. ރަޝިއާގައި އޮތް އެ މުބާރާތުގައި އެޓީމު ކުޅުނު ފުރަތަމަ މެޗުގައި މިސްރު ބަލިކުރި ނަމަވެސް އުރުގުއޭ އާއި ރަޝިއާ އަތުން ބަލިވެ ކުރިއަށް ދިއުމުގެ ފުރުސަތު ބަންދުވި އެވެ.
ކޮލިފައިވި ގޮތް:
ވޯލްޑް ކަޕަށް ސައުދީ އަރަބިއާ ކޮލިފައިވީ ރަނގަޅު ރެކޯޑަކާ އެކު އެވެ. އެގައުމުން ވަނީ ކޮލިފައިންގެ ދެ ބުރުގައި ވެސް ގްރޫޕުގެ އެއް ވަނަ ހޯދައިފަ އެވެ. ވޯލްޑް ކަޕާއި އޭޝިއަން ކަޕް ކޮލިފައިން ހިމަނައިގެން ކުރިއަށް ގެންދިޔަ ދެ ވަނަ ބުރުގައި ކުޅުނު އަށް މެޗުގައި އެޓީމު ބަލިވެފައެއް ނުވެ އެވެ. ހަ މެޗުން މޮޅުވިއިރު އެއްވަރުވީ ދެ މެޗުންނެވެ.
ކޮލިފިކޭޝަނުގެ ތިން ވަނަ ބުރުގައި ކުޅުނު 10 މެޗުގެ ތެރެއިން އެގައުމު ހަމައެކަނި ބަލިވީ ރަށުން ބޭރުގައި ޖަޕާނާ ދެކޮޅަށް ކުޅުނު މެޗުންނެވެ. ހަތް މެޗު ކާމިޔާބުކޮށް ދެ މެޗު އެއްވަރުކުރިއިރު ގްރޫޕުގެ އެއް ވަނަ ހޯދީ ޖަޕާން އާއި އޮސްޓްރޭލިއާ ފަހަތަށް ޖައްސާލާފަ އެވެ.
ކޯޗު:
ސައުދީ އަރަބިއާގެ ކޯޗަކީ ފްރާންސަށް ނިސްބަތްވާ ހާވީ ރެނާޑް އެވެ. އުމުރުން 54 އަހަރުގެ ރެނާޑް ޕްރޮފެޝަނަލް ފުޓްބޯޅައިގައި ވިދުން ފަނޑު ނަމަވެސް ކޯޗިންގައި އޭނާގެ ރެކޯޑް ރަނގަޅެވެ. އޭނާގެ ކާމިޔާބީ އެންމެ ބޮޑަށް ގުޅިފައިވަނީ އެފްރިކާ ބައްރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްއާ އެވެ. 2012 ވަނަ އަހަރު ރެނާޑް ވަނީ ޒެމްބިއާގެ ގައުމީ ފުޓްބޯޅަ ޓީމަށް އެފްރިކާގެ އެންމެ ބޮޑު މުބާރާތުގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ. އެއީ އެގައުމުގެ ތާރީހުގައި އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބުކުރި ހަމައެކަނި ފަހަރެވެ. ޒެމްބިއާގައި ހޯދި ކާމިޔާބީ އަށް ފަހު 2015 ވަނަ އަހަރު އައިވޮރީ ކޯސްޓްގެ ކޯޗުކަމުގައި ވެސް ރެނާންޑް އެފްރިކާ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެވެ. މިއާއެކު ރެނާޑް ވެފައިވަނީ އެފްރިކާ ކަޕްގެ މުބާރާތް ތަފާތު ދެ ގައުމަކަށް ހޯދައިދިން ހަމައެކަނި ކޯޗަށެވެ.
ޒެމްބިއާ އާއި އައިވަރީ ކޯސްޓުގައި ކާމިޔާބީ ތަކުރާރު ކުރުމަށް ފަހު މޮރޮކޯއާ ހަވާލުވެ 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕަށް އެގައުމު ކޮލިފައިކޮށްދިނެވެ. އެއީ 1998 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕުން މޮރޮކޯ އަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. މޮރޮކޯގެ ކޯޗުކަމުން ރެނާޑް ވަކިވީ 2019 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް އިން މޮރޮކޯ ކެޓުމުންނެވެ.
