ސްވިޒަލެންޑްގައި 1954 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ޓީވީގެ ފެށުމާއި ލަނޑުގެ ރެކޯޑުތަކުން ފުޓްބޯޅަ އާ އުސްމިނަކަށް ގެންގޮސްދިން މުބާރާތެކެވެ. ނަމަވެސް، މި އުފާވެރިކަމުގެ ތެރެއިން 'ކަޅު ސަފުހާއެއް' ގޮތުގައި ފާހަގަވެގެންދިޔައީ ހަންގޭރީ އާއި ބްރެޒިލްގެ ކުރިމަތިލުމުގައި ފެނުނު އަނިޔާވެރި މާރާމާރީ އެވެ.


ސްވިޒަލެންޑަށް މި މުބާރާތް ބޭއްވުމުގެ ފުރުސަތު ފީފާއިން ދިނީ ބްރެޒިލަށް 1950ގެ މުބާރާތް ބާއްވަން ފުރުސަތު ދިން ކޮންގްރެސްގަ އެވެ. އެހެންކަމުން، މުބާރާތަށް ތައްޔާރުވުމަށް ސްވިޒަލެންޑަށް 8 އަހަރުގެ ދިގު މުއްދަތެއް ލިބުނެވެ. މިއީ އެހާތަނަށް ވޯލްޑް ކަޕެއް ބޭއްވުމަށް ގައުމަކަށް ތައްޔާރުވާން ލިބުނު އެންމެ ދިގު މުއްދަތެވެ.


މި މުބާރާތް ފެށުނުއިރު، ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ނުފޫޒުގަދަ ބާރަކީ ހަންގޭރީ އެވެ. ލެޖެންޑަރީ ފެރެންކް ޕުސްކަސް ފަދަ ތަރިންނާއެކު، އޮލިމްޕިކް ރަން މެޑަލް ހޯދާފައިވާ ހަންގޭރީ ޓީމު މުބާރާތަށް އައީ އެންމެ ފޭވަރިޓުންގެ ގޮތުގަ އެވެ.

މި މުބާރާތަކީ ވޯލްޑް ކަޕްގެ ތާރީހުގައި ލަނޑު ޖެހުމުގެ ރެކޯޑުތައް މުގުރާލި އަހަރެވެ. މުޅި މުބާރާތުގައި މެޗަކަށް އެވްރެޖްކޮށް 5.38 ލަނޑު ޖަހާފައިވާއިރު، މިއީ މިއަދާ ހަމައަށް ވެސް އެއްވެސް ވޯލްޑް ކަޕަކަށް މުގުރާލެވިފައި ނުވާ ރެކޯޑެކެވެ. މީގެ ތެރެއިން އޮސްޓްރިއާ އާއި ސްވިޒަލެންޑް ބައްދަލުކުރި ކުއާޓާ ފައިނަލް މެޗު 7-5 އިން ނިމުނުއިރު، މިއީ ވޯލްޑް ކަޕް މެޗެއްގައި އެންމެ ގިނަ ލަނޑު (12 ލަނޑު) ފެނުނު މެޗެވެ. ނަމަވެސް ކުޅިވަރުގެ ރޫހާ ހިލާފު "ބެޓްލް އޮފް ބާން" ގެ ނަމުން މަޝްހޫރުވި ހަންގޭރީ އާއި ބްރެޒިލްގެ މެޗުގައި ހިނގި ވަރުގަދަ މާރާމާރީއަކީ މި މުބާރާތުގެ ކަޅު ސަފުހާއެކެވެ. މެޗުގެ ފޯރިގަދަވެ، ކުޅުންތެރިންގެ މެދުގައި އުފެދުނު ނުތަނަވަސްކަން ކޮންޓްރޯލުން ނެއްޓި، އިނގިރޭސި ރެފްރީ އާތުރް އެލިސްއަށް ޖެހުނީ ތިން ކުޅުންތެރިއަކަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާށެވެ. ނަމަވެސް، މައްސަލަ އެންމެ ބޮޑުވީ މެޗު ނިމުނު ފަހުންނެވެ.

ހަންގޭރީން 4-2 އިން މެޗު ކާމިޔާބުކޮށް ސެމީ ފައިނަލަށް ދަތުރުކުރި ނަމަވެސް، މެޗު ނިމުމާއެކު ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ޑްރެސިން ރޫމް ކައިރިން ބައްދަލުވެ، ބޮޑު ތަޅާފޮޅުމެއް ފެށުނެވެ. މި މާރާމާރީގައި ބޫޓާއި، ފެންފުޅި އަދި އެހެނިހެން ސާމާނު ހަތިޔާރުގެ ގޮތުގައި ބޭނުންކުރިއިރު، އޭރު އިންޖަރީގައި ހުރި ހަންގޭރީގެ ތަރި ފެރެންކް ޕުސްކަސް ވެސް ބްރެޒިލް ކުޅުންތެރިއަކަށް ފުޅިއަކުން ހަމަލާދިން ކަމަށް ބުނެވެ އެވެ. ބައެއް ކުޅުންތެރިންނަށް ބޮޑެތި އަނިޔާތަކެއް ލިބި، ލޭއޮހޮރުވުންތައް ހިނގި މި ހާދިސާއަކީ މުޅި ދުނިޔެ ސިއްސުވާލި، އަދި ވޯލްޑް ކަޕްގެ ޝަރަފަށް އުނިކަން ގެނުވި ވަރަށް ހިތްދަތި ހާދިސާއެކެވެ.

މުބާރާތުގެ އެންމެ ބޮޑު ސިއްސުމަކީ ހުޅަނގު ޖަރުމަނުގެ ކާމިޔާބީ އެވެ. ދެ ވަނަ ބޮޑު ހަނގުރާމައަށް ފަހު ވޯލްޑް ކަޕުން ބާކީކޮށްފައި އޮތް ޖަރުމަން، ހުޅަނގު ޖަރުމަނުގެ ނަމުގައި އެނބުރި އައިސް ފައިނަލުގައި ހަންގޭރީ ބަލިކުރުމަކީ ދުނިޔެ ސިއްސުވާލި ކަމެކެވެ. ޖަރުމަނަށް މި މެޗު ކާމިޔާބު ކުރުމަށް އެޑިޑާސްގެ "ސްކްރޫ-އިން" ބޫޓުގެ އެހީތެރިކަން ލިބުނުއިރު، މިއީ ފުޓްބޯޅަ ތާރީހުގައި "ޖާދޫއެއް" ނުވަތަ އާދަޔާހިލާފް ކަމެއްގެ ގޮތުގައި މިއަދުވެސް ސިފަކުރާ ނަތީޖާއެކެވެ.