ސައުދީގެ ކޯޗުކަމާ 2019 ވަނަ އަހަރުގެ ޖުލައި މަހު ހަވާލުވެ އެޓީމުގެ ނަތީޖާތައް ރެނާޑް ވަނީ ރަނގަޅުކޮށްފަ އެވެ. ކޮލިފައިންގައި މޮޅު ކުޅުމެއް ދައްކައި ވޯލްޑް ކަޕްގެ ޖާގަ ސައުދީ އިން ހޯދިއިރު އެގައުމުގެ އަމާޒަކީ ރެނާޑްއާ އެކު މިފަހަރުގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިއުމެވެ.
ފާހަގަކޮށްލެވޭ ކުޅުންތެރިން:
ސަލްމާން އަލް-ފަރާޖް
33 އަހަރުގެ މިޑްފީލްޑަރަކީ ގައުމީ ޓީމާއި އޭނާ ކުޅޭ ކްލަބް އަލް-ހިލާލްގެ ކެޕްޓަނެވެ. އަނިޔާގެ ސަބަބުން އަހަރުގެ ކުރީކޮޅު އަލް-ފަރާޖް ހުރީ އަނިޔާގަ އެވެ. މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު އޭނާ ވަނީ ކުޅުމުގެ ތެރެއަށް އެނބުރި އައސް އަލް-ހިލާލް އިން ސައުދީ ޕްރޮފެޝަނަލް ލީގު ކާމިޔާބު ކުރުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
ރެނާޑްގެ ގޭމް ޕްލޭންގައި އަލް-ފަރާޖް އަކީ މުހިއްމު ކުޅުންތެރިއެކެވެ. ސައުދީގެ ޓީމުން އެންމެ ފަހުން ކުޅުނު މެޗުތަކުގައި އަލް-ފަރާޖް ނެތުމުގެ އުނިކަން ދެއްކި އެވެ. މެދުތެރެއިން ކުޅެމުން އަލް-ފަރާޖް އަކީ ޑިފެންސް ކުރުމާއި އެޓޭކުގައި ވެސް ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. ގްރޫޕް ސްޓޭޖުގައި ވަރުގަދަ އާޖެންޓީނާ އާއި ޕޮލެންޑް އަދި މެކްސިކޯއާ ދެކޮޅަށް ނުކުންނައިރު ޓީމުގެ މެދުތެރޭގައި ކޯޗު ރާނަންޑް އެންމެ ބޯޑަށް ބަރޯސާވާނެ އެއް ކުޅުންތެރިއަކީ ރެނާޑް އެވެ.
ސަލީމް އަލް-ދޯސަރީ
ވިންގުން ކުޅޭ އަލް-ދޯސަރީ އަކީ ވޯލްޑް ކަޕަށް ނުކުންނައިރު ރަނގަޅު ފޯމެއްގައި ހުރި ކުޅުންތެރިއެކެވެ. ސައުދީ ލީގުގައި އަލް-ހިލާލް އަށް މިދިޔަ ސީޒަނުގައި އަލް-ދޯސަރީ ވަނީ 21 މެޗުގައި 9 ގޯލު ޖަހައި 5 ގޯލު ޖަހަން އެހީތެރިވެފަ އެވެ.
30 އަހަރުގެ އަލް-ދޯސަރީ އަކީ މީގެ 10 އަހަރު ކުރިން ފެށިގެން ގަވާއިދުން ގައުމީ ޓީމުން ޖާގަ ހޯދަމުން އަންނަ ކުޅުންތެރިއެކެވެ. 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕްގައި މިސްރު އަތުން ފަހު ވަގުތު ސައުދީ މޮޅުވީ އަލް-ދޯސަރީގެ ގޯލުންނެވެ. މިއަހަރު ވަރުގަދަ ގްރޫޕެއްގައި ލައްވާލިއިރު ސައުދީ އަރަބިއާގެ އެޓޭކުގައި އެންމެ ބޮޑު ދައުރެއް އަދާކުރާނީ އަލް-ދޯސަރީ އެވެ.
އަބްދުﷲ އަލް-އަމްރި
ސައުދީގެ އަލް-ނަސްރު އަށް ކުޅޭ އަލް-އަމްރި އަކީ ސައުދީ އަރަބިއާ ވޯލްޑް ކަޕަށް ކުރި ދަތުރުގައި މޮޅު ކުޅުމެއް ދެއްކި ޑިފެންޑަރެކެވެ. އުމުރުން 25 އަހަރުގެ އަލް-އަމްރި އަށް ސައުދީގެ ސީނިއާ ޓީމުން ފުރުސަތު ލިބުނީ މިދިޔަ އަހަރު އެވެ. ސައުދީ އިން ކޮލިފައިންގައި ކުޅުނު ނުވަ މެޗުގެ ތެރެއިން ގޯލެއް ނުވަދެ ފަސް މެޗު ނިންމާލިއިރު އަލް-އަމްރި ވަނީ ޑިފެންސުގައި ބޮޑު ދައުރެއް އަދާކޮށްފަ އެވެ.
ސައުދީގެ ޕްރޮފެޝަނަލް ލީގުގައި ވެސް އަލް-އަމްރި ކަޓުވާފައި ކުޅުންތެރިންނަށް ދިއުން ވަނީ އުނދަގޫ ކަމަކަށެވެ. އެކަމަކު މިފަހަރުގެ ވޯލްޑް ކަޕްގައި އަލް-އަމްރި ނުކުންނާނީ ދުނިޔޭގައި މިވަގުތު ތިބި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިންނާ ދެކޮޅަށެވެ. އޭގެތެރޭގައި ހިމެނޭ ލިއޮނަލް މެސީ އާއި ރޮބާޓް ލެވަންޑޯސްކީ ހުއްޓުވުމުގައި ސައުދީ ޓީމުގެ އުއްމީދު ގުޅިފައިވަނީ އަލް-އަމްރިގެ ލީޑަޝިޕާ އެވެ.
ގްރޫޕްގަ އޮތް ފުރުސަތު:
ވޯލްޑް ކަޕްގެ ދެ ވަނަ ބުރަށް ދަތުރުކުރަން ބަލާއިރު ސައުދީ އަރަބިއާ އަށް އޮތީ އުނދަގޫ ދަތުރެކެވެ. މި ގްރޫޕުގައި ހިމެނޭ އާޖެންޓީނާ އާއި ޕޮލެންޑް އަދި މެކްސިކޯ އަތުން ސައުދީ އަރަބިއާ އަށް އަދި މިހާތަނަށް މޮޅެއް ލިބިފައެއްނުވެ އެވެ. އާޖެންޓީނާއާ ދެކޮޅަށް ހަތަރު މެޗު ކުޅެ ދެ މެޗު ވަނީ އެއްވަރުކޮށްފަ އެވެ. ޕޮލެންޑާ ދެކޮޅަށް ކުޅުނު ހަތަރު މެޗުން ވެސް ވަނީ ބަލިވެފަ އެވެ. މެކްސިކޯއާ ދެކޮޅަށް ފަސް މެޗު ކުޅުނުއިރު އެއްވަރުކުރެވުނީ އެންމެ މެޗެކެވެ. މިއީ ވޯލްޑް ކަޕްގައި މިގައުމުތަކާ ދެކޮޅަށް ސައުދީ އަރަބިއާ ނުކުންނާނެ ފުރަތަމަ ފަހަރެވެ.
ސައުދީ މުބާރާތަށް ނުކުންނަނީ މުބާރާތުގެ ތާރީހުގައި ދެ ވަނަ ފަހަރަށް ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިއުމުގެ އުއްމީދުގަ އެވެ. އެކަމަކު މިފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ވާދަކުރަންޖެހޭ މެޗުތަކަށް ބަލާއިރު އަނެއް ބުރަށް ދިއުމަކީ އުނދަގޫ ކަމަކަށް ވާނެ އެވެ